ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ރިސޯޓު ސުޕަ ލީގުގެ ސެމީ ފައިނަލުގައި ސެއިންޓް ރީޖަސް ވޮއްމުލި ބަލިކޮށް މުބާރާތުގެ ފައިނަލަށް ސައުތު މާލެ ޒޯނުގެ ޗެމްޕިއަން ސަން ސިޔާމު އޮޅުވެލި ދަތުރުކޮށްފިއެވެ.
އޮޅުވެލީގައި ކުޅުނު ސެމީ ފައިނަލް މެޗު ވޮއްމުއްޔާ ވާދަކޮށް އެ ޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ވޮއްމުލިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި ވޮއްމުލީގެ މައްޗަށް އޮޅުވެލިން ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލިން ބައްދަލުކުރާނީ ނޫނު ޒޯނުގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑާއެވެ. ފައިނަލުގެ ޖާގަ ވެލާއަށް ލިބުނީ ސުޕަ ލީގުގެ ހޯމް އެންޑް އަވޭ ތިން މެޗުގެ ތެރެއިން ލަނޑުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.
މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގެ ތެރޭގައި ވޮއްމުއްޔަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްފައިވަނީ އާމިލް އަލީއެވެ. އޭނާއަކީ ދާލު ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިއަހަރު ހޯދި ކުޅުންތެރިޔާއެވެ. އެއަށްފަހު މެޗުގެ 17 ވަނަ މިނެޓުގައި ވޮއްމުލީގެ ޝަފީއު ހަސަން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
އޮޅުވެލިން ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ުރަތަމަ ލަނޑު ޖެހީ މުޙައްމަަދު ވިގާމެވެ. އޭގެފަހުން އޮޅުވެލިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގެ ތެރޭގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އޭގެފަހުން ޕެނަލްޓީގައި އޮޅުވެލިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު ވޮއްމުއްޔަށް އެއް ޕެނަލްޓީ ފިޔަވާ އެހެން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރެވުނެވެ.
ސަން ސިޔާމް އޮޅުވެއްޔާއި ވެލާ ޕްރައިވެޓް އައިލެންޑް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ. މިއީ ރިސޯޓު ސުޕަ ލީގުގެ ތާރީޚުގައި ވެސް މި ދެ ޓީމު ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.