އަޒަރުބައިޖާނުގެ ބާކޫގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި، ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ފަހަތުން އަރާ އަންގީލާ ބަލިކޮށް ތާރީޚީ ޕޮއިންޓެއް ހޯދަައިފިއެވެ.
ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކުރީ އަންގީލާ އިން ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުންއަރާ ތިން ލަނޑު ކާމިޔާބުކޮށް 3-3 ގެ ނަތީޖާއަކުންނެވެ.
ހޮވްސަން ކޮމްޕެޓިޝަން ކޮމްޕްލެކްސްގައި ކުޅުނު މި މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި އަންގީލާއިން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ.
އެގޮތުން މެޗުގެ 13 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ޖެކޮބް ފްލެމިން އެންގީލާއަށް ދެ ގޯލު ޖަހައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ސްޕޯންޑެލް ޕޮގްސަން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ބޮޑު ނަތީޖާއަކުން ފަހަތުގައި އޮތުމުން މެޗުގެ ކޮންޓްރޯލް ގެއްލި، އެނބުރި މެޗުގެ ތެރެއަށް އައުމަށް ދިވެހި ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: ސަން އެހެންނަމަވެސް، ދިވެހި ޒުވާން ކުޅުންތެރިން ވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި މޮޅު ކުޅުމެއް ދައްކައި ތިން ގޯލު ޖަހާފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އިބްރާހިމް އިޔާސް ބިން ހަސަން ރާއްޖެއަށް ފުރަތަމަ ގޯލު ޖަހައިދިންއިރު، 35 ވަނަ މިނެޓުގައި ޔޫސުފް ލާއިޤް އިބްރާހިމް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ތަފާތު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް، 39 ވަނަ މިނެޓުގައި މީކާ މުހައްމަދު ކަލީމް ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޮކްޓޯބަރު 24 އިން 30 އަށް ކުރިއަށްދާ މި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ތަޖުރިބާއާއި ހުނަރު ކުރިއެރުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރޭވިގެން ކުރިއަށްދާ މުބާރާތެކެވެ.
ފީފާގެ 189 މެންބަރު ގައުމަކުން ބައިވެރިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިން ހިމެނޭހެން، 20 މިނެޓުގެ ދެ ހާފު ކުޅޭ ފޯމެޓަށެވެ.