"ތިބާއަށް މި ދުނިޔެއަކީ ހަގީގަތުގައި ކުޑަ ދުވަސްކޮޅެއްގެ ވަގުތީ ފާލަމެއްކަން ވިސްނުމުން ދިމާވާ މުސީބަތްތަކާއި ހިތާމަތަކުން އެހާ ބޮޑު އަސަރެއް ނުކުރާނެއެވެ. އަދި ﷲއަށް ތަވައްކަލުކުރުމާއެކު އާޚިރަތަށް މަސައްކަތްކުރަން އަޒުމް ކަނޑަ އަޅާނެއެވެ. ދުނިޔޭގެ އުފަލާއި މަޖަލުގައި ގިނަ ވަގުތު ހޭދަކުރުމަށްވުރެ އަޅުކަމަށް ވަގުތު ދިނުން މުހިއްމެވެ."

***

އޭނާ ފޮޓޯގަނޑުން ނަޒަރު ވަކިކޮށް އަނދިރި ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ. އެތަނުން އޭނާގެ އަމިއްލަ ސޫރަ އޭނާއަށް ފެނުނެވެ. އަނެއްކާވެސް ފޮޓޯގަނޑާއި ދިމާލަށް ތިރިއަށް ބަލައިލިއެވެ. ފޮޓޯއިން ފެންނަ އަންހެންކުއްޖާ އާދަޔާޚިލާފަށް އޭނާއާ ވައްތަރެވެ.

އެ ކަން ސިކުނޑިއަށް ވަނީ މަޑުމައިތިރިކަމާއެކުގައެވެ، ނަމަވެސް އޭނާގެ ސިކުނޑިއަށް އެ އެ ޔަގީންކަން ލިބުމުން އެތަނުން ނުކުމެގެން ދާން އިންކާރުކުރިއެވެ. ސިފްރާނަށް އެ ދެމީހުން ވައްތަރުކަން ފާހަގަކުރެވޭނެހެއްޔެވެ؟ ނަސްރީންވެސް ވެސް އެކަން އެނގިހުރެވެސް އޭނައާއި ދިމާލަށް އެހެން ބުނެފައެއްނެތެވެ. ހަފްލާގައި އުޅުނު އުމުރުން ދުވަސްވީ މެހުމާނު އޭނާއަށް އެފަދަ ނަޒަރަކުން ބަލައިލީ އެހެންވެގެން ހެއްޔެވެ؟ އަންހެންމީހާ ބުނި ލަފުޒަކުން ނަސްރީން އެހާ އަވަހަށް އިންކާރުކޮށް ދުރަށް ޖައްސާލި ސަބަބަކީ އެއީކަމަށް ވެދާނެއެވެ.

މިލްހާ ވިސްނަން އިނީއެވެ. އޭނާ ފުރަތަމަ ސްކޮޓްލޭންޑަށް އައިއިރު އެންމެން އޭނާއަށް އެހާ ތަފާތު ހައިރާންކުރުވަނިވި ނަޒަރު ދެމުން ދިޔަ ސަބަބު އެންމެ ފަހުން އޭނާއަށް ވިސްނެން ފެށިއެވެ. އެންމެންވެސް ހީކުރީ އޭނާއަކީ ސިފްރާންގެ ފުރަތަމަ އަނބިމީހާ ކަމަށެވެ.

އޭނާ ފޮޓޯގަނޑު ކުޑަކޮށް އަނބުރާލައި އެހެން ކަނަކުން ބަލައިލިއެވެ. އަލި އެޅޭގޮތް ބަދަލުވުމުން އެ ފެންނަ މަންޒަރު ކޮންމެވެސް ގޮތަކުން ސާފުކޮށްދީފާނެ ކަމަށް ހީކުރާ ފަދައެވެ.

ނަސްރީން އޭނާގެ އިނގިލީގައި އެޅުވި އަނގޮޓީގެ މަތިން އަނެއްކާ ހަނދާންވިއެވެ. އެ އަނގޮޓި ފެނުމުން ސިފްރާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިގޮތެވެ. އޭނާ އެ އަނގޮޓި ދަމައިގަތް ބާރުމިނެވެ. އޭނަގެ އިނގިއްޔަށް އަނިޔާދިނީ އެއްވެސް ހައްގަކާއި ނުލައެވެ.

އެއީ އޭނާގެ މަރުވެފައިވާ އަނބިމީހާގެ އަނގޮޓިހެއްޔެވެ؟ އޭނާ އަނެއްކާވެސް ފޮޓޯގަނޑަށް ބަލައިލިއެވެ. ނަމަވެސް އޭގެ ދުވަސްވުމާއި ފަނޑުވެފައިވާ މިންވަރުން އެކަން ޔަގީންކުރަން ދަތި ވިއެވެ. އެއީ ހަމަ އެ އަނގޮޓިކަމުގެ ޝައްކު އޭނާގެ ހިތުން ފިލުވައެއް ނުލެވުނެވެ. އޭނާއަށް ހިތިގޮތަކަށް ހެވެންފެށިއެވެ.

"އެހެންވީމާ ސިފްރާންގެ މަންމަ އަހަރެންގައިގާ އެޅުވީ ކުރީގެ އަނބިމީހާގެ ގަހަނާ..... އަދި އެ އަޅައިގެން ހުރީތީ އުޅުނީ އަހަރެންގެ އިނގިލި ނައްޓައިލަން...ކިހާ ސަޅި..."

އޭނާ ހިމޭންވިއެވެ.

އޭނައަށް އަމިއްލަ ނަފްސު ފޮޓޯއިން ފެންނަ އަންހެންކުއްޖާއާ އަޅާކިޔެން ފެށުނީ ބޭއިޚުތިޔާރުގައެވެ. ކުޑަ ކުޑަ ޙަސަދަވެރިކަމެއްވެސް އެކުލެވުނެވެ. ސިފްރާންގެ ކުރީގެ މިޒާޖު ތަޖުރިބާކުރުމުގެ ނަސީބު ލިބުނުކަމަށްޓަކައި އެ އަންހެންކުއްޖާއާއި ޙަސަދަވެރިވާ ގޮތްވީއެވެ.

ސިފްރާންގެ ފުރަތަމަ ކައިވެނީގެ ވާހަކަ އޭނާއަށް ކިޔައިދީފައި ނުވާތީ އޮޅުވާލެވުނުކަމުގެ އިޙްސާސް ކުރެވުނެވެ. ނަމަވެސް އެ އަންހެންކުއްޖާ މިހާރު ދުނިޔެއަކު ނެތެވެ. އެމީހުން ހިއްސާކުރި ކޮންމެ ދިރިއުޅުމެއް އެ ފޮޓޯއިން ފެންނަ ކޮންމެ އުފާވެރިކަމެއް، ހަނދާނެއް އެއީ މާޒީވެ ގޮސްފައިވާ ކަންކަމެވެ. އަދި ސިފްރާނަށް ވަނީ އަންހެނުން އަބަދަށްޓަކާ ގެއްލިފައެވެ.

އެ ޚިޔާލާއެކުވެސް އާދަޔާޚިލާފުގޮތަކަށް އޭނަގެ ހިތަށް މޮޅިވެރިކަމެއް ވެރިވިއެވެ. އިންތިހާއަށް ލޯބިވި މީހަކު ގެއްލުމަކީ ކިހާވަރެއްގެ ބޮޑު ހިތާމައެއްކަން އޭނާއަށް ތަސައްވަރު ކުރަން ދަތިނަމަވެސް ސިފްރާނާމެދު ހަމްދަރުދީވިއެވެ. ނަމަވެސް އެ ހަމްދަރުދީއަކުން މިލްހާއަށް ލިބުނު ތަދެއް ނުފިލިއެވެ.

ހަފްލާ އޭރުވެސް ކުރިއަށްދަނީއެވެ. މިފަދަ ދެވަނަ ފުރުސަތެއް ނުލިބޭނެކަން އޭނަގެ ޟަމީރު ބުނެލިއެވެ. އޭނާއަށް ސިފްރާންގެ އޮފީސްތެރެ ބަލައިލެވިދާނެއެވެ.

އޭނާގެ ސިޓީތައް ކިޔަން ނޫނީ އަމިއްލަ ތަކެތި ހޯދުމުގެ ގަސްދެއް ނެތެވެ. އޭނާ ހަމައެކަނި ބޭނުންވީ ސިފްރަންގެ ކުރީގެ އަންހެނުންގެ އެހެން ފޮޓޯއެއް ދެކިލުމެވެ. އެ އަންހެންކުއްޖާގެ މޫނު ސާފުކޮށް ފެންނަ ފޮޓޯއެކެވެ. އޭނާއަށް މިހާރުވެސް ޝައްކުކުރެވޭ ކަންތައް ޔަޤީންކޮށްދޭނެ ކޮންމެވެސް އެއްޗެކެވެ.

އޭނާ ފެށީ ފޮތްހަރުގަނޑުތަކުންނެވެ. ފްރޭމްކޮށްފައިވާ ލިޔެކިޔުންތަކާއި ޢިމާރާތްތަކާއި މުދާތަކުގެ ފޮޓޯތަކެއް ވެސް ފެނުނެވެ.

އޭނާ މޭޒާއި ދިމާލަށް ހިނގައިގަތެވެ. އެތަނުގައި ތަރުތީބުން އަތުރާފައިވާ ގިނަ ފައިލްތަކަކާއި، ލައްޕާފައިވާ ލެޕްޓޮޕަކާއި އަދި ގަލަމާއި ޕޭޕަރ ކްލިޕް ހުރި ކުޑަ ޓްރޭއެއް އޮތެވެ. އޭނާ އެންމެ މަތީ ވަތްގަނޑު ހުޅުވާލިއެވެ. ދެން އަނެއް ވަތްގަނޑެވެ. އޮފީސް ސާމާނާއި ލިޔެކިޔުންތައް ފިޔަވައި އެހެން އެއްޗެއް ނުފެނުނެވެ. ތިންވަނަ ވަތްގަނޑު ހުރީ ތަޅުލާފައެވެ. މިލްހާ އެއަށް ބަލަހައްޓައިގެން ހުއްޓެވެ.

އޭނާއަކަށް އެ ބާރަށް ހުޅުވާލެވޭކަށް ނެތެވެ، އަދި ސިފްރާންގެ މޭޒުގެ ތަޅު ހަލާކުކޮށްލައިގެން ސަބަބު ކިޔައިދޭން ޖެހިދާނެ ހިސާބަށް ދާކަށް ނުޖެހޭނެއެވެ. މާޔޫސްކަމާއިއެކު އޭނާ ފަހަތަށް ޖެހިލިއެވެ.

ފަހަރެއްގައި ކައިވެނީގެ އަލްބަމް ބެހެއްޓިފައިވަނީ އެހެން ތަނެއްގައެވެ. ފަހަރެއްގައި މި ނޫން އެހެން ފޮޓޯއެއް ނެތީއެވެ.

***

މިލްހާގެ ހަނދާނަށް ކުއްލިއަކަށް އައީ ސިފްރާންގެ އަމިއްލަ ކޮޓަރިއެވެ. އޭނާ ދުވަހަކުވެސް އެތަނަކަށް ނުދެއެވެ. މިލްހާ ޖެހިލުންވިއެވެ. ސިފްރާންގެ އޮފީސްތެރެ ބެލުންވެސް އޮތީ ނުބައިކަމެއްގެ ގޮތުގައި އިހުސާސްކުރުވާފައެވެ. އޭނާގެ ނިދާކޮޓަރިއާއި ވައި އެޅުންވެސް މަނާވާނެ ކަން ޔަގީނެވެ.

މިލްހާ އެ ދޮރުމަތީގައި އެތައް ސިކުންތެއްވާންދެން ކަންފަތް ދިއްކޮށްގެން ހުއްޓެވެ. ތިރީބައިން އެކި މީހުންގެ ވާހަކަތަކާއި ހީނގަތުމުގެ އަޑުތައް ކުރިއަށްދިޔައެވެ. ތަންކޮޅެއް ދުރުން އަދި މަޑުމަޑުންނެވެ. އެއްވެސް ފިޔަވަޅެއްގެ އަޑެއް ގާތަށް އަންނަކަމަކަށް ފާހަގައެއްނުވިއެވެ.

"ބިސްމިﷲ......."އޭނާ ދޮރުގެ އަތްގަނޑަށް އަނބުރާލިއެވެ. އެ ހުޅުވުނެވެ. އޭނާ އުންމީދުކުރި ވަރަށްވުރެ އެ ކޮޓަރި ބޮޑެވެ. ނަމަވެސް ގޭގެ ބާކީ ބައިތަކެކޭ އެއްފަދައިން އެތަނުންވެސް ފެންނަނީ މުއްސަދިކަމާއި ޒީނަތްތެރިކަމެވެ. ނޭފަތުގައި ޖެހުނު ލުއި މީރުވަހާއެކު އަރާމު ހޫނުކަމުން ހިއްސުތައް ވިހުރިގަތެވެ. ދުރު ފާރުގެ ކައިރީގައި ބޮޑު ސިންގާ އެނދެއް ހުއްޓެވެ. އޭގެ އެނދުފޮތިތައް ފުރިހަމައަށް އަތުރާލެވިފައިވާއިރު ބޯ ރަޖާއަކާއި ބާލީސްތަކާއި ކަންނެޔޮތައް އެނދުގެ އަރާމުކަން އިތުރުކުރުވައެވެ.މިފަދަ ރެއެއްގެ ފިނިން ސަލާމަތްވާން ދައުވަތުދޭފަދައެވެ. ކުޑަދޮރުތަކުގެ ފަރުދާތައް ހުރީ ކަހާލާފައެވެ. ބޭރުން ސްނޯ ފައިބަމުންދިޔަ މަންޒަރު ވަރަށް ފުރިހަމައަށް ފެންނަމުން ދިޔައެވެ. މިލްހާ ވަގުތުކޮޅަކަށް ބަސްހުއްޓިފައި އެ މަންޒަރު ބަލަން މަޑުކޮށްލިއެވެ. އެތަނަށް އައި މަގުސަދުވެސް އިރުކޮޅަކަށް ހަނދާންނެތުނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އޭނާ ޚިޔާލުކުރި ގޮތަށް އެ ކޮޓަރިއަކީ އަނދިރި ބިރުވެރި ތަނެއް ނޫނެވެ. އެތަން އޮތީ ހޫނު އަލިކަމަކުން ދިއްލާލެވިފައެވެ. ކޮޓަރީގެ ވަކިވަކި ތަންތަނުގައި ބެހެއްޓިފައިވާ ތަފާތު ބައްޓަންތަކުގެ ބައްތިތަކުން ދޫކުރާ ރީނދޫ ފިޔާތޮށި އޮރެންޖު އަލިކަމެކެވެ. ކޮޓަރިން ގެނެސްދެނީ އަރާމު އިހުސާސެކެވެ.

ސިފްރާންގެ އޮފީހާއި ޚިލާފަށް މި ކޮޓަރިން އާދަޔާޚިލާފު އަމިއްލަވަންތަކަމެއް އިހުސާސްކުރެވުނެވެ. ސިފްރާންގެ އަމިއްލަ ޖަގަހައަށް ހުއްދަނެތި ވަދެވުނީއެވެ. މިލްހާ އެތެރެއަށް ވަދެ އޭނާގެ ފަހަތުން ދޮރުގެ ބޮޑުބައި ލައްޕާލިއެވެ.

މިލްހާ އަވަސްވެގަތީ އޭނާ އައި މަސައްކަތް ނިންމުމަށެވެ. އޭނާ ފުރަތަމަ ބެލީ އެނދު ކައިރީގައިވާ ވަތްގަނޑުތަކެވެ. އޭނާ ފަރުވާތެރިކަމާއެކު ވަތްގަނޑުތައް ހުޅުވާލިއެވެ. އާއްމުކޮށް ގެންގުޅޭ ޒާތުގެ ސާމާނުތަކެއް ފެނުނެވެ، ނަމަވެސް އެހެން މީހަކު ކުރިން އެ ކޮޓަރި ހިއްސާކުރިކަން އަންގައިދޭ އެއްވެސް އެއްޗެއް ނެތެވެ.

އޭނާ އަލަމާރިއާއި ދިމާލަށް ހިނގައިގަތެވެ. ތަރުތީބުން އަތުރާފައިވާ ހެދުންތަކުގެ ބަރިތައް ހުއްޓެވެ.ހުރިހާ އެއްޗެއްވެސް ގަދަ ކުލަކުލައިގެއެވެ، އަދި އެތަކެތީގެ މެދުގައި ތަންކޮޅެއް މަޑު ކުލައިގެ ގަމީސްތަކެއް ހުއްޓެވެ. އޭނާ ތިރީ ހަރުތަކަށް ބަލައިލުމަށްފަހު އަނެއްކާވެސް އަލަމާރި ލައްޕާލިއެވެ.

އޭނާ ފެންނާނެ ކަމަށް އުންމީދުކުރީ ކޮން އެއްޗެއްހެއްޔެވެ؟ ގަމީސްތަކުގެ މެދުގައި ފޮރުވާފައިވާ ފޮޓޯތަކެއް ހެއްޔެވެ؟ އަމިއްލަ މޮޔަ ޚިޔާލާއިމެދު ނުހެވުނީވެސް ކިރިޔާއެވެ. ހުސްއަތާ ދާންޖެހުނީ ނޫންހެއްޔެވެ؟ އޭނަ ނިކުނަންނަވެގެން ފިޔަވަޅެއް އެޅިތަނާ އަލިފާންއަންދާތަނުގެ ކައިރީގައިހުރި ހަނި ކަބަޑަށް ނަޒަރު ހުއްޓުނެވެ.

މިލްހާ އަލަމާރި ހުޅުވައިލިއިރު އެތެރޭގައި އެތައް ފޮތްތަކަކާއި ކުޑަ ލަކުޑި ފޮއްޓަކާއި އަދި ވަކިން ހުރި ކަރުދާސްތަކެއް ހުއްޓެވެ. އޭނާ ފޮތްތައް ބަރިއަކަށް ބަހައްޓާފައި ބަނޑޭރިގަނޑުގައިވާ ނަމަށް ބަލައިލިއެވެ.އެހާ ޝައުގުވެރިކަން އަތުލައިގަތް ފޮތެއް ނުފެނުނެވެ. އޭނާގެ ސަމާލުކަން އަތުލީ ލަކުޑި ފޮށްޓެވެ. އެއީ ތަޅުލާފައިވާ އެއްޗެއް ނޫނެވެ. އޭނާ އެ ހުޅުވާލިއެވެ. އޭނައަށް އިރުކޮޅެއްވާންދެން ގަބޫލުކުރަން އުދަގޫވެ ބަލަން އިނދެވުނެވެ. ނުބައިގޮތަކަށް ހިތް ފުންމައިގަތެވެ. އޭގެ އެތެރޭގައި ވަކިވަކިން ހުރި ފޮޓޯތަކަކާއި ކުލަ ފަނޑުވެފައިވާ ރިބަންއަކުން އެއްކޮށް ބަނދެފައިވާ ފޮޓޯތަކެއް ހުއްޓެވެ.

އޭނާ ފުރަތަމަ ފޮޓޯގަނޑު ނެގިއެވެ. އެއީ ސިފްރާންގެ ފުރާވަރުގެ ހިތްގައިމު ފޮޓޯއެކެވެ. ސޯޅަވަރަކަށް އަހަރުކަން ނޭގެއެވެ. އޭނާގެ ފުރަތަމަ އަނބިމީހާއާއެކު ކޮލެޖްގައެވެ. އޭނަ އެ ފޮޓޯގަނޑަށް ނިކަން ރަަގޅަށް ބަލައިލިއެވެ. އޭނަގެ ތަސްވީރެއްފެނުނު ފަދައެވެ. ހަމަ އޭނައާއި ސިފްރާންއެވެ. ކުރިން ފެނުނު ފޮޓޯއަށްވުރެވެސް މިއިން ވައްތަރުކަން މާ ބޮޑަށް ފާހަގަވިއެވެ. އޭނަގެ ނާޒުކު ސިފަތަކެވެ. މޫނުގެ ބައްޓަމާއި ހަމަ އެ ދެލޮލެވެ. މި އަންހެންކުއްޖާގެ ހަމުގެ ކުލަ މާ ބޮޑަށް ދޮންވެފައި އިސްތަށިގަނޑުގައި އޮރެންޖުކުލަ ހުރިކަން ފިޔަވާ ތަފާތެއްނެތެވެ.

ސިފްރާން ހުރީ އެ އަންހެންކުއްޖާގެ ކޮނޑުގައި އަތް ބާއްވާލައިގެންނެވެ. ނަޒަރު ހުއްޓިފައިވީ އަންހެންކުއްޖާގެ މޫނަށެވެ.

މިލްހާ އެތައް އިރެއްވާންދެން އެފޮޓޯއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ދުވަހަކުވެސް ސިފްރާން އެހެން މީހަކަށް އެފަދަ ނަޒަރަކުން ބަލަނިކޮށް ނުދެކެއެވެ.ކޮންފަދަ އޯގާތެރި ނަޒަރެއްހެއްޔެވެ؟ނުތަނަވަސް އިހުސާސްތަކުން ހިތަށް ބާރުވެލިއެވެ. އެއީ މޮޔަކަމެއްކަން އޭނާއަށް ނޭގެނީއެއްވެސް ނޫނެވެ. އެ އަންހެންކުއްޖާއަކީ ސިފްރާންގެ އަންހެނުންނެވެ. ޝައްކެއްވެސް ނެތްގޮތުގައި ސިފްރާން އެ އަންހެންކުއްޖާއާއި އޮންނާނީ ގާތް ގުޅުމެކެވެ. މިފަދައިން ކިތަންމެފަހަރަކު ބަލާނެއެވެ.އެދެމީހުންވަނީ އެކީގައި ހަޔާތުގެ ކިތަންމެ ދުވަހެއް ވޭތުކޮށްފައެވެ. އުފާވެރި ހެނދުންތަކާއި، ނިމުމެއްނެތް ވާހަކަތައް ހިއްސާކުރާނެއެވެ. ސަމާސާކޮށް ކުދިކުދި އެތައް ހަނދާންތަކުން ފުރާލެވިފައިވާ އަހަރުތަކެެއްކަން ނޭގެއެވެ. މިގޭގައެވެ. މި ކޮޓަރީގައެވެ. އޭނާއަށް ސިފްރާންގެ ދިރިއުޅުމަށް އާދެވުނުއިރު އެ ބާބު ނިމިއްޖެއެވެ. އޭނައަށް ހީވަނީ އޭނައާއި ސިފްރާންގެ ދިރިއުޅުން ރަަގަޅަށް ނުފެށެނީސް ނިމުމާއި ދިމާލަށް މިސްރާބު ޖަހައިފިހެންނެވެ.

އޭނަ އެހެން ފޮޓޯއެއް ބަލަން އުޅުނުތަނާ ކޮރިޑޯއިން ކޮންމެވެސް އަޑެއް ކަންފަތުގައި ޖެހުނެވެ. ފިޔަވަޅުތަކެއްގެ އަޑެވެ. އޭނާ ސިހިފައި ދޮރާ ދިމާލަށް ބަލައިލިއެވެ.

އޭނާ ކުރާނެކަމެއް ނޭގިފައި އިރުކޮޅެއްވާންދެން ހިމޭނުން ހުއްޓެވެ. ޔަގީނުންވެސް އެ ފިޔަވަޅުތައް އަންނަނީ ގާތަށެވެ. އޭނަގެ އަތްތިލަ ރޮބޮޓެއްހާ ހަލުވިކޮށް ހަރަކާތްކުރަން ފެށިއެވެ. ބިސްމީގެ ބަރަކާތުން މަސައްކަތް ފެށިއެވެ. އަވަސްއަވަހަށް ފޮޓޯތައް އެއްކޮށްލުމަށްފަހު އަނެއްކާވެސް ލަކުޑި ފޮށީގެ ތެރެއަށް ލިއެވެ. އޭނާގެ އިނގިލިތައް ފަނޑުވެފައިވާ ރިބަންގަނޑުގައި އޮޅުމުން އެތަނުން އެއް ފޮޓޯ އަތުން ދޫވެގެން ވެއްޓެން އުޅުނެވެ. ބިންމަތީގައި ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ހުޝިޔާރުކަމާއެކު ހިފަހައްޓައި އެހެން ފޮޓޯތަކުގެ ދަށަށް ކޮއްޕާލިއެވެ.

މިލްހާ ފޮށީގެ މަތިޖެހުމަށްފަހު އަނބުރާ ކަބަޑަށް ލިއެވެ އޭނާ ކަބަޑު ދޮރު ލައްޕަން އުޅެނިކޮށް ދޮރުގެ އަތްގަނޑު އަނބުރާލާ އަޑުއިވުނެވެ. އޭނާ އެހާ އަވަހަށް ސީދާވެލުމުގެ ސަބަބުން އޭނާގެ ކޮނޑު ކަބަޑުގައި ޖެހުނެވެ. އެވަގުތު ދޮރު ހުޅުވުނެވެ. ދޮރުމަތީގައި ހުރީ ސިފްރާނެވެ. ސިކުންތުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

"މިތާގައި ކީއްތިކުރަނީ؟"

މިލްހާ ވާހަކަދައްކަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް ބޭރަކަށް ނުނުކުތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު