"ތަހައްޖުދު ފަޖުރު އަދި ޒިކުރާއި ގުރުއާނުން ދުވަސް ފެށުމުން ދުވަހުގައި ބަރަކާތް ލައްވާނެއެވެ. އަދި ކަންނެތްކަން ފިލާނެއެވެ."
***
ސިފްރާން އެ އަންހެންކުއްޖާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރީ އުފާވެރިގޮތަކަށް ހިނިތުންވެލައިގެންނެވެ.މިފަހުން ހީލިޔަސް ހީވަނީ ގަދަކަމުން މަޖުބޫރުވެންހެންނެވެ. ނަމަވެސް ފޮޓޯއިން ފެންނަނީ ތަފާތު ރީތި ހިނިތުންވުމެކެވެ. ލޯވެސް ހިނިތުންވާފަދައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ މޫނަށް ޖަމާވެފައިވާފަދައެވެ. އެހެން ސިފްރާން ހީލައިގެން ހުރިތަނެއް މިއިން ޒަމާނެއްގައި އަދި ފަހުންވެސް ފެންނާނެކަމެއް ނޭގެއެވެ. މިލްހާ ފޮޓޯ އަނބުރާލިއެވެ. ފަހަތުގައި ފޭދިފައިވާ ދެއްޔަކުން ދެ ލަފުޒު ލިޔެފައިވިއެވެ.
"މައި ވައިފް"
އެވަގުތު އަނެއްކާ ތިންފަހަރު ޓަކި ޖެހިއެވެ. ނިކަން ސާފެވެ. މިލްހާގެ މެޔަށް ފެން އެއްޗެއް އޮއްސައިލިފަދަ އިހުސާސްއަކާއެކީ ހާސްކަމެއް ވެރިވިއެވެ.
"ހެލޯ.....އެއްވެސް މީހަކު އެބަހުރިތަ؟"
އޭނަގެ ސުވާލުގެ ޖަވާބަކަށް ވީ ހިމޭންކަމެވެ. އިތުރު އެއްވެސް އަޑެއް ނީވުނެވެ. އެއީ އޭނަގެ ހަލަބޮލިވެފައިވާ ސިކުނޑިއަށް ވަން ވަހުމެއްކަމަށް ނިންމިތަނާ ފަހަތުން މީހަކު ވާހަކަދެއްކިއެވެ.
"މިލްހާ މިތާގައި ކީއްކުރަނީ؟"
އޭނަ ސިހިފައި އެނބުރުނުގޮތުން އަތުތެރޭގައިވި ފޮޓޯވެސް އަތުން ދޫނުވީ ހަމަ ކިރިޔާއެވެ.
ޖޫހީ ހުއްޓިލައިގެން ހުރީ ތަންކޮޅެއް ދުރުގައެވެ. މިލްހާ ކޮރިޑޯގެ އެންމެ ކޮޅުގައި އެކަނި ހުރިކަން ފާހަގަވުމާއެކު އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ލާނެތް ސިޔާސަކުއްޖާގެ މޫނުމަތިން ކަންބޮޑުވުމައި ސީރިޔަސްކަން ފައުޅުވިއެވެ.
"މިތާ.... ތިހިރީ... އަހަރެން މިލްހާ ހޯދަން ހުރިހާ ތަނެއް ބަލައިފިން..."
އޭނަ އަވަހަށް ފޮޓޯގަނޑު ހެދުމުގެ އަރިމަތީގައި ހުރި ޖީބަށް ޖަހައިލަމުން ފޮރުވާލިއެވެ.
"އެވަރަށް ހޯދައިފިންތަ؟ނަސީބެއްނު ހޯދަމުން ރާއްޖެ ނުދިޔަކަން......އެހާވަރުން ހޯދަނީ ކީއްވެ؟"
"މެޑަމް ނަސްރީން އެންގެވީމަ...." ޖޫހީ ލަކުޑި ދޮރާއި ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް އޭނައަށް ބަލައިލިއެވެ. "ބުނެބަލަ......މިލްހާ މިތާ ތިޔަ ކުރަނީ ކިހިނެއް؟"
"މާ ބޮޑު ކަމެއްނުވޭ.... އަހަރެން ތަންކޮޅެއް ހިމޭން އެކަނިވެރިތަނެއް ހޯދަމުން މިކޮޅަށް އައީ..... މިއުޒިކްކުޅެންފެށީމަ އަޑު ނާހަންވެގެން...ދީނުގައި ހުއްދަކަމެއްނޫނޭ ގިނަ ދަންނަބޭކަލުން ވިދާޅުވަނީ..އެހެންވީމަ ސުންނަތަށްވެސް ވީހާވެސް ވަރުން އުޅެން މަސައްކަތްކުރަންވާނެ ދޯ...އެއީ ސަބަބު...."
ޖޫހީ އޭނާގެ މޫނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. "ތީވެސް ރަގަޅު ވާހަަކައެއް....ދީނަށް އުޅެން ޖެހޭ.....އެކަމަކު މިލްހާގެ މޫނު ހުދުވެފައި ތިހިރީ....ހާލު ރަނގަޅުތަ؟ ހޫނު ޗޮކްލެޓެއް ގެންނަންތަ؟"
ޖޫހީއަށް އެކަން ޤަބޫލުކުރެވުނުހެން ހީނުވިޔަސް އޭނާ އިތުރަށް ސުވާލެއް ނުކުރިއެވެ.
މިލްހާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. ނަމަވެސް އެއީ ކަންބޮޑުވެފައިވާފަދަ ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ސިފަވަމުން ދިޔައީ އެ ފޮޓޯއެވެ. ޖޫހީ އޭނަގެ ބަހަނާ ޤަބޫލުކުރިހެން ހީނުވި ނަމަވެސް އިތުރަށް ސުވާލެއް ނުކުރިއެވެ.
މިލްހާ އިސްޖަހާލައިގެން ހުރެ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އެޅިއެވެ.
އެމީހުން ބަގީޗާއަށް ދޮރުހުޅުވޭ ބިއްލޫރި ކުޑަދޮރާއި އަރާހަމަވެފައި ޖޫހީ ކުއްލިއަކަށް ފިޔަވަޅު މަޑުކޮށްލިއެވެ."މިލްހާ...މިލްހާ...ބޭރު ބަލާބަލަ....އުފަލުން ހަމަ ހަޅޭއްލަވައިގަންނާނެކަން ޔަގީން......"
ޖޫހީގެ އަޑުގައި ހުރި ޖޯޝާއި ފޯރިއަކުން މިލްހާވެސް ބިއްލޫރިގަނޑާއި ދިމާލަށް ބޭރަށް ބަލައިލިއެވެ. ފުރަތަމަފަހަރަށް އެ ފެންނަނީ ކޮން އެއްޗެއްކަމެއް އެއްވެސް ވަރަކަށް ނުވިސްނުނެވެ. ކުދިކުދި ހުދު ފޮތިކޮޅުތަކެއް ފަދަ އެއްޗެހި އަނދިރިކަމުގެ ތެރެއިން އުދުހެމުންދިޔައެވެ. "މިއީ؟"
ޖޫހީ ހިނިތުންވެލިއެވެ. "ސްނޯ...."
އޭނަ އަވަހަށް ދޮރާއި ގާތަށް ޖެހިލިއެވެ. ހަގީގަތުގައިވެސް ސްނޯ ފައިބަނީއެވެ.
އޭނާ ފިލްމުތަކުން އަދި މޫސުމް ބަދަލުވެގެންދާ ފަދަ ތަންތަނުގައި އުޅޭ މީހުންގެ ފޮޓޯތަކުން ސްނޯ ދެކުނެވެ. ނަމަވެސް އަމިއްލަ ދެލޮލުން ފެނުމުގެ ނަސީބު ލިބުނީ އަލަށެވެ. ކުރިން އޭނައާއި ގާތުގައިވީ މޫދާއި ކަނޑެވެ. ވާރޭ ވެހުނަސް ފިނިކަމެއް ނުގެނެސްދޭ ރަށެއްގައި ހޭދަކުރި އޭނާގެ ގެ ދިރިއުޅުމުގައި އެންމެ ފަހަރަކުވެސް ސްނޯ ފެނިދާނެކަމަށް ހުވަފެނެއްގައިވެސް ނުދެކެއެވެ.
"ހިނގާ ބޭރަށް ގޮސް ސްނޯ ބަލައިލަން ....."ޖޫހީގެ ފަހަތުން އައުމަށް އެދުނެވެ. ޖޫހީ އޭނަ ގެންދިޔައީ ގޭގެ ފަހަތުގައިވާ ބަޔަކަށެވެ. އެތަނުގެ ދޮރު ހުޅުވާލުމާއެކު ގަނޑުފެނުގެ ރޯޅިތައް މޫނުގައި ބީހިލުމާއެކު ހީކަރުވައިގެން ރޫރޫއަޅާވަރުވިއެވެ. އެތަނުގައި ކުދި މާގަސްތައް އިންދާފައިވާ މުށިތައް ހުއްޓެވެ. މިލްހާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނާގެ ސިކުނޑީގައި އަދިވެސްވަނީ އެ ތިން ޓަކީގެ އަޑެވެ. ފޮޓޯއެވެ. އެ ތަނާއި ފޮޓޯއާއި ގުޅުމެއްވޭހެއްޔެވެ؟
" ކޭކު ފެޅުމުގެ ވަގުތު ގެއްލިދާނެ. ޕާޓީ ނިމުނީމަ ބަގީޗާތެރެއަށް ދާނީ ދޯ...." ޖޫހީ ބުނެލިއެވެ.
މިލްހާގެ ނުތަނަވަސްކަން ފިލައިގެން ނުދިޔަސް ހާމަ ތަަނަކަށް ނުކުމެވުމުން އޭނާއަށް ހަމަނޭވާއެއް ލެވުނެވެ. މައްސަލައަކީ ނޭވާވެސް އާތްވަށް ބަދަލުވެފައިވާކަމެވެ. ކަށި ތޮރުފާލާފަދަ ފިނިކަމެކެވެ.
މިލްހާ އޭނާގެ އަތް ދިއްކޮށްލިއެވެ. ސްނޯ އެތިކޮޅެއް އޭނާގެ ބޮޑުވާއިނގިލި މަތީގައި ޖެހުނެވެ. އޭގެ ނާޒުކު ބައްޓަން އިރުކޮޅަކަށް ފެނިލުމަށްފަހު ވިރިގެން ދިޔައެވެ.
ފިނި މޫސުމްގެ ކުރީކޮޅު ސްނޯ ރަނގަޅަށް ހަރުނުލާނެކަމަށާއި އަދި ދުވަސްކޮޅަކުން ސްނޯ އިން މުޅި ޝަހަރު ފޭރާން ލާނެކަމަށް ބުނެ ޖޫހީ ވާހަކަދައްކަން ފެށިއެވެ. އޭނަ ހިމޭނުންހުރެ އަޑުއަހަމުން ދަނިކޮށް އެދެމީހުންގެ ފަހަތުން ފިޔަވަޅުގެ އަޑުއިވުނެވެ.
"މިތާގައި؟"
ސިފްރާން ބޭރަށް ނުކުތީ ދޮރު ލައްޕާލަންވެސް އުޅުމެއް ނެތިއެވެ.
ސިފްރާންގެ ނަޒަރު ހުއްޓުނީ ޖޫހީއަށެވެ. "ކާ މޭޒުގައި ބަހައްޓަން އިތުރު އުއްބައްތިތައް ބެހެއްޓީ ކޮންތާކުތޯ މަންމަ އެބައަހާ......"
"ޕެންޓްރީ ކަބަޑުގައި ސަރ. ދެވަނަ ހަރުގައި....."ޖޫހީ އަވަސްއަވަހަށް ޖަވާބުދެމުން ސިފްރާން ގެ މޫނަށް ބަލައިލީ ލަދުން މަރުވާވަރުވެފައި ހުރެއެވެ. ރަކި ނަޒަރަކުންނެވެ. ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. އެއާއެކު ނޭވާ ދަމައިލެވުނެވެ. ސިފްރާން އެއަހައިލީ ޖަވާބަކަށް އެދިގެން ނޫންކަން ވިސްނިގެން ޖޫހީ އަވަހަށް މާފަށް އެދެމުން ދުވަމުން ކަހަލަގޮތަކަށްގޮސް އެތެރެއަށް ވަނެވެ.
މިލްހާ ބަަލަން ހުރީ ހުދު ރެއިލިން މަތީގައި ޖަމާވަމުންދިޔަ ސްނޯގެ އެތިކޮޅުތަކަށެވެ. ފިނިން ސަލާމަތްވާން މޭގައި އަތް ހުރަސްކޮށްލެވުނެވެ. ސިފްރާން ހުއްޓުނީ އޭނައާއި ދެފޫޓު ދުރުގައި ނަމަވެސް އުދަގޫ އިހުސާސެއްކުރެވުނެވެ. ސިފްރާންއާއެކު މިހާ ރީތިި މަންޒަރެއް ހިއްސާކުރަން ހުންނަންވީ އެ ފޮޓޯގައި ހުރި އަންހެންކުއްޖާއެވެ. އޭނަ މިދެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ގަދަކަމުން ގެނެސް ލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
"މިލްހާ.....މިތަނަށް އައިއްސުރެ ބޭނުންވީ މި މަންޒަރުދެކެން.. އިންތިޒާރު ފުރިހަމަވީނު....."
ސިފްރާން ރެއިލިން މަތީގައި އެއްވަމުން ދިޔަ ސްނޯގައި އިނގިލިތައް ޖައްސައިލިއެވެ.
"މިލްހާ ޝައުޤުވެރިވެ އުފާވިހެނެއް ހިޔެއްނުވޭ...." ސިފްރާން އިތުރުކޮށްލިއެވެ."ބައެއްފަހަރު ބޭނުންވާ އެއްޗެއް ލިބުނީމަ ވަރަށް އަވަހަށް ފޫހިވެދާނެ. އިންސާނުންގެ ހިތަކީ އަޖައިބެއްފަދަ އެއްޗެއް...އިންތިޒާރުގައި ހުންނައިރު އެހެންކަމެއް ހެން ހީވާނެ..ނުލިބިގެން ރޮއި ދުޢާކޮށް އެވަރުން ހަމަ އަތަށް އެރީމަ އެހެން އެއްޗެއް ބޭނުންވާނީ..."
މިލްހާ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. އެ ފޮޓޯގެ މަތިން ހަނދާންނުކޮށް އޭނާއަށް ސިފްރާނުގެ މޫނަށް ބަލައިލަންވެސް ފަސޭހައެއްނޫނެވެ.
"މިހާ ފިނިވާނެކަމެއް އޭރަކު ނޭގޭ..ރީއްޗަސް ނުރައްކާތެރި އަދި ސިއްރުވެރި އެއްޗަކަށް ސްނޯވެސް މިވީ. ދުނިޔެއިން އެއްވެސް އެއްޗެއް ފުރިހަމައެއްނުވާނެހެން ހީވަނީ....." އޭނަ މާނަވީގޮތަކަށް ބުނެލިއެވެ. ސިފްރާންގެ ރީތިކަމަކީވެސް ދަޅައެކެވެ. "މައި ވައިފް" އޭ ލިޔެފައި އިނީ ދެން ހާދަ ފޮނިވެފައެވެ. ނޫނެކެވެ. އެމީހެއްގެ އަންހެނުންނާއި ދިމާލަށް އެގޮތަށް މުޚާތަބުކުރުމަކީ ފޮނިކަމެއްނޫނެވެ. އެއީ ތެދުވެރި ލޯތްބެވެ. އެއިން ދައްކުވައިދިނީ ސިފްރާންގެ ހިތުގައި އަނބިމީހާއަށްޓަކާ ވި ޚާއްސަ މަގާމެވެ.
"މިލްހާއަށް ތި ހެދުން ލައިގެން ބޭރުގައި ފަސް މިނިޓަށްވެސް ކެތްކުރެވޭނެކަމެއް ނޭގޭ......"ސިފްރާންް އަތުކުރީގައިވާ ބޮޑު ގަޑިއަށް ބަލައިލިއެވެ.
މިލްހާ އޭނަގެ އިނގިއްޔަށް ބަލައިލިއެވެ. އަދިވެސް އެ އިނގިލިން ރަތްކަން ނުކެނޑެއެވެ. ސިފްރާންގެ ރަހުމް ކުޑަކަމުގެ ނިޝާނެކެވެ.
ފޮޓޯ ނުފެނުނުނަމަ އަދި ސިފްރާން އޭނަގެ އިނގިއްޔަށް އަނިޔާ ނުކުރިނަމަ އޭޭނައަށް މި ރެއާއި ސްނޯގެ ހަނދާންތަކުން އުފަލާއި ހިތްހަމަޖެހުން ލިބުނީސްކަން ޔަގީނެވެ. އޭނަގެ ހިތުގައި އެތައް ސުވާލެއް އުފެދުނީހެވެ. ސްނޯ ދެމިހުންނަނީ ކިހާ މުއްދަތަކަށްކަމާއި، ކޯރުގައް ގަނޑުވެ މީހުން އަސްލުވެސް ސްނޯމޭން ހަދާތޯ އަދި ސްނޯ މަތީގައި އަޑިއަށް ނުގޮސް ހިނގޭނެހެއްޔޭވެސް އަހާ އެތައް ސުވާލެއް ކުރެވުނީހެވެ.
އޭނާ ހީކުރީ އޭނާ ކުދިންނާއެކު ބަގީޗާގެ ތެރޭގައި ދުވެ ދުވެފައި އުޅޭނެކަމުގައެވެ. އޭނާގެ އަނގައިން ސްނޯގެ އެތިކޮޅުތައް ނަގަން މަސައްކަތްކުރާނެކަމަށެވެ. އޭނާގެ އިނގިލިތައް ފިނިވެ އައްސިވުމުން މަޖާވެފައި ހެވޭނެކަމުގައެވެ. އަދި ފޯނު މަސައްކަތްކުރަން ފެށުމާއެކު އާއިލާއަށް ގުޅައިއެންމެ ފަހުން އޭނާއަށް ސްނޯ ފެނިއްޖެ ޚަބަރުވެސް ކިޔައިދޭނެކަމަށެވެ. ނަމަވެސް މިހާރު އޭނަގެ ސިކުނޑިވަނީ ހިމޭންވެފައެވެ. އޭނަ ޚިޔާލުކޮށްފައިވާގޮތަށް އެއްވެސް ކަމެއްކުރުމުގެ ޝައުގެއް ނެތެވެ.
ސިފްރާން އޭނާއަށް ބަލައިލިއެވެ. "މިލްހާ...ކިހިނެއްވީ؟"
"ތިހެން ތިރިއަށް ބަލަން ހުންނަން ވެއްޖެއްޔާ މަންޒަރު ގެއްލިދާނެ......." ސިފްރާން ބުނެލިއެވެ.
ސިފްރާން ދާންވެގެން ދޮރާއި ދިމާލަށް އެނބުރުނެވެ. "މަންމަ މިލްހާ ހޯދަން އެހެން މީހަކު ފޮނުވުމުގެ ކުރިން އެތެރެއަށް އާދޭ...."
މިލްހާ އިރުކޮޅެއްވާންދެން ސްނޯ ފައިބަމުންދިޔަ މަންޒަރު ބަލަން ހުރިއިރު މޫނުމަތިން ފެނުނީ ހިތާމަވެރި އަސަރުތަކެވެ. ގަދަ ފިންޏަށް ކެތްނުވެގެން އޭނާ ސިފްރާންގެ ފަހަތުން ހިނގައިގަތެވެ. ސިފްރާން ދޮރު ހިފަހައްޓައިގެން ހުރީ އޭނާއަށް އެތެރެއަށް ވަދެވެންދެނެވެ. ސިފްރާންގެ އެ އަމަލުން އޭނައަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ދެއްކުންތެރިކަން ހެއްޔެވެ؟ ނޫނީ ފިލްމެއްގެ މަންޒަރެއް ފެނިފައި ނަކަލުކުރީއެވެ.
ދެމީހުން ބޯލްރޫމާއި ދިމާލަށް ކޮރިޑޯ ހުރަސްކުރިއިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
މިލްހާ ބޭނުންވީ އޭނާއަށް ސްނޯ ފެނުނު ރެއަކީ ސްކޮޓްލޭންޑްގައި އޭނާ ހޭދަކުރި އެންމެ ރީތި ރޭގެ ގޮތުގައި ހަނދާނުގައި ރައްކާކުރުމަށެވެ. އެކަމަކު އޭނައަށް ހީވާގޮތުން ސްނޯ ގުޅުވޭނީ ސިފްރާންގެ އަންހެނުންގެ މޫނާއި އެވެ.
އޭނާއަކީ ސިފްރާންގެ ދެވަނަ އަނބިމީހާކަން އަދިވެސް ގަބޫލުކުރަން ދަތިވިއެވެ. ކޮންފަދަ ބޮޑު އޮޅުވައިލުމެއްހެއްޔެވެ؟އެއްވެސް މީހަކު އޭނަގެ ގާތުގައި ސިފްރާންގެ ފުރަތަމަ އަނބީގެ ވާހަކައެއް ނުބުނެއެވެ.
އެންމެން ތިބި ހިސާބަށް ފޯރުމުގެ ކުރިން މިލްހާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
"މިހާރު ކިހިނެއްވީ؟" ސިފްރާން ސުވާލުކުރިއެވެ. މިލްހާ ކެތްތެރިކަން އިމްތިހާންކުރަން އުޅެނީހެއްޔެވެ؟ މިކުއްޖާ އުޅޭގޮތުން ބޮލުރިހުމަކަށް ވެއްޖެއެވެ.
މިލްހާ ނިކަން ހަމަޖެހިލާފައި ސީދާ ސިފްރާންގެ ލޮލަށް ބަލަން އިރުކޮޅެއްވަންދެން ހުއްޓެވެ. ހީވަނީ ހަމަ ރަކިކުރަން ބަލަން ހުރީހެންނެވެ. ސިފްރާން ކުޑަކޮށް ބުމަ އަރުވައިލިއެވެ."ސިފްރާން ކުރިން ކައިވެންޏެއް ކުރިންތަ؟"
"ވަޓް އެބައުޓް އިޓް؟" ސިފްރާންގެ ލޯ ކުޑަކޮށްލާފައި ކުއްލިއަކަށް ހިމޭންވެގެންދިޔައެވެ. އެކުޑަ ބަދަލުވެސް އޭނައަށް ފާހަގަކުރެވުނެވެ. މި ރޭ ދެމީހުންގެ ދޭތެރޭ ބަދަލުކުރެވުނު ވާހަކަތަކުން މިލްހާ ބުނި އެއްޗަކަށް ސިފްރާން މުޅިން ތައްޔާރުނުވެ ހުރިހެން ހީވި ފުރަތަމަ ވަގުތުކޮޅެކެވެ.
ނުނިމޭ