ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި އިޓަލީގެ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ ރަން މެޑަލް ދޭން ނިންމައިފިއެވެ.
ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މަހުދީއަށް ދޭން ނިންމާފައިވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ގައުމުން ދޭ އެންމެ މަތީ ޝަރަފެވެ.
މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއްވެސް ވަނީ ހުޅުވާފައެވެ. އެ އެމްބަސީން ބުނީ، ޑިސެންބަރު 31ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފަންޑަށް ހާއްސަ ބޭންކް އެކައުންޓެއް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ދެފުށް ފެންނަ އުސޫލަކުން ބަލަހައްޓައި، މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ހަމައެއާއެކު، މަހުދީގެ އާއިލާއަށް ތައުޒިޔާ ކިޔައި، މި ފަންޑަށް އެހީތެރިވާ ހުރިހާ ފަރާތްތަކަށް އެ އެމްބަސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
މަހުދީ މަރުވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޭ 16 ވަނަ ދުވަހުއެވެ.
ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ މަރުވީ، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ.