އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާ އަންނަ މަހު 10ގައި ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މި އަހަރުގެ ފުރަތަމަ ޚާއްސަ ޢާންމު ޖަލްސާ، އަންނަ މަހު 10ވާ އަންގާރަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްއައިބީން ބުނީ، އެ ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މުހިންމު ކަންތައްތަކަކާމެދު ގޮތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޯޑަށް ނޮމިނީ ޑިރެކްޓަރަކު އައްޔަންކުރުމާއި ބޭންކުގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރަކު އައްޔަންކުރުން ކުރިއަށްދާނެ ކަމަށް، މިކަމާ ގުޅޭގޮތުން އެމްއައިބީން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

މި ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޖަލްސާ ނިޒާމު "ފަހިވޯޓު" މެދުވެރިކޮށް ކަމަށް އެމްއައިބީން މައުލޫމާތުދީފައިވެއެވެ.

އެމްއައިބީން ބުނެފައިވާ ގޮތުން، މި ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުޞަތު ލިބޭނީ މިއަދު މެންދުރު 14:00 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރެޖިސްޓްރީގައި ހިމެނޭ މީހުންނަށެވެ.

ޖަލްސާގައި ބައިވެރިވާން އެދޭ ޝަރުތުހަމަވާ ހިއްސާދާރުން infinity.mv ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލްކޮށްގެން ރަޖިސްޓްރީ ކުރެވޭނެކަމަށް އެމްއައިބީން ބުނެއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާއިރު، ސުންގަޑިއަކީ އަންނަ މަހުގެ އަށެއްވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ކަމަށް އެމްއައިބީން ބުނެއެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ރަޖިސްޓްރީވުމަށް ފުރަންޖެހޭ ފޯމު، ބޭންކުގެ އިންވެސްޓާ ރިލޭޝަންސް ވެބްސައިޓް (www.mib.com.mv/investor-relations) އިން ލިބެން ހުންނާނެކަމަށް އެމްއައިބީން ބުނެއެވެ.

މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ބޭނުންވާ އެންމެހައި މަޢުލޫމާތާއި ލިޔެކިއުންތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

އީޖީއެމްގައި ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން، ޝަރުތުހަމަވާ އެންމެހައި ހިއްސާދާރުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަކީ ބޭންކުގެ އެދުމެކެވެ.

comment ކޮމެންޓް