ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

ޕިކްނިކް ސަރަހައްދެއް: ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި -- ފޮޓޯ: ބީއެމްއެލް

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ދިވެހީންގެ މެދުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ. އެގޮތުން، އާއިލާތަކާއި ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް ބެޖެޓުގައި ހިމަނާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެކަމަކު، އެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ ކިހާ އަދަދެއް ކަމެއް ޒަރީރު ހާމައެއް ނުކުރައްވައެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަނީ ---- ފޮޓޯ/ މަޖިލިސް

ޕިކްނިކް ދިޔުމަށް ޚާއްސަ ރަށެއް ކޮންމެ އަތޮޅެއްގައި ތަރައްގީކޮށްދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު 19ގައެވެ.

އޭރު ރައީސް ވިދާޅުވީ، ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާތަކަށް ފަހު މަޝްރޫއު ފަށާނެ ކަމަށެވެ.

https://sun.mv/210171

އެ ކަން ކޮށްދެނީ ރައްޔިތުން އުފާކޮށްދިނުމަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަކޮށް އެއް ރަށް ތަރައްގީކުރި ނަމަވެސް، ވަކިވަކި ރަށްރަށަށް ޚާއްސަކޮށް ވެސް ޕިކްނިކް އައިލެންޑު ތަރައްގީކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަ ރަށްރަށް މިހާރު ވެސް ބައެއް އަތޮޅުތަކުގައި ތަރައްގީކޮށްފައި ވެއެވެ.

comment ކޮމެންޓް