އެއާއެކު އެމީހާ ހިނިތުންވެލިއެވެ. "މިހާ ގިނަ އަހަރުތަކަކަށްފަހު އަނެއްކާވެސް ފެނުމުން ވަރަށް އުފާވެއްޖެ...."
މިލްހާ ދެލޯ ބޮޑުކޮށްލިއެވެ. "ކީކޭ؟"
އެ އަންހެންމީހާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވި ނަމަވެސް، އަވަހަށް ހަމައަކަށް އަޅުވާލިއެވެ. "ޔާ ﷲ. އަހަރެން އެންމެ ފަހުން ދުށްއިރު ތިއީ ކުޑަކުއްޖެއް. އަހަރެން ހަނދާންއެބަހުރި ހާދަ ވައްތަރޭ........."
އެއާއެކު އެ އަންހެންމީހާ ގެ ޖުމްލަ މެދުކެނޑުނެވެ. މިލްހާގެ އަތުގައި މަޑުމަޑުން އަތްތިލަ ޖައްސާލައިގެން ހުރި ނަސްރީންވެސް ހުއްޓުނެވެ.
އެ އަންހެންމީހާގެ ކަންފަތްދޮށުގައި އެކަކު ވަރަށް އަވަސްއަރުވާލާފައި އެއްޗެއް ބުނެލުމާއެކު އެއަންހެންމީހާ ކުޑަ ގޮތަކަށް ހީލުމަށްފަހު އެހެން ދިމާލަކަށް ދިޔައެވެ.
"މަންމާ؟"
ނަސްރީން އެނބުރިލިއެވެ. މިލްހާ ކުޑަކޮށް ހިނިތުންވެލިއެވެ. "އާނ؟"
"އެ އަންހެންމީހާ ހީކުރީ އަޅުގަނޑަކީ ކާކުކަމަށް؟"
ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނަސްރީންގެ މޫނުމަތިން ދެނެގަންނަން ދަތި އިހުސާސެއް ފެނިގެންދިޔައެވެ. އެއާއެކު އަތް އުފުލާލާފައި މިލްހާގެ ޝޯލްގައިވާ ދަތި އެއްވެސް ވަރަކަށް ގުޑާފައި ނުވިނަމަވެސް، ރަނގަޅުކޮށްލަން އުޅުނެވެ.
"މިލްހާ....އެހެން މީހަކު އެއްޗެކޭ ބުނެލާއިރަށް އެކަމާއި ހާސްވެ އުޅޭކަށް ނުޖެހެއެއްނު.....މިފަދަ އެއްވުންތަކުގައި މީހުން ޖަޒުބާތީވޭ. ބައެއް ފަހަރު ދަންނަ ފާޑެއް ހުރި މޫނެއް ފެނުމުން އެއީ އެމީހުން ދަންނަ މީހެކޭ ހީކުރެވި ސުވާލުއުފެދެނީ..."
"އެކަމަކު އެ އަންހެންމީހާ ބުނީ އޭނާ އަޅުގަނޑުމަތިން ހަނދާން އެބަހުއްޓޭ..ވަރަށް ޔަގީންކަމާއެކު ބުނީ.."
"ހިނގާ ދާން..." މިލްހާގެ ޝައުޤުވެރިކަމަށް އެއްވެސް ސަމާލުކަމެއްނުދީ ނަސްރީން ބުނެލިއެވެ. "މިލްހާގެ ފިރިމީހާ އެހެރީ އޭނާގެ ބައްޕައާއެކު އެފަރާތުގައި...."
މިލްހާ ނަސްރީނުގެ ނަޒަރު ދަތުރުކުރި ދިމާލަށް ބަލައިލިއެވެ. ސިފްރާން ހުރީ އޭނަގެ ބައްޕަ ހަދީދުގެ އަރިހުގައި ދެ ފިރިހެނަކާއި ވާހަކަދައްކާށެވެ. ސަމާލުކަން ވާހަކައާއި މުބާރަކްބާދީ ކިޔުމަށް އަންނަ މެހުމާނުންގެ މެދުގައި ބަދަލުވަމުންދިޔައެވެ. ސިފްރާންގެ މުށިކުލައިގެ އިސްތަށިގަނޑު އެ ރީނދޫ އަލީގެ ތެރޭގައި ވިދަމުންދިޔައެވެ. އޭނާގެ ޒުވާންކަން ބައްޕަ ހަދީދުގެ ހުދު އިސްތަށިގަނޑާއި އަޅިކުލައިގެ ހަމާއި އަޅާކިޔާއިރު ވަރަށް ބޮޑަށް ތަފާތުކަމަށް ދައްކައެވެ. މިލްހާއަށް ސަބަބެއް ނޭނގުނުނަމަވެސް، އެވަގުތު އޭނާގެ ހަނދާނަށް އައީ ރަށުގައި އުޅުނުއިރު ރޭޑިއޯއިން ގިނައިން އިވޭ ދިވެހި މަދަހައެކެވެ.
"ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން، ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ..."
ހަދީދުވެސް އޭނާގެ ޒުވާންއިރު ސިފްރާން ފަދައިން ރީތިވާނެކަން މިލްހާއަށް ޔަގީނެވެ. އެދެމީހުންގެ ސިފަ ވަރަށް ވައްތަރެވެ.
"އަހަރެން އުންމީދުކުރަން މިލްހާއަށް މިތަނުގެ ކާނާ ކަމުދާނެކަމަށް. ހަތްދިހަ އަހަރު މިވީ.... މިލްހާގެ މައިދައިތަ ބުނަނީ މިއީ ކޮންމެހެންވެސް ހިތްތަކުން ނުފިލާހާ ގަދަޔަށް ފާހަގަ ކުރަންވީ ދުވަހެއްކަމަށް....ނަސްރީން އަހަރެން ދަންވަރު ބާރަޖަހަންދެން މިތަނުގައި ކޮޅަށް ބަހައްޓަން ގަސްދުކުރާހެން ވަރަށް ހީވޭ......."ހަދީދު ލުއިގޮތަކަށް ހިނިތުންވެލިއެވެ.
ޖެހިގެން އައި ގިނަ މިނިޓުކޮޅުތަކުގައި، މެހުމާނުން އެމީހުންނާއި ބައްދަލުކުރަން އައިއިރު މިލްހާވެސް ހުރީ އެތަނުގައެވެ. ހަދީދު އޭނާ ތަޢާރަފުކޮށްދިނީ އެ އާއިލާ ދަންނާތާ އެތައް އަހަރެއްވެފައިވާ ދުވަސްވީ ދެމަފިރިއަކަށާއި ނަން ހަނދާން ބަހަައްޓަން އުދަގޫ ވިޔަފާރިވެރިއަކަށެވެ. އަދި އެންމެ ފަހުން ކުރި ދަތުރުތަކާއި މެދު އެތައް އިރެއްވާންދެން ވާހަކަދެއްކި އަންހެނަކަށެވެ. އެ އަންހެންމީހާ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ޒިޔާރަތްކޮށްފައިވާ ކަމާއިމެދު ޝައްކެއްނެތެވެ.
މިލްހާ އެކަށީގެންވާ ވަގުތުތަކުގައި ހިނިތުންވެލިއެވެ. ކުރެވުނުވަރަކުން ސުވާލުކުރިއެވެ. އަދި އިނގިލީގައިވާ އަނގޮޓިތަކާ ނުކުޅެ ހުންނަން މަސައްކަތްކުރިއެވެ.
ރޭގަނޑުގެ ކެއުން އެހާ ފުރިހަމައެވެ. ބޮޑެތި ސަމޭދާންތަކުގެ ހިޔަލުގައިވާ މޭޒުތަކުގައި މެހުމާނުން އިށީންނާންފެށިއެވެ. ވަސްމީރު ބަތުގެ ބާވަތްތަކާއި އަގުބޮޑު ކާނާތަކާއި އަދި ތަށިތައް އަތުރާފައިވާ ރީތިކަމުން އޭގައި އަތްލުމަކީވެސް މިލްހާ ކުށްވެރިވެދާނެކަމެއްހެން ހީވިއެވެ. އޭނާގެ ވަށައިގެން ތިބި އެންމެން ވަރަށް އުފާވެރިކަމާއެކު ވާހަކަދައްކަމުން ދިޔައެވެ. އާއިލީ ޚަބަރުތަކުން ފެށިގެން ވިޔަފާރިއާއި ދަތުރުފަތުރާއި ދަންނަ މީހުންގެ ވާހަކަތަކަށް ބަދަލުވަމުންނެވެ.
މިލްހާ އިނީ ސިފްރާންއާއި ޖެހިގެންހުރި ގޮނޑީގައެވެ. އޭނާއަށް އިޙްސާސްކުރެވުނީ އަމިއްލަ ފިރިމީހާއާއެކު މޭޒެއް ހިއްސާކުރާއިރުވެސް، މުޅިން ބީރައްޓެއްސެއްގެ ގާތުގައި އިނދެވޭ ފަދަ ތަފާތު އިހުސާސެކެވެ.
ސިފްރާން މެހުމާނުންނަށް އިހުތިރާމްކުރިއެވެ. ވާހަކަދެއްކުމުން ސަމާލުކަންދިނެވެ. އަދި އަމިއްލަ އެއްވެސް ސިއްރެއް ހާމަނުކޮށް ވާހަކަ ކުރިއަށްގެންދިއުމުގައި އަޖައިބެއްފަދަ ކުޅަދާނަކަމެއް ހުއްޓެވެ.
މިލްހާ މޭޒުގެ ތިރިން އޭނާގެ ދެއަތަށް ބަލައިލިއެވެ. އެތަނުން އަނގޮޓިއަކުން އިނގިއްޔަށް ބާރުވާން ފަށައިފިއެވެ. އޭނާ އެ އަނގޮޓި އިނގިލީގެ ވަށައިގެން އަނބުރާލިއެވެ. ދެން ސިފްރާން އޭނާއަށް ބަލަހައްޓައިގެން އިންތަން ފެނުމުން ހުއްޓާލިއެވެ. "ކީއްކުރަނީ؟"ސިފްރާން ސުވާލުކުރިއެވެ.
"ކަމެއް ނުކުރަން....." އަނގޮޓި އިނގިލީގައި ތާށިވެފައިވާތީ ބިރުގެންފައިވީ ނަމަވެސް އޭނަ ބުނެލިއެވެ.
"ފާއިތުވި ފަސް މިނެޓުތެރޭގައި ތިޔަ އުޅެނީ ތި އަނގޮޓި ނުނެގިގެން... އަހަރެން ބެލިޔަދީ....."
އޭނަ އިޢުތިރާޟްކުރުމުގެ ކުރިން ސިފްރާން އަތް ދިއްކޮށްލިއެވެ. އޭނާ ޖެހިލުންވެފައިވެސް އޭނާގެ އަތްތިލަ ސިފްރާނަށް ދިނެވެ. "އަހަންނަށް ހީވަނީ މިއީ މާ ކުޑަ އަނގޮޓިއެއްހެން. މަންމަ އަހަރެންގެ އިނގިލީގައި މިއެޅުވީ..."
ސިފްރާން އޭނަގެ އަތްތިލައިގާ ހިފަހައްޓާފައި އަލިވާނެހެން ކުޑަކޮށް އަނބުރާލިއެވެ. ސިފްރާންގެ ނަޒަރު އަނގޮޓިއަށް ހުއްޓުނެވެ. އެއާއެކު އޭނާގެ އިނގިލިތަކުގެ ހަރަކާތް ހުއްޓުނެވެ.
އެމީހުންގެ ވަށައިގެން ދެކެވޭ ވާހަކަތަކާއި ހީނގަތުމުގެ މަޑު އަޑާއި އުލާއި ސަމުސާ ތަށިފަދަ ތަކެތީގެ އަޑުތައް އިވެމުން ދިޔައެވެ. ސިފްރާންގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވިވަރުން މިލްހާ އަނގޮޓީގެ މަތިން މުޅިން ހަނދާންނެތުނެވެ.
"ކިހިނެއްވީ؟" އޭނާ އަހައިލިއެވެ.
ސިފްރާން ޖަވާބެއް ނުދިނެވެ. ސިފްރާން މިލްހާގެ އަތް އޭނާއާ ދިމާލަށް އަނބުރާލައި އަނގޮޓީގެ ބައްޓަމަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭގެ މަތީގައިވާ ނާޒުކު ފަރުމާއަކީ އޮޅޭނެ އެއްޗެެއްނޫނެވެ. އަދި އޭގެ އެތެރޭގައި ކަނޑާނަގާފައިވާ ކުދި ލިޔުންކޮޅުވެސްމެއެވެ. އެކަކަށްވެސް އެކަމެއް ނޭގޭނެއެވެ. ސިފްރާން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާހެން ހީވިއެވެ. ދެން އޭނާގެ ކޯކަށިގަނޑަށް ބާރުވެގެންދިޔައެވެ. "ކާކު ދިން އެއްޗެއް މިއީ؟"
މިލްހާ އެސްފިޔަ ޖަހައިލިއެވެ. "ސިފްރާންގެ މަންމަ..."
ސިފްރާންގެ ދެލޯ އޭނަގެ މޫނަށް ހުއްޓުނެވެ. "މަންމަ މިލްހާގެ އިނގިލީގައި އެޅުވީއޭ؟"
"އާނ...." މިލްހާ އޭނާގެ އަތް ފަހަތަށް ދަމައިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ސިފްރާންގެ ހިފެހެއްޓުން ބާރުވިއެވެ.
"ސިފްރާން.. ހުއްޓާލަބަލަ... އަހަރެންގެ އަތަށް ތަދުވަނީ....."
"ޓޭކް އިޓް އޮފް...."
"އަހަރެން މަސައްކަތް މިކުރަނީ ނަގަން."
ސިފްރާން ބޮޑުއިނގިލީގައާއި ޝަހާދަތް އިނގިލީި ދޭތެރޭ އަނގޮޓި ލާފައި ބާރަށް ދަމައިގަތެވެ. އިނގިލީގެ ހުޅުމަތިން އަނގޮޓި އަނބުރާލަމުންނެވެ. އޭނަގެ އިނގިއްޔަށް ވަރަށް ބޮޑަށް ތަދުވިއެވެ.
މިލްހާ އަނގައަށް ގޮތެއް ހަދައިލިއެވެ. ސިފްރާނަށް އޭނާއަށް ތަދުވިޔަސް ހިތަށް އެއްޗެއް އަރާނެހެން ހިޔެއްނުވެއެވެ. މިލްހާވެސް އިން ތަނުގެ ގޮތުން ނުރޯން މަސައްކަތްކުރިއެވެ. ތުންފަތުގައި ބާރަށް ދަތް އަޅައިލިއެވެ.
މިލްހާ އޭނާގެ އަތްތިލަ އަނެއް އަތުން ފޮރުވާލިއެވެ. އޭނާގެ އިނގިލީގައި ވިންދުޖަހަމުންދިޔައެވެ. ކަށިގަނޑުގެ ވަށައިގެންވާ ހަމުގެ ކުލަވެސް ވަނީ ރަތްވެފައެވެ.
"ވަޓ އޮން އާތް އިޒް ރޯންގް ވިތް ޔޫ ....ސިފްރާން...." މިލްހާ އިނގިލީގައި ފިރުމަމުން ސިފްރާންގެ މޫނަށް ބަލައިލިއެވެ.
އޭރު ސިފްރާން އޭނައާއި ސުވާލެއްކޮށްލި ފިރިހެނަކަށް ސަމާލުކަން ދިނެވެ.
އެންމެން ކަމުން ދިޔައިރު މިލްހާއަށް އެންމެ ސުވަލެއްވެސް ދިރުވާލާކަށް ނުކެރުނެވެ. އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފެވެ.
ކެއުމަށްފަހު، ހަދީދު ޕިއާނޯ ކުޅެން ފެށުމުން އެންމެންހެން އެތަނަށް އެއްވިއެވެ. މިލްހާ ގަސްދުކުރީ އަރާމުކޮށްލާނެ ހިމޭން ތަނެއް ހޯދުމަށެވެ. މިއުޒިކް ހުއްދަކަމަކަށް ނުވާތީއާއި އެކަމަށް ލޯބިކުރާ މީހަކަށް ނުވާތީ ބޭނުންވީ ވީހާވެސް ދުރަށް ދިޔުމަށެވެ. އިސްލާމް ދީނާއި ޚިލާފު އަމަލުތަކަށް ތަރުހީބެއް ނުދެވޭނެއެވެ. މުއްސަދިންނަށް ދުނިޔެއަކީ އަބަދު އަބަދަށްޓަކާ ތިބެވޭނެ ތަނެއްކަމަށް ހީިކުރަނީހެއްޔެވެ؟ ބިރެއްނެތި އުފަލާއި މަޖަލުގައެވެ.
ކޮރިޑޯތައް ހުރީ ކުޑަކޮށް އަނދިރިކޮށެވެ. އެތަނުގެ ބައްތިތަކުން ދުވަސްވީ ފާރުތަކުގެ މައްޗަށް ރަންކުލައިގެ އަލިކަމެއް ފަތުރަމުންދިޔައެވެ. އޭނާގެ ފަހަތުގައި މިޔުޒިކާއި ވާހަކަތަކުގެ ތެރޭގައި ހަފްލާ ކުރިއަށްދިޔައެވެ. އޭނާއަށް ސިޑިއާ ހަމައަށް ކިރިޔާ ދެވުނުތަނާހެން އަޑެއް އިވުނެވެ. މަޑު މަޑުން ޓަކި ޖަހާ އަޑެކެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް އެފަދަ އަޑެކެވެ. މިލްހާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއަޑު އައީ އިރުމަތީ ކޮރިޑޯގެ ކޮންމެވެސް ދިމާލަކުންނެވެ. އޭނާ ކަންފަތް ދީގެން އަޑުއަހަން ހުއްޓެވެ.
ފުރަތަމަ ދުރުން އިވޭ މިޔުޒިކް ފިޔަވައި އެއްވެސް އެހެން އަޑެއް ނެތެވެ. އެއާއެކު ފަނޑުކޮށް ގާނާ ކަހަލަ އަޑެއް އިވުނެވެ، އޭގެ ފަހުން ވަރަށް ފަރުވާތެރިކަމާއެކު ދޮރެއް ލައްޕާލިހެން ހީވާ އަޑެއް އިވުނެވެ.
އެންމެ ކޮޅުގައި ހުރީ ދެނެ ފަރިތަ ލަކުޑި ދޮރެވެ. އެދޮރު ހުރީ ލައްޕާފައެވެ. ސަފިއްޔާ ދިން އިންޒާރުގެ މަތިން ހަނދާންކުރަމުން އޭނަ އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓުނީ ހަނި މަގަށެވެ.
އޭނާ އެނބުރިދާން އުޅެނިކޮށް ބިންމަތީގައި އެއްޗެއް އޮތްކަން ފާހަގަވިއެވެ. ހިޔަނިތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފޮރުވިފައިވާ ކުޑަ އެއްޗެއް ފާރު ކައިރީގައި އޮތެވެ. އޭނަ ކައިރިއަށް ގޮސް އެ ނަގަން ގުދުވިއެވެ. އެއީ ފޮޓޯއެކެވެ. އޭގެ ކައިރިފަށްވަނީ ދުވަސްވުމުގެ ސަބަބުން ރީނދޫވެފައެވެ. އަދި އެއް ކަނުން އޮތީ ވީދިފައެވެ. ފޮޓޯއިން ފެންނަނީ ބަގީޗާއެއްގައި ހުރި ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ މޫނު ކުޑަކޮށް ކެމެރާއާ ދިމާލަށް އަނބުރާލައިގެންނެވެ. އޭނާ ލައިގެން ހުރީ ފަނޑު ނޫ ކުލައިގެ ހެދުމެކެވެ. އަދި އަތުން ކުޑަ މާބޮޑިއެއް ހިފަހައްޓައިގެން ހުރިއިރު ފަހަތުގައި ހުރީ ސިފްރާންއެވެ.
އެ ފޮޓޯއިން ސިފްރާން އެތައް ތަނެއް ޒުވާންހެން ހީވެއެވެ. ނަމަވެސް މިލްހާއަކަށް އޮޅޭނެ އެއްވެސް ގޮތެއް ނެތެވެ.
ސިފްރާން އެ އަންހެންކުއްޖާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރީ އުފާވެރިގޮތަކަށް ހިނިތުންވެލައިގެންނެވެ.މިފަހުން ހީލިޔަސް ހީވަނީ ގަދަކަމުން މަޖުބޫރުވެންހެންނެވެ. ނަމަވެސް ފޮޓޯއިން ފެންނަނީ ތަފާތު ރީތި ހިނިތުންވުމެކެވެ. ލޯވެސް ހިނިތުންވާފަދައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ މޫނަށް ޖަމާވެފައިވާފަދައެވެ. އެހެން ސިފްރާން ހީލައިގެން ހުރިތަނެއް މިއިން ޒަމާނެއްގައި އަދި ފަހުންވެސް ފެންނާނެކަމެއް ނޭގެއެވެ. މިލްހާ ފޮޓޯ އަނބުރާލިއެވެ. ފަހަތުގައި ފޭދިފައިވާ ދެއްޔަކުން ދެ ލަފުޒު ލިޔެފައިވިއެވެ.
"މައި ވައިފް"
ނުނިމޭ