ބަގްސް ބަނީ ފަދަ ކެރެކްޓާތަކަށް އަޑު އަޅައިދިން އެރިކް ބައުޒާ މަރުވެއްޖެ

ބަގްސް ބަނީ ފަދަ ކެރެކްޓާތަކަށް އަޑު އަޅައިދިން އެރިކް ބައުޒާ: އޭނާ ވަނީ އުމުރުން 46 އަހަރުގައި މަރުވެފައި -- ފޮޓޯ/ ގެޓީ

"ލޫނީ ޓިއުންސް" ކާޓޫނުގެ މަޝްހޫރު ކެރެކްޓާތައް ކަމަށްވާ ބަގްސް ބަނީ، ޑެފީ ޑަކް އަދި ޕޯކީ ޕިގަށް އަޑުއަޅައިދީގެން މަގުބޫލުކަން ހޯދި އެރިކް ބައުޒާ އުމުރުން 46 އަހަރުގައި މަރުވެއްޖެއެވެ.

ބައުޒާ ކުއްލި ގޮތަކަށް މަރުވިކަން އާއިލާއިން ހާމަކުރީ ބައުޒާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކުރި ކުރު ބަޔާނެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އާއިލާއިން ހާމައެއްނުކުރެއެވެ.

ކެލިފޯނިއާގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައި ބައުޒާ މަރުވީ ލޭމައްޗަށް ދިއުމާ ގުޅުންހުރި، ހިތާއި ލޭހޮޅިތަކުގެ ބައްޔެއް ކަމަށްވާ "ހައިޕަޓެންސިވް ކާޑިއޯވެސްކިއުލާ ޑިޒީޒް" ޖެހިގެން ކަމަށް ލޮސް އެންޖެލިސް ކައުންޓީ މެޑިކަލް އެގްޒެމިނާގެ އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.

އީމެއިލް މެދުވެރިކޮށް އެންބީސީ ނިއުސްއަށް ފޮނުވި މެސެޖެއްގައި ބައުޒާގެ މެނޭޖަރު ޖޫޑީ ކޮޕޭޖް ބުނީ، ބައުޒާއަކީ އޭނާ ދަންނަ އަދި އެކުގައި މަސައްކަތްކުރި އެންމެންގެ ލޯބި ލިބިފައިވާ ތަފާތު ހުނަރުވެރިއެއް ކަމަށެވެ. އަދި އޭނާގެ ކުއްލި މަރަކީ އެންމެންނަށް ލިބުނު ބޮޑު ސިހުމެއް ކަމަށާއި، މިއީ އޭނާގެ އާއިލާއަށާއި އެނިމޭޝަން ދާއިރާއަށް އަދި ސަޕޯޓަރުންނަށް ވެސް ލިބުނު ފޫނުބެދޭނެ ފަދަ ގެއްލުމެއް ކަމަށް ކޮޕޭޖް ބުންޏެވެ.

މީގެ އިތުރުން، އެނިމޭޝަން ދާއިރާގެ އެންމެ ކާމިޔާބު އެއް އަޑުގެ ގޮތުގައި އޭނާ ކުރިއަރައި ދިޔަ މަންޒަރު ފެނުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކެނެޑާއަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ބައުޒާ ވަނީ އެލްމާ ފަޑް، މާވިން ދަ މާޝަން އަދި ޓްވީޓީ ފަދަ ކެރެކްޓާތަކަށް އަޑުއަޅައިދީގެން 2022 އިން 2025 އަށް ތިން އެމީ އެވޯޑު ކާމިޔާބުކޮށްފައެވެ. އޭނާއަކީ "ލޫނީ ޓިއުންސް"ގައި ބަގްސް ބަނީއަށް އަޑުއަޅައިދިން އޭޝިއާ ދަރިކޮޅުގެ ފުރަތަމަ މީހާއެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެންބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބައުޒާ ބުނި ގޮތުގައި، އެކަމުގެ ސަބަބުން އޭޝިއަން އެމެރިކަން މުޖުތަމައުގެ ބޮޑު ތަރުހީބަކާއި ހިތްވަރެއް އޭނާއަށް ލިބުނެވެ.

ފިލިޕީންސްއިން ހިޖުރަކުރި އޭނާގެ ބައްޕައާއި ކާފައާ ދެމެދު އޮތް ގުޅުމުގައި ވެސް އެ ކާޓޫނުތައް މުހިންމު ދައުރެއް އަދާކުރި ކަމަށާއި، "ލޫނީ ޓިއުންސް" އަކީ ހުރިހާ ބަހަކާއި ސަގާފަތެއް ފަހަނައަޅައިދާ، ކޮންމެ ހިސާބެއްގެ މީހަކަށް ވެސް އޭގެ މަޖާކަން ދޭހަވާ އުފެއްދުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އައިއެމްޑީބީ ޕޭޖުގައިވާ ގޮތުން 400އަށް ވުރެ ގިނަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ބައުޒާ އަޑުއަޅައިދިން ފިލްމުތަކުގެ ތެރޭގައި 2021 ގެ "ސްޕޭސް ޖޭމް: އަ ނިއު ލެގަސީ"، 2023 ގެ "ސުޕަ މާރިއޯ ބްރޯސް މޫވީ" އަދި 2026 ގެ "ކޮޔޯޓީ ވާސަސް އެކްމީ" ހިމެނެއެވެ. އަދި "ރެން އެންޑް ސްޓިމްޕީ"ގެ ސްޓިމްޕީ ކެޓް، "ދަ ފެއާލީ އޮޑް ޕޭރެންޓްސް"ގެ ފޫޕް، "މަޕެޓް ބޭބީޒް"ގެ ފޮޒީ ބެއާ އަދި "ޑަކްޓޭލްސް"ގެ ބީގަލް ބޯއީސްއަށް ވެސް އޭނާ އަޑުއަޅައިދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު