ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯއަށް ވުރެ ގިނަ ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އެ މައްސަލައިގައި އޭނާ ކުށްވެރިނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން އޭނާ ބަރީޢަކޮށްފިއެވެ.
ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގައި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސުލައިމްޚާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައެވެ. ހައިކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ޙުކުމް ބާޠިލުކުރީ އޭގެ ސީދާ އެއް އަހަރު ފަހުން، މިއަހަރުގެ އޮކްޓޫބަރު 28 ގައެވެ.
އެހެންކަމުން ހައިކޯޓުން މި ޙުކުމް ކުރި އިރު، އޭނާ ވަނީ ދަށު ކޯޓުން ކަނޑައެޅި ޖަލު މުއްދަތު އެއްކޮށް ތަންފީޒުކޮށް ނިންމާފައެވެ.
މައްސަލައިގެ ފަސްމަންޒަރު
މި މައްސަލަ ފެށިގެން އައީ 21 ސެޕްޓެންބަރ 2023 ގައި، ދުބާއީ މަގުން އެމިރޭޓްސް ފްލައިޓުން ސުލައިމްޚާން ރާއްޖެ އައުމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރެޑް ޗެނަލް ފަހަނައަޅައި ގްރީން ޗެނަލުން ނިކުންނަން އުޅެނިކޮށް ކަސްޓަމްސް އޮފިސަރުން އޭނާ ހުއްޓުވައި ފާސްކުރިއިރު، ދުބާއީން ރަން ގަނެފައިވާ ލިޔެކިޔުންތަކެއް އޭނާގެ ދަބަހުން ފެނުނެވެ.
އެއާއެކު އޭނާގެ ހަށިގަނޑު ސްކޭންކޮށް އިތުރަށް ބަލައި ފާސްކުރިއިރު، ލައިގެން ހުރި ޖިންސުގެ ކުރީގެ ދެ ޖީބާއި، ފަހަތު ދެ ޖީބުގެ އިތުރުން އޭނާގެ ބޮކްސާ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 2,282 ގްރާމް (ދެ ކިލޯއަށް ވުރެ ގިނަ) ރަން ޕޭސްޓް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދަޢުވާ އުފުލީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން "ސިއްރުން މުދާ އެތެރެކުރުމުގެ" ކުށުގައެވެ.
ކުށް ސާބިތުނުވާ ކަމަށް ނިންމި ޤާނޫނީ ސަބަބުތައް
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ފާހަގަކުރައްވާފައި ވަނީ، ދަޢުވާ ބިނާކޮށްފައި ވަނީ ޤާނޫނުގައި ބަޔާންކުރާ ކުށުގެ ރުކުންތައް ފުރިހަމަނުވާ ގޮތަށް ކަމަށެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި "ސިއްރުން މުދާ އެތެރެކުރުން" ކުށަކަށް ވަނީ ދެ ހާލަތެއްގައެވެ. އެއީ އެ މުދަލަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިނުވާ (އެތެރެކުރުން މަނާ ނުވަތަ ޚާއްޞަ ހުއްދައެއް ބޭނުންވާ) އެއްޗަކަށް ވުމާއެކު، އެ ހުއްދަ ނެތި ސިއްރުން އެތެރެކުރުން އަދި އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލަކަށް ވުމާއެކު، ދައްކަންޖެހޭ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ޚާއްޞަ ނިޔަތުގައި ސިއްރުން އެތެރެކުރުމެވެ.
ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވެސް އެއްބަސްވެފައި ވަނީ، ސުލައިމްޚާން އެތެރެކުރި ރަނަކީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ޑިއުޓީ ދައްކަންޖެހޭ މުދަލެއް ވެސް ނޫން ކަމަށެވެ. ދައުލަތުން ފާހަގަކުރީ ރަނަކީ އެތެރެކުރުން ހުއްދަ އެއްޗެއް ނަމަވެސް، ޑިކްލެއަރ ނުކޮށް ސިއްރުން ގެނައުމުން އެއީ "ހުއްދަ ނެތި ގެނައި މުދަލެއްގެ ގޮތުގައި މާނަކުރެވިދާނެ" ކަމަށެވެ.
ދައުލަތުގެ މި ވާހަކައަށް ރައްދު ދެއްވައި ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުލްޢުޤޫބާތުގެ އަސާސްތަކަށް ބަލާއިރު، ޤާނޫނު ހަދާ މަޖިލީހުން ސާފު ބަހުން ޖިނާއީ ކުށެއް ކަމުގައި ކަނޑަނާޅާ ކަމެއް، ދައުލަތަށް ނުވަތަ ކޯޓަކަށް ވެސް މާނަކުރުމުގެ ތެރެއިން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމެވެ. އަދި ޑިކްލެއާނުކޮށް ގެންނަ ކޮންމެ މުދަލަކީ ޖިނާއީ ގޮތުން "އެތެރެކުރުން މަނާ މުދާ" ކަމުގައި އޮޓޮމެޓިކުން ނުބެލެވޭނެ ކަމަށް ވެސް ކަނޑައެޅިއެވެ. މީގެ އިތުރުން އިދާރީ ގޮތުން ނުވަތަ މަދަނީ މައްސަލަތަކުގައި އިޖުރާއަތު ފުރިހަމަނުވާ މުދާ ދައުލަތަށް ނެގުމުގެ އިޚްތިޔާރު އޮތް ނަމަވެސް، އެ ސަބަބުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށެއްގެ އަދަބު ނުދެވޭނެ ކަމަށާއި ދަޢުވާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ކުށުގެ ރުކުންތައް ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުން ސުލައިމްޚާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ޙުކުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި 59 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމް ވަނީ ބާޠިލުކޮށްފައެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ޙުޒައިފާ މުޙައްމަދެވެ.
ކުށެއް ނެތް ކަމަށް މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައެޅިއިރު، އެމީހެއްގެ މައްޗަށް އިއްވި އެއް އަހަރުގެ ޖަލު އަދަބު އެއްކޮށް ތަންފީޒުކޮށް ނިމިފައިވުމަކީ ޢަދުލު އިންސާފުގެ ނިޒާމުގައި ވަރަށް މަދުން ނޫނީ ނުފެންނަ، އަދި ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާނެ ކަމެކެވެ.