އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔޫއޭއީން ނޮމިނޭޓްކުރި ލާނާ ނުސައިބާއަށް ރާއްޖޭގެ ތާއީދު

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (ޔުނައިޓެޑް ނޭޝަންސް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފަރާތުން އެ ގައުމުގެ ސަފީރު ލާނާ ޒަކީ ނުސައިބާގެ ނަން ހުށަހެޅުމާ ގުޅިގެން، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައި، އެކަމަނާއަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، އދ.ގެ އިސް ވެރިޔާގެ މަޤާމަށް އަންހެން ބޭފުޅަކު ވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަމަށެވެ. އަދި ސަފީރު ލާނާ ނުސައިބާ މި މަޤާމަށް ކުރިމަތިލެއްވީ އދ. އަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި، މި ދަނޑިވަޅަކީ އުސޫލުތަކުގައި ހިފަހައްޓާ ލީޑާޝިޕަކާއި، ޙިކުމަތްތެރި ނިންމުންތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބަސްވުން އުފެއްދުމުގެ ގާބިލުކަން އިންތިހާއަށް ބޭނުންވެފައިވާ ވަގުތެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތައް ނެގެހެއްޓުމުގައި ސާބިތުވެ ހުންނަވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށެވެ. އަދި އިންސާނީ ކަރާމާތާއި، އިންސާފާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމަށް އިސްކަންދޭ، ސުލްޙަމަސަލަސްކަމާއި ދެމެހެއްޓެނިވި ތަރައްޤީ އަދި އިންސާނީ ޙައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅަކަށް އެ މަޤާމު ޙަވާލުކުރަންޖެހޭ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއިން އަބަދުވެސް ބާރުއަޅަނީ އިތުބާރު ހިފޭ، ހަރުދަނާ އަދި އެންމެންގެ ބައިވެރިވުން އޮންނަ އދ. އެއް ބިނާކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އުންމީދީ މުސްތަގްބަލެއް ބިނާކުރުމުގައި ހުރިހާ ގައުމަކަށް ވެސް ފުރިހަމައަށް ބައިވެރިވެވޭނެ މާޙައުލެއް ގާއިމުކުރުމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުޙަލާއަކީ ދެފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ގާބިލުކަމަށް ބަލައިގެން ކުރިއަށްގެންދާ އިންސާފުވެރި މަރުޙަލާއަކަށް ވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ އެންމެހައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އދ. ގެ ޤާބިލުކަން އިތުރުކޮށް، އެ ޖަމްޢިއްޔާ ހަރުދަނާކުރުމަށްޓަކައި އެހެން މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު