ވިއްސާރަ މޫސުމާ ގުޅިގެން ފެން ހަރުލާ ގޮތަށް ހުންނަ ތަށިމުށި، ފުރާޅު އަދި ބާ ޓަޔަރު ފަދަ ތަކެތީގައި މަދިރި އާލާވާ މިންވަރު އިތުރުވެގެންދާއިރު، އޭޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ރޯގާތައް އާންމުވުމުގެ ބިރު ބޮޑުވެއެވެ.
މިފަދަ ދުވަސްވަރެއްގައި ގަދަޔަށް ހުންއައުމާއެކު ގައިގައްޔާއި ބޮލުގައި ރިއްސުން ފަދަ އާންމު އަލާމާތްތައް ފެންނަން ފެށުމުން، އެއީ ޑެންގީ، ޗިކުންގުންޔާ ނުވަތަ ޒިކާ ވައިރަސްތޯ އަމިއްލައަށް ކަނޑައެޅުމަކީ ނުހަނު ދަތި ކަމެކެވެ. ސަބަބަކީ މި ތިން ބައްޔަކީ ވެސް އެއް ވައްތަރެއްގެ މަދިރިއަކުން ފެތުރޭ، އަދި ފެށުމުގައި އެއްގޮތް އަލާމާތްތަކެއް ފެންނަ ބަލިތަކަކަށް ވާތީއެވެ. ނަމަވެސް ބަލީގެ ކުރީކޮޅު ފެންނަ ވަކި ޚާއްޞަ ކްލިނިކަލް އަލާމާތްތަކަކަށް ބަލައިގެން މިއީ ކޮން ބައްޔެއްކަން ޑޮކްޓަރުން ފާހަގަކުރެއެވެ.
އިންޑިއާގެ ގުރުގްރާމްގެ މެދާންތާ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިންގްގެ ވައިސް ޗެއަޕާސަން ޑރ. ސުޝީލާ ކަޓާރިއާ ފާހަގަކުރެއްވި ގޮތުގައި، ބަލިޖެހޭ ފުރަތަމަ ދެ ދުވަހު ޗިކުންގުންޔާ އާއި ޒިކާގެ ތަފާތު ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މި ބަލިތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޑެންގީއާމެދުގައެވެ.
މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރިން ސަލާމަތްވުމަށް އެކަމަށް ޚާއްސަ ފިޔަވަޅުތައް އެޅުން މުހިންމު--ފޮޓޯ/ފޭސްބުކްއެއީ ޑެންގީ ޖެހުމުން ހަށިގަނޑުގައި ހުންނަ ޕްލެޓްލެޓް ކައުންޓް ކުއްލިއަކަށް ދަށްވެގެންދާތީއެވެ. ސީކޭ ބިރްލާ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިންގެ އެސޯސިއޭޓް ޑިރެކްޓަރ ޑރ. ތުޝާރު ތަޔާލް ވިދާޅުވި ގޮތުގައި ޑެންގީ ހުމުގައި ގައިގާ ވަރުގަދައަށް ރިއްސުމާއި، ލޮލުގެ ފަހަތަށް ތަދުވުމުގެ އިތުރުން ހަށިގަނޑުން ލޭގެ ޕްލެޓްލެޓް ދަށްވެއެވެ. އަދި ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ ހުން މަޑުވާ ދުވަސްވަރު ކަމަށްވާތީ، ކުރީކޮޅުގައި ޑޮކްޓަރަށް ދައްކައިގެން ބަލި ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.
ހުޅުހުޅުގައި ގަދަޔަށް ވޭންއެޅުމަކީ ޗިކުންގުންޔާގެ އެންމެ ފާހަގަކޮށްލެވޭ އަލާމާތެވެ. ޑރ. ސުޝީލާ ވިދާޅުވި ގޮތުގައި މި ބަލީގައި ކުއްލިއަކަށް ހުން ގަދަވުމަށްފަހު އަތްތިލަ، އިނގިލިތައް، ކަކޫ އަދި ކުޑަހުޅުތަކުގައި އާދަޔާ ޚިލާފަށް ގަދައަށް ރިއްސަން ފަށައެވެ. މިކަމުގެ ސަބަބުން ފުޅިއެއްގެ މަތި ނެގުން ނުވަތަ ސިޑިން އެރުން ފަދަ އާދައިގެ ކަންކަން ކުރުމަށް ވެސް ނުކުޅެދި، ހުން ފިލައިދިޔުމަށް ފަހުގައި ވެސް ހަފުތާތަކަކަށް ނުވަތަ މަސްތަކަކަށް ހުޅުތައް ހަރުއަރައި ތަދު ހުންނަ ކަމަށް ޑރ. ތުޝާރު ވެސް ވަނީ ވިދާޅުވެފައެވެ.
ޒިކާ ވައިރަހަކީ ގިނަ ފަހަރަށް އާދައިގެ ލުއި އަލާމާތްތަކެއް ފެންނަ، ނުވަތަ ބައެއް މީހުންނަށް އެއްވެސް އުނދަގުލެއް ނުވެ ފިލައިދާ ބައްޔެކެވެ. އޭގެ ތެރޭގައި ހަމުގައި ބިހިނެގުމާއި، ލޯ ރަތްވުމާއި، މަޑުމަޑުން ހުންއައުން ހިމެނެއެވެ. ނަމަވެސް މާބަނޑު އަންހެނުންނަށް މި ބަލި ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑީގެ އުފެދުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުން، މާބަނޑު ދުވަސްވަރު ހުންއައިސް ބިހިނަގާނަމަ އެއްވެސް ވަރަކަށް ލަސްނުކޮށް ވަގުތުން ޓެސްޓު ހަދަންޖެހޭނެ ކަމަށް ޑރ. ސުޝީލާ އިންޒާރު ދެއްވައެވެ.
ހަމައެކަނި ބޭރުފުށުން ފެންނަ އަލާމާތްތަކަށް ބަލައިގެން އަމިއްލައަށް ބައްޔާމެދު ގޮތް ނިންމުމަކީ ޞިއްޙީ ގޮތުން ރައްކާތެރި ކަމެއް ނޫނެވެ. ބަލިމީހާ ދަތުރުފަތުރުކުރި ތަންތަނާއި، އެ ސަރަޙައްދެއްގައި ބަލި ފެތުރިފައިވާ މިންވަރަށް ބަލައި، ބަލި ކަށަވަރުކުރުމަށްޓަކައި ލޭގެ ޓެސްޓު ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ގޭގައި ބަލިމީހާ ބަލަހައްޓާއިރު ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ދިޔާ އެއްޗެހި ދިނުން މުހިންމެވެ. ހަމައެއާއެކު، ޑެންގީ ނޫންކަން ކަށަވަރު ނުވަނީސް އައިބިއުޕްރޯފަން ނުވަތަ އެސްޕިރިން ފަދަ ތަދުކަނޑުވާ ބޭސްތައް އަމިއްލައަށް ބޭނުންކުރުމަކީ އެތެރެހައްޓަށް ލޭއެޅުމުގެ ފުރުސަތު އިތުރުކުރާ ކަމަކަށްވާތީ އެފަދަ ބޭސްތައް ބޭނުން ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
މިފަދަ ރޯގާތައް ފެތުރޭ ދުވަސްވަރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ޝައްކުކުރެވޭ އަލާމާތެއް ފެންނައިރަށް ޞިއްޙީ އެހީތެރިކަން ހޯދުމަކީ ބަލީގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު މަގެވެ.