އަބަދު މާފަށް އެދުމަކީ ހަމައެކަނި އަދަބުވެރިކަމެއް ނޫން: ފަހަތުގައިވަނީ ފުން ނަފުސާނީ ސަބަބުތަކެއް!

ހައްދުފަހަނައަޅައި މާފަށް އެދުމުގެ ފަހަތުގައި ވަނީ އެ މީހެއްގެ މާޒީގައި ކުރިމަތިވި ހިތި ތަޖުރިބާތަކެއް ކަމަށް ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކުދިކުދި އާދައިގެ ކަންކަމުގައި ވެސް މާފަށް އެދުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިއީ ބޭރުފުށުން ބަލާއިރު ނުހަނު އަދަބުވެރި، ހިތްހެޔޮ ސިފައެއް ކަމަށް ހީވި ނަމަވެސް، މިއީ ހަމައެކަނި ރިވެތި އަޚުލާގަކާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ މީހެއްގެ މާޒީގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން ސިކުނޑީގައި އަށަގަނެފައިވާ ފުން ނަފުސާނީ އާދައެއްގެ ނަތީޖާއެކެވެ.

'ގޭޓްވޭ އޮފު ހީލިންގް'ގެ ބާނީ އަދި ނަފުސާނީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަޝްހޫރު ސައިކޯތެރަޕިސްޓް ޑރ. ޗާންދްނީ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ކަމަކަށް މާފަށް އެދުމަކީ ނާދިރު ކަމެއް ނޫން ނަމަވެސް، މިއީ އެއްގޮތަކަށް ވެސް އާންމު ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ބޭނުންކުރަންޖެހޭ މުއާމަލާތެއް ނޫނެވެ.

ޑރ. ޗާންދްނީ ވިދާޅުވި ގޮތުގައި ސުވާލެއް ކޮށްލުމަށް ފަހު ވެސް، ނުވަތަ އެހެން މީހެއްގެ މަސައްކަތަކަށް ކުޑަ ނަމަވެސް ހުރަހެއް އެޅިދާނެތީ އެކަމަށް ވެސް އަބަދުމެ މާފަށް އެދޭ މީހުން ކޮންމެ މާހައުލަކުން ވެސް ފެނެއެވެ. މިފަދައިން ހައްދުފަހަނައަޅައި މާފަށް އެދުމުގެ ފަހަތުގައި ވަނީ އެ މީހެއްގެ މާޒީގައި ކުރިމަތިވި ހިތި ތަޖުރިބާތަކެއް ކަމަށް ވިދާޅުވެ، ޑރ. ޗާންދްނީ ވަނީ މީގެ މައިގަނޑު ހަތަރު ސަބަބެއް ތަފުސީލުކޮށްދެއްވާފައެވެ.

މާޒީގައި ދިމާވި ހާދިސާތަކުގެ ސަބަބުން އަވަސްއަވަހަށް މާފަށް އެދުމުގެ އާދަ ގިނަ މީހުންނަށް ދަސްވަނީ، އެ އުކުޅަކީ ޒުވާބުތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި ރައްކާތެރިކަން ކަމުގައި ވެފައި އޮތުމުންނެވެ.

މާފަށް އެދުމަކީ، އެހެން މީހުންގެ ނުރުހުމާއި ބާކީކޮށްލުމުން ސަލާމަތްވެ، އެހެން މީހުންނަށް އުނދަގުލަކަށް ނުވެ އުޅުމަށްޓަކައި ބައެއް މީހުން ބޭނުންކުރާ ދިފާއީ އައްޑަނައެއް ކަމަށް ނަފުސާނީ ޢިލްމުވެރިން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޚާއްސަކޮށް، ރުޅިވެރިކަމާއި ނުތަނަވަސްކަން ކޮންމެ ވަގުތަކު ވެސް އުފެދިދާނެ ފަދަ ނުރައްކާތެރި ގެވެށި މާހައުލެއްގައި އުޅެންޖެހުނު މީހުންނަށް، މާހައުލު ފިނިކޮށްލުމަށް އޮތް ހަމައެކަނި ވަސީލަތަކީ މާފަށް އެދުމެވެ. ނަމަވެސް، ދިރިއުޅުމުގެ މާހައުލު ބަދަލުވެ އަމާންކަން ލިބުނު ކަމުގައި ވިޔަސް، އިންސާނާގެ ނާރުތަކުގެ ނިޒާމު އެ އާދަ އަމިއްލައަކަށް ބަދަލެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ބިރެއް ނެތް އާންމު ހާލަތްތަކުގައި ވެސް ކުށެއް ނެތި މާފަށް އެދުމުގެ ސިލްސިލާ ދެމިގެންދަނީއެވެ.

މިފަދަ މީހުންގެ ސިކުނޑީގައި އަށަގަނެފައިވާ އަނެއް ނުރައްކާތެރި ވިސްނުމަކީ، އެމީހުންގެ ހާޒިރުވުމާއި، ބޭނުންތަކާއި، އަދި ޚިޔާލުތަކަކީ ވެސް އަނެކާއަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ނުވަތަ ބުރައެއް ކަމަށް ޤަބޫލުކުރެވުމެވެ. އެހެންކަމުން މާފަށް އެދުމަކީ، އެހެން މީހުންގެ ނުރުހުމާއި ބާކީކޮށްލުމުން ސަލާމަތްވެ، އެހެން މީހުންނަށް އުނދަގުލަކަށް ނުވެ އުޅުމަށްޓަކައި ބޭނުންކުރާ ދިފާއީ އައްޑަނައެކެވެ. މިއީ ތިމާގެ އަމިއްލަ ނަފުސުގެ އަގު ވަޒަންނުކުރެވުމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.

އެހެން މީހުން ހިތްހަމަޖެއްސުމަށްޓަކައި އަބަދު ދޫދިނުމާއި މާފަށް އެދުމަކީ، ބޭރުފުށުން ބަލާއިރު ވަރަށް ކުުލުނުހުރި، ހިތްހެޔޮ މިޒާޖެއްގެ ގޮތުގައި ފެނުނު ނަމަވެސް، މީގެ އަނދިރި ފަރާތަކީ ތިމާގެ އަމިއްލަ ބޭނުންތަކާއި އިހުސާސްތައް ފަސްއަޅައި ފޮރުވުމެވެ. މިގޮތަށް އަނެކާ ރުއްސުމުގެ ބޭނުމުގައި ކަންތައް ކުރުމުން ވަގުތީ ހަމަހިމޭންކަމެއް ލިބުނު ކަމުގައި ވިޔަސް، ދިގު މުއްދަތުގައި އަމިއްލަ ނަފުސަށް ލިބޭ ހިތްދަތިކަމާއި ގެއްލުން އިންތިހާއަށް އިތުރުވެގެންދެއެވެ.

ފަށް އެދުމުގެ އާދަ ދޫކޮށްލުމަކީ އަނެކާއަށް އިހުތިރާމްކުޑަ މީހަކަށް ވުމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ--ފޮޓޯ/ވެރައިޓީ

މާޒީގެ ތަޖުރިބާތަކުގެ ސަބަބުން، އަމިއްލަ އިމެއް ނުވަތަ ޙައްޤެއް ކަނޑައަޅަން މަސައްކަތް ކުރުމަކީ ބޮޑު މައްސަލައެއް އުފެދިދާނެ ކަމެއް ކަމަށް މިފަދަ މީހުން އަބަދުވެސް ދެކެއެވެ. އެހެންކަމުން، ބޭނުންވާ ގޮތް ހާމަކުރާއިރު ނުވަތަ ކަމަކަށް އިންކާރުކުރާއިރު، އެ ބުނާ ބަހުގެ ހަރުކަށިކަން މަޑުޖައްސައިލުމުގެ ބޭނުމުގައި ވެސް މާފަށް އެދެއެވެ. އަދި ބައެއް ހާލަތްތަކުގައި، ޚިޔާލުތަފާތުވުމެއް އުފެދިދާނެތީ އެއްގޮތަކަށް ވެސް އަމިއްލަ ހައްދުތައް ކަނޑަނާޅައި، އަނެކާ ބޭނުންވާ ގޮތަކަށް ދޫދީގެން ތިބޭ ފަހަރު ވެސް އާދެއެވެ.

ޑރ. ޗާންދްނީ ހަނދާންކޮށްދެއްވި ގޮތުގައި، މިފަދަ ހާލަތްތަކުގައި މާފަށް އެދުމުގެ އާދަ ދޫކޮށްލުމަކީ އަނެކާއަށް އިހުތިރާމްކުޑަ މީހަކަށް ވުމެއް ނޫނެވެ. މިއީ ތިމާ ދުނިޔޭގައި އުޅުމަށާއި، ތިމާގެ ޚިޔާލު ފާޅުކުރުމަށް އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ނުޖެހޭނެކަން އަމިއްލަ ނަފުސަށް ވިސްނައިދީ، އަމިއްލަ އަގު ވަޒަންކުރުމަށް އެޅޭ ނުހަނު މުހިންމު ފިޔަވަޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު