"ތިބާ އެހެން މީހުންނަށް އެހީތެރިވިޔަސް އެކަން ދަންނާނީ އަދި ހަނދާންކުރާނީ މަދު ބަޔެކެވެ. އެހެން މީހެއްގެ ފަރާތުން ހެޔޮ ބަހެއް ލިބުމަށް އެދިގެން މީހުންނަށް އެހީތެރިވުމުން ހިތަށް އަސަރުކުރާނެއެވެ. މީހުންނަށް އެހީތެރިވާންވީ ﷲއަށްޓަކައެވެ. އޭރުން ހިތަށް އުފާވެރިކަން ލިބޭނެއެވެ.ޚާއްސަކޮށް ބަދަލުގައި އެއްޗެއް ނުދެވޭނެކަން އެނގޭ ފަރާތްތަކަށް އެހީތެރިވުން މުހިއްމެވެ. ގިނަފަހަރަށް އެހީތެރިވިޔަސް އެކަން ހަނދާން ނައްތައިލާނެއެވެ. އަދި ހިތުގައި އޮންނަނީ ހަސަދަވެރިކަމެވެ."
***
މިލްހާ ފޮށީގެ މަތިޖެހުމަށްފަހު އަނބުރާ ކަބަޑަށް ލިއެވެ އޭނާ ކަބަޑު ދޮރު ލައްޕަން އުޅެނިކޮށް ދޮރުގެ އަތްގަނޑު އަނބުރާލާ އަޑުއިވުނެވެ. އޭނާ އެހާ އަވަހަށް ސީދާވެލުމުގެ ސަބަބުން އޭނާގެ ކޮނޑު ކަބަޑުގައި ޖެހުނެވެ. އެވަގުތު ދޮރު ހުޅުވުނެވެ. ދޮރުމަތީގައި ހުރީ ސިފްރާނެވެ. ސިކުންތުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
"މިކޮޓަރީގައި ކީއްތިކުރަނީ؟" އޭނަގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެއް ނޫނެވެ. އުއްމީދުވެސް ނުކުރާފަދަ ހިމޭންކަމެކެވެ.
މިލްހާގެ ހިތް ތެޅެމުންދިޔައީ ބާރުބާރަށެވެ. މިލްހާ ވާހަކަދައްކަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް ބޭރަކަށް ނުނުކުތެވެ.
އޭނާގެ ނަޒަރު މިލްހާގެ މޫނުން ގޮސް ހުއްޓުނީ ހުޅުވިފައިވާ ކަބަޑަށެވެ. އޭނަ ފަހަތުން ދޮރު ލައްޕާލިއެވެ. "އަހަރެން ސުވާލެއް ކުރިން...."
މިލްހާ އެތަނުގެ ފަރުނީޗަރަށް ގެއްލިފައި ހުރި ކަމަށް ހެދިގެން ހުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ. މިލްހާއަކީ ދޮގުހަދަން މާ މޮޅު މީހެއްވެސް ނޫނެވެ. ތެދުބަހުން ވާހަކަދެއްކުމަށް މަންމަވެސް ބާރު އަޅާފައިވިއެވެ.
"އަހަރެން....ސިފްރާންގެ ކޮޓަރި ކުޑަކޮށް ބަލާލީ......" މިލްހާ ހިންދިރުވައިލިއެވެ." ކޮޓަރީގެ ދޮރު ހުޅުވާފައި ހުރީ....އެހެންވެ....."
"އެކަން އެބަ ފެނޭ...."
"އަހަރެން ބޭނުންވީ ސިފްރާންއާއި ބެހޭގޮތުން އެނގެން.....އަހަރެންނަށް ނޭނގި އޮތް ކަންކަން ހޯދަން މަޖުބޫރުވީ.... އެންމެން ކަންތައް ކުރިގޮތުން..." މިލްހާ ތުން ފިތައިލިއެވެ.
އެ ޖަވާބުން އޭނަ ކުޑަކޮށް މަޑުޖެހުނުހެން ހީވިއެވެ. އޭނާ އުންމީދުކުރީ މިލްހާ ކޮންމެވެސް އުޒުރެއް ދައްކާނެ ކަމަށެވެ. ހަގީގަތް ކުރިމަތީގައި ހުޅުވާލެވިފައިވާ ފޮތެއްހެން ފެންނަން އޮތް ނަމަވެސް އޮޅުވައިލާނެކަމަށެވެ. ކޮންމެވެސް ދޮގެއް ހަދާނެކަމަށެވެ. އޭގެ ބަދަލުގައި މިލްހާ ދެއަތް މަހާލައިގެން ކުޑަކޮށް އުނދަގޫވެފައިވާ ގޮތަކަށްހުރީއެވެ. އޭނަ ކުރި ކަންތައް ފޮރުވަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހާމަކުރީ ހަގީގަތެވެ.
"އަހަރެންގެ ކޮޓަރިއަކީ އެކަން ފަށަން އެންމެ އެކަށީގެންވާ ތަން ކަމަށް ހީވީ؟"
މިލްހާ އަނގަ ކުޑަކޮށް ހުޅުވާލާފައި ލައްޕައިލިއެވެ.
"ކޯނޗެއް ފެންނާނެކަމަށް އުއްމީދުކޮށްގެން މިތަނަށް އައީ؟"
"ފޮޓޯތައް...ބޮޑަށް ބޭނުންވީ...ސިފްރާން ކުރިން ކައިވެންޏެއްކޮށްފައިވާ ކަމެއް ކުރިއަކުން ނޭގުނު... އެވާހަކަ ބުނުމަކީ މުހިއްމުކަމެއްކަން އެކަކަށްވެސް ނޭގުނު....އެ ކޮޓަރި ކައިރިން ފޮޓޯއެއް ފެނުނީމަ ވާނުވާ އެނގެން ފެށީ...."
"ތިބުނީ؟"
"އަހަރެން ރަށުން ފެނުމުން އެދެމަފިރިން ހައިރާންވެ އަންތަރީސްވެގެން ބެލިގޮތުން ފާޑަކަށް ނުތަނަވަސްވި.....މިކޮޅަށް އައީމަވެސް ހަމަ އެ ނަޒަރުން އެންމެން ބަލަން ފެށީ......ފޮޓޯ ފެނުނީމަ ސަބަބު މިއެނގުނީ......" މިލްހާ ކުޑަކޮށް ބުމަ ހިއްލައިލިއެވެ. "އަހަރެން ވައިފްއާއި ވަރަށް ވައްތަރުތަ؟"
މިލްހާ ޖެހިލުމެއްނެތި އެކުރި ސުވާލުން އޭނަ އަށް މަޖާވެ ހިނިވެސް އައެވެ. އެއާއެކު މިލްހާ ކުރީ ތާކުންތާކު ނުޖެހޭ ސުވާލެއްހެން ހީވާފަދަ ނަޒަރަކުން ބަލައިލަމުން ފަޓުލޫނުގެ ޖީބަށް އަތް ޖަހައިލިއެވެ.
"އެތައް އަހަރެއްވީ ފޮޓޯތަކަކަށް ތިހާ ބޮޑަށް ޝައުގުވެރިވީ؟"
މިލްހާ އޭނާއަށް ބަލަހައްޓައިގެން ހުރީ ލޯ ކުޑަކޮށްލައިގެންނެވެ. އޭނަ ގަސްތުގައި އޭނަ ދެރަކޮށްލަން ނުވަތަ އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވީހެއްޔެވެ؟ ސިފްރާން އަލިފާން އަންދާތަނާއި ދިމާލަށް ހިނގައިގަތެވެ. ކުޑަ މޭޒުކޮޅެއްގެ މަތީގައި އޮތީ ކަޅު ކަރުދާހަކުން ރީތިކޮށް ބަންދުކޮށް ހަނި ރިބަންގަނޑަކުން އައްސާފައިވާ ޕާރުސަލެކެވެ. އޭނާ އެ ނަގާފައި އޭގެ ކާޑު ބަލައިލިއެވެ.
"މި ނަގަންވެގެން މިތަނަށް ވަނީ......" އޭނަ އަމިއްލަ ނަފުސަށް ސަބަބު ކިޔައިދިންފަދައެވެ.
މިލްހާ އެ ހަދިޔާއަށް ބަލައިލިއެވެ. "ބައްޕަގެ އުފަންދުވަހުގެ ހަދިޔާ؟"
"އާނ......." އޭނާ އެ ހަދިޔާ ކޮނޑުދަށަށް ޖަހާލުމަށްފަހު މިލްހާ އާއި ދިމާލަށް އެނބުރިލިއެވެ.
"މިލްހާ ބޭނުންވި އެއްޗެއް ހޯދާ ނިމިއްޖެއްޔާ މިތަނުން ދާންވީނު......." އޭނަގެ އަޑުގައި ހަރުކަށިކަމެއް އަދި ރުޅިވެރިކަމެއްވެސް ނެތެވެ. އޭނަގެ ކޮންމެ އެދުމަކަށް މިލްހާ ބޯލަނބާނެކަމުގެ ޔަގީންކަން އޮތްފަދައެވެ. މިލްހާގެ މޫނު ރަތްވެގެންދިޔެވެ.
މިލްހާ ފުރުސަތެއް ނުލިބިފައި ހުރިފަދައެވެ. ސިފްރާންގެ މޫނަށް ބަލާވެސް ނުލާ ފިޔަވަޅުތައް އަވަސްކޮށްލަމުންގޮސް ދޮރާއި އަރާ ހަމަވިއެވެ.
"މިލްހާ؟"
އޭނަ ގޮވައިލުމާއެކު މިލްހާ އެނބުރި ބަލައިލީ ލޯ ބޮޑުކޮށްލަމުންނެވެ.
"އަހަންނަށް ރަގަޅީ ދެން މިލްހާ އަހަރެންގެ ކޮޓަރިއަށް އައިސް އަހަރެންގެ އެއްޗެހި ހާވަން ނޫޅުނިއްޔާ ..މިއީ ބޭނުންއިރަކު ފާސްކުރަން ހުރި ލައިބްރަރީއެއްނޫން....މިރެއަށްވާ ވަރުވެއްޖެ......"
މިލްހާއަށް އެވަގުތު ލިބުނު ފަދަ ބޮޑު ރިހުމެއް ލަދުވެތިކަމެއް މީގެ ކުރިން ދުވަހަކުވެސް އިހުސާސްކުރެވުނުކަމެއް ނޭގެއެވެ. އެވަގުތުވެސް ހިތާހިތުން ދުޢާއެއްކޮށްލެވުނެވެ. އޭނައަށް ސާބިތުކަން ދެއްވުމަށެވެ. އަލި މަގެއް ދެއްކެވުމަށެވެ. އަދިވެސް މިގޭގައި ކިތަންމެ ސިއްރެއް ފޮރުވިފައިވާކަން އެނގެއެވެ. އެކޮޓަރިއާއި ސާފިޔާ އާއި މިގެއިން އިވޭ އަޑުތަކާއި ބަގީޗާތެރެއިން ހިގާ ދިޔަ ހާދިސާ ސިއްރުން ފުރިފައިވާކަމަށް ބެލެވެނީއެވެ. ޕާޓީއަށް ދާންވީހެއްޔެވެ؟ ނޫނީ ބޭރަށް ނިކުމެ ސްނޯ ފައިބާފައިވާ ރީތި މަންޒަރުތަކުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވަންވީހެއްޔެވެ؟
***
ސިފްރާން އޭނަގެ ބައްޕައަށް ދޭން ތައްޔާރުކުރި ޕާރުސަލް ހިފައިގެން އިރުކޮޅަކު އެތާ މަޑުކޮށްލިއެވެ.
އޭނާ މައްޗަށް އަރައި ހަދިޔާ ނަގައިގެން އަނބުރާ ބޯލްރޫމަށް ދާން އުންމީދުކުރީ އެންމެ މިނެޓެއްގެ ތެރޭގައެވެ. ނަމަވެސް އޭނާއަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ހުޅުވަން ނުޖެހޭ ކަބަޑެއް ކައިރީގައި ހުރެ މަސްތަކެއް ވަންދެން އޭނާ އަތްނުލާ ހުރި ތަކެތި ބަލަމުންދިޔަ މިލްހާއެވެ. އޭނާ އެ ކަބަޑާ ދިމާލަށް އެނބުރިލިއެވެ.
"ކޮންކަހަލަ ކުއްޖެއް؟ ހުއްދަނެތި މަގޭ ކޮޓަރީގައި....އަނެއްކާ ފެނުނީ ކިހާވަަރަކަށް ހެއްޔެވެ؟"
އޭނާ ފޮށީގެ މަތި ހުޅުވާލާފައި، ފޮޓޯތައް ބަލަން ފެށިއެވެ. ފުރަތަމަ ވަކިން ހުރި ފޮޓޯތަކެވެ. އެއަށްފަހު ރިބަންގަނޑުން އެއްކޮށް ބަނދެފައިވާ ފޮޓޯތަކެވެ. އެއިން ކޮންމެ ފޮޓޯއަކާއި ތަނަކާއި މުނާސަބަތު އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
މިލްހާ ކުރީ ކޮން ކަމެއްކަން އޭނާއަށް ތަސައްވުރެ ކުރެވުނެވެ. އެ ފޮޓޯ ގާތަށް ގެނެސް އޭނަ ގެ އަންހެނުންގެ މޫނާއި އަޅާ ކިޔާނީއެވެ. މިލްހާ އެ ގެއަށް ގެނައީ އެ ސަބަބާ ހުރެތޯ އޭނާގެ ހިތަށްއެރީއެވެ. އޭނަ މަސައްކަތްކުރީ މިލްހާއައި އޭނަގެ ކުރީގެ އަންހެނުން ވައްތަރުކަން އެނގޭކަމަށް ނަހަދަން ކަމުގައިވިޔަސް އެހެން އެންމެން އެކަން ދެނެ ތަފާތު ނަޒަރަކުން ބަލާކަން މިލްހާއަށް ވާނީ އެނގިފައެވެ.
އޭނާގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ މިލްހާ ނުކުތް ދޮރާއި ދިމާލަށެވެ.
ސިފްރާންއަށް އެކުއްޖާގެ އަތްތިލަ އޭރު ފާހަގަ ނުކުރެވުނީއެއް ނޫނެވެ. މިލްހާގެ އިނގިލީގައި އޮތް އަނގޮޓި ދަމައިގަތުމުން އިނގިލީގެ ހުޅު ކުޑަކޮށް ރަތް ވެ ލޭކުލަ އެރިކަމުގެ ނިޝާނެއް ހުއްޓެވެ.
އޭނާއަށް އެ އަނގޮޓި ދަމައިގަނެވުނީ ބާރަށެވެ. ބޭއިޚުތިޔާރުގައެވެ. އަނގޮޓި އިނގިލީގައި ތާށިވެފައި އޮތުމުން ބާރުކަމާއި މެދު ވިސްނާނެ ވަގުތު ނުދީ ކެތްތެރިކަން ކުޑަވީއެވެ. އޭނާގެ ސަބަބުން މިލްހާއަށް ތަދުވެދާނެކަމަކަށް ނުވިސްނެއެވެ. އޭނާ ޖީބުގައި އޮތް އަނގޮޓި ނަގައި އެއަށް ބަލައިލިއެވެ. އެއާއެކު ހިތަށް އަސަރުކޮށް ފެންކަޅިވިއެވެ. މިއީ އޭނާގެ އަންހެނުންގެ އަނގޮޓިއެވެ. އޭނަ އަނެއްކާވެސް ދޮރާ ދިމާލަށް ބަލައިލިއެވެ. އަނެއްކާ މިލްހާއަށް އަނިޔާ ވީހެއްޔެވެ؟ ފަހަރެއްގައި ހަމުގެ ތަންކޮޅެއް މަށައިގެންދިޔައީ ކަން ނޭގެއެވެ. ކޮންމެއަކަސް އެއީ ކުޑަ ކުޑަ އަނިޔާއެކެވެ. އެހެންނަމަވެސް، އޭގެ ކުރިން އެތަނުން ލޭ އައިހެއްޔެވެ؟ އޭގެ ފަހުން އަނެއްކާ އެ ޒަޚަމް ގޯސްވި ބާވައޭ އޭނާގެ ހިތަށްއެރިއެވެ. އަންހެންކުއްޖަކަށް އަނިޔާއެއް ދެވުމުން ހިތުގައި ކުޑަކުޑަ ލަދުވެތިކަމެއް އުފެދުނީ ހެއްޔެވެ؟ ނުވަތަ ކުށްވެރިވުމުގެ އިޙްސާސެއް ހެއްޔެވެ؟ އެ ޚިޔާލު ދުރުކޮށްލަމުން އޭނާ އެ އަނގޮޓި ފޮޓޯ ލާފައި ހުރި ފޮއްޓަށް ލިއެވެ.
މިލްހާއަށް ހަލަބޮލިކޮށްލެވުނީ ހަމައެކަނި ފޮޓޯތަކެއް ނޫނެވެ.
***
އޭނާ ބައްޕަގެ ހަދިޔާ ނަގައިގެން ކޮޓަރިން ނުކުތެވެ. އެއީ އަގުބޮޑު ވިންޓޭޖް އަތުކުރީ ގަޑިއެކެވެ. ބައްޕަ އެފަދަ ގަޑިތަކަށް ލޯބިކުރާވަރު އޭނަ ރަގަޅަށް ދަނެއެވެ. ފައިސާއިން ބޭނުންހާ އެއްޗެއް ގަނެވުނަސް ލޯބިވާ ދަރިފުޅު އެގޮތަށް ދޭ އުފަންދުވަހުގެ ހަދިޔާއިން ހަދީދްގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ.
އޭނާ ބޯލްރޫމާއި ހަމަޔަށް ފޯރިއިރު އަޑުތައް ވަނީ މަޑުވާންފަށާފައެވެ. މީހުން އަލްވަދާޢު ކިޔަމުން ދިޔައީ ވަރަށް އަވަހަށް އަދި ބައްދަލުވުމުގެ އުންމީދުގައިވާކަމަށް ބުނަމުންނެވެ. ބާކީ ތިބީ އާއިލާގެ މަދު ގާތް އެކުވެރިންކޮޅެކެވެ.
އޭނަ ބައްޕަގެ ކައިރިއަށް ގޮސް ހަދިޔާ ދިނީ ހިނިތުންވުމަކާއެކުގައެވެ. "އުފަންދުވަހުގެ ތަހުނިޔާ ބައްޕާ....."
ހަދީދް އެ ހަދިޔާއަށް ބަލައިލުމަށްފަހު އޭނާގެ ފިރިހެންދަރިފުޅަށް ބަލައިލިއިރު ލޮލުގައިވީ ލޯތްބާއި ކުލުނެވެ.
"ދަރިފުޅު އެއްޗެއް ނުގަތަސް ހަމަ ރަގަޅުވީހެއްނު....އެކަމަކު ދަރިފުޅުގެ ހަދިޔާ ބައްޕައަށް އަބަދުވެސް ޚާއްސަވާކަން އެނގޭ ދޯ......." ހަދީދު އޭނަ ގެނެސް މޭގައި ޖައްސައިލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. އެ ބައްދާލުމުގެ ތެރޭގައި އޭނަގެ ދެލޯ ވަށައިގެން ހިންގައިލިތަނާ ނަޒަރުގައި އަޅައިގަތީ މިލްހާ ފިޔަވާ ދެވަނަ މީހެއްނޫނެވެ.
އޭނާ އިނީ ބޯލްރޫމްގެ ކުޑަދޮރު ކައިރީގައިވާ ތިރި ސޯފާއެއްގައެވެ. އޭނާގެ ދެފަރާތުގައި ރާހާއާއި ސާރާ އިށީދެލައިގެން ތިއްބެވެ. އެ ދެކުދިން ތިބީ މިލްހާއާއެކު ވަރަށް ސީރިއަސް ވާހަކައެއްގައި ހެން ހީވެއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ކޭކު ކެއުމަށްފަހު ހުސްވެފައިވާ ދެ ކުޑަ ތަށި ހުއްޓެވެ.
"މިލްހާ، އަހަރެން އަދި އެކަތި ބޭނުން...." ރާހާ ބުނެލިއެވެ.
"ރާހާ އެކަތި ކައިފީމެއްނު..."
"ނަމަވެސް ސާރާ އަދިވެސް ކޭކު ކަނީ....." ރާހާ ޝަކުވާކޮށްލިއެވެ.
"އެއީ ސާރާ އަދި އޭނާގެ ތަށި ހުސްނުކުރާތީ....." މިލްހާ ރާހާގެ ކޯތާފަތުގައި މަޑުމަޑުން ހިފައިލިއެވެ."ރާހާގެ މަންމަ ބުނީ ކުދިންކޮޅު ހަކުރުކަނީ ކިހާވަރަކަށް ތޯ ބަލަން...މާ ހައިޕާ ވެދާނެ ގިނައިން ފޮނި އެއްޗެހި ކެއީމަ.ދަތްތައްވެސް ފަނިކާނެ.."
"މަންމަ އަޅައެއް ނުލާނެ....." ރާހާ ޔަޤީންކަން އޮތެވެ.
"ކިހިނެއް އެނގެނީ؟"
"ކާފަގެ އުފަންދުވަސް ވީމާ....."
"ތިއީ ހަމަ ވަރަށް ޤަބޫލުކުރެވޭފަދަ ވާހަކައެއް..."
ސިފްރާން އިރުކޮޅެއްވާންދެން އެ މަންޒަރު ބަލަން ހުރީ ދުރު ބަލައިލަންވެސް ނޭގިފައެވެ. މިލްހާ އެ ކުދިންނާއެކު ވަރަށް ހަމަޖެހިލައިގެން އަމިއްލަ ތަނެއްގައި އުޅޭފަދައިން އިނެވެ. ރާހާ ވަރަށް ފޯރިއާއެކު އަތުގެ ހަރަކާތްތަކާއެކު ވާހަކަދައްކަނީއެވެ. ސާރާ ކޭކުގެ އެއްބައި ކާލާފައި ނިދިއައިސްގެން އާފުރެމުން މިލްހާގެ ގަޔަށް ލެނގިލިއެވެ. މިލްހާ ވަގުތުން އެކުއްޖާގެ ވަށައިގެން އަތް އަޅުވައިލިއެވެ. މިލްހާ ވަރަށް ސީރިއަސްވެލާފައި ރާހާގެ ވާހަކަތައް އަޑުއަހަން އިނެވެ.
"ދަރިފުޅުގެ އަނބިމީހާ ކުދިންގެ މެދުގައި ވަރަށް މަޤްބޫލުވެއްޖެހެން ހީވޭ........." ސިފްރާންގެ ނަޒަރު އަމާޒުވެފައިވަނީ މިލްހާއަށް ކަން އެނގުމުން ހަދީދުގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު ފެނުނެވެ.
"ލައްބަ....ކުދިންކޮޅު އޭނަދެކެ ލޯބިވޭ......" ސިފްރާން ކުޑަކޮށް ނުތަނަވަސްވުމާއެކު އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ހުރިހާ ސަމާލުކަމެއް ހަދީދުއަށް ދިނެވެ.
"އާނ." ޙަދީދް އިރުކޮޅަކު އެ ދެކުދިންނަށް ބަލައިލިއެވެ. "ކުދިންކޮޅު މިލްހާއާއެކު ކުރިހާ ކުދިކުދި އެޑްވެންޗަރުތަކުގެ ވާހަކަ ބައްޕައަށް ކިޔައިދިން...."
ސިފްރާން ވަކި އެއްޗެއް ނުބުނެ މަޑުމަޑުން ހޫމްއެއް އަޅުވާލިއެވެ.
ރާހާ މިލްހާގެ ކައިރިއަށް ޖެހިލައި ކަންފަތްދޮށުގައި ސިއްރެއް ބުނެލުމާއެކު މިލްހާ ބާރަށް ހެވިދާނެތީ އަނގަމަތީގައި އަތް އެޅިއެވެ.
ޙަދީދް ހިނިތުންވެލިއެވެ. "އެކުދިން އުފަލުގައި އުޅޭތަން ފެނުމުން ބައްޕަވެސް ހިތްހަމަޖެހޭ.. މިލްހާއަށް ކުދިންނާއި ގުޅިގެން އުޅެން އެބަ އެނގޭ....ވަރަށް އަޚުލާގު ރަގަޅު އަންހެންކުއްޖެއް.........."
އެންމެ ފަހުން މިލްހާ ސޯފާއިން ތެދުވެ މުޅި ބޯލްރޫމް ތެރެއަށް ބަލައިލިއެވެ. އޭނައާއި ސިފްރާންގެ ދެލޯ އެކަކު އަނެކަކަށް ހުއްޓުނެވެ. ކުޑަ ސިކުންތުކޮޅަކަށް ނަމަވެސް ސިފްރާން ޔަގީންކުރީ މިލްހާ އޭނާ ކައިރިއަށް އަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މިލްހާ އެނބުރިލީ ތަށިތަކެއް ހިފައިގެން ދިޔަ ޖޫހީއާ ދިމާލަށެވެ. އަދި އޭނާއާ ވާހަކަދައްކަން ފެށިއެވެ.
ސިފްރާން ހީކުރީ މިލްހާ ހުރީ ލަދުގަނެފައި ކަމަށެވެ. މިލްހާ ލަދުގަންނަންޖެހޭ ހުރިހާ ސަބަބެއް އޮތެވެ.އޭނަގެ ކޮޓަރިއަށްވަދެ އެގޮތަށް ފާސްކުރުމުން ހިތްހަމަނުޖެހުނުކަން އޭނަވަނީ ވަރަށް ސާފުކޮށް އަންގައިދީފައެވެ. އެހެންނަމަވެސް، ރޭގަނޑު ކުރިއަށްދިޔަވަރަކަށް މިލްހާ ގަސްދުގައި އޭނާއާ ދުރުން އުޅެން މަސައްކަތްކުރާކަން ފާހަގަވާން ފެށިއެވެ. ހަދީދު ކުދިންނަށް އާ ގަޑި ދައްކަން ގޮވައިލުމުން މިލްހާ އެކުދިންނާއެކު މޭޒާ ހަމައަށް އައިސްފާ ހިމޭނުން ދުރަށް ޖެހިލިއެވެ.
ސިފްރާން މުޅި ރޭގަނޑުގެ ބޮޑުބައި ހޭދަކުރީ އަމިއްލައަށް އެކަނިވެލަން އެދިގެންނެވެ. ނަމަވެސް މިހާރު މިލްހާ އޭނާ އެކަނި ބަހައްޓައިގެން ހުރުމުން މާ ބޮޑަށް ހިތްހަމަޖެހިފައިވާހެން ހީވިއެވެ. ކޮންމެ ވާހަކައެއްގެ ތެރެއިންވެސް މިލްހާގެ ނެތްކަން އޭނާއަށް އިހުސާސްވާން ފެށިއެވެ.
ނަސްރީން އަށް ސިފްރާން ފެނުމާއެކު އޭނާގެ ކައިރީގައި ހުއްޓުނެވެ. "ދަރިފުޅު......މިލްހާ ދުށިންތަ؟"
"އޭނާ ވީ ކުދިންނާއެކު......"ސިފްރާން ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ.
"މަންމައަށް އެނގޭ. މައްޗަށް ދިއުމުގެ ކުރިން އޭނާ އެއްޗެއް ކާން ބޭނުންތޯ އަހާލަން ބޭނުންވީ...އެކުއްޖާ ރޭގަނޑުގެ ކެއުމުގައި އަތްވެސް ނުލާ."
"އޭނާ ކާ އެއްޗެއްގެ ހިސާބު ބެލެހެއްޓުމަކީ އަޅުގަނޑުގެ މަސައްކަތެއްވެސް ނޫން..މަންމާ އަޅާނުލާ..ބަނޑުހައިވެއްޖެއްޔާ އަމިއްލައަށް ކާނެ."
ނުނިމޭ