ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވާ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ތައްޔާރުވުމުގެ ގޮތުން ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާއަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.
މި ކޭމްޕަށް މާދަމާ ހެނދުނު ގައުމީ ޓީމު ފުރާއިރު، ކޭމްޕް ނިންމުމަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހެވެ. ރާއްޖެ އައުމަށްފަހު، ދެން ގައުމީ ޓީމު ފުރާނީ ސާފް ޗެމްޕިއަންޝިޕް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއަށެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނުނީ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
މުބާރާތް ހުޅުވާ މެޗުގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނާއި އިންޑިއާ ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ބޫޓާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮަޅަށެވެ. މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާނެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ނޮވެމްބަރު މަހުގެ 14 ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ގައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކުރާއިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.
މިއީ ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެ ގައުމުގައި ބޭއްވީ ތިން ފަހަރުވެސް ރާއްޖެއިން ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އޭގެތެރެއިން އެންމެ ފަހުން 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައެވެ. އެ ފަހަރު އަމިއްލަ ގައުމުގައި ކުޅެ، އިންޑިއާއިން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ކުވެއިތާއި ލުބްނާން ވަނީ ކުޅެފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އިންޑިއާއިން ވަނީ މުޅިއެކު ނުވަ ފަހަރު ތަށި އުފުލާލާފައެވެ. ރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މިއީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ މުބާރާތެވެ. މި މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހާ ދެމެދުގައެވެ. ނަމަވެސް ފަހުން ވަނީ މުބާރާތް ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ.