ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އާކާޝް އޭ ކޯޝިކް، އޮޅުންބޮޅުން ބޮޑު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް މަޖާ ފިލްމެއް ގެނެސްދޭން މަސައްކަތްކުރި ނަމަވެސް، ސްކްރީންޕްލޭ މާ ބޮޑަށް 'ސޭފް'ކޮށް ގެންގުޅުމުގެ ސަބަބުން ފިލްމުގެ އަސްލު މިސްރާބު ގެއްލިގެން ހިނގައްޖެ ކަމަށް އިއްޔެ ސިނަމާތަކުގައި އެޅުވި އޭނާގެ ފިލްމު "އުޅްތާ ތީރް" ބެލި ގިނަ ބަޔަކު ބުނެފިއެވެ.
ޑައިރެކްޓަރު މި ފިލްމު ބިނާކޮށްފައި ވަނީ އަމިއްލަ ވަނަވަރު އޮޅިގެން އުފެދޭ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ. މި ހާލަތުގައި ދެ ފިކުރެއްގެ ދެމެދުގައި ތާށިވެފައިވާ މީހެއްގެ ރޯލުން އާޔުޝްމަން ކުރާނާ ދައްކުވައިދެނީ ފާހަގަކޮށްލެވޭ މޮޅު އެކްޓިންއެކެވެ.
ފިލްމު ފެށިގެން އަންނަނީ ވަރަށް މަޖާ އަދި ތާޒާ ރޫހެއްގައެވެ. ބޮލީވުޑްގެ ސްޕައި ތުރިލާ ފިލްމުތަކުގައި އާންމުކޮށް ފެންނަ އާދަކާދަތަކަށް މީގައި ވަރަށް ކާމިޔާބުކަމާއެކު ޖޯކު ޖަހާފައިވެއެވެ. އިންޑިއާ އަދި ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންގެ މޮޔަކަން ހާމަކޮށް ގެނެސްދޭ ހެއްވާ މަންޒަރުތަކަކީ ވަރަށް ކާމިޔާބު މަންޒަރުތަކެއް ކަމަށް ބައެއް ބެލުންތެރިން ބުނެފައިވާއިރު ފިލްމުގައި ހިމަނާފައިވާ ގިނަ ކެރެކްޓާތަކަކީ ވެސް ބެލުންތެރިން ވަރަށް ބޮޑަށް މުނިފޫހިފިލުވައިދޭ ބައެއް ކަމަށް އެއްބަޔަކު ބުނެފައިވެއެވެ.
ނަމަވެސް ފިލްމުގެ މެދުތެރެއިން މުޅި ފިލްމުގެ މިސްރާބު ބަދަލުވެއެވެ. ދެވަނަ ބައި ފެށުމާއެކު، ކުރިން ފެނުނު މަޖާ އަދި މަލާމާތުގެ ގޮތްގަނޑު ކެނޑި، ޤައުމީ ލޯތްބާއި ފަޚުރުވެރިކަން ދައްކުވައިދޭ އާދައިގެ ފޯމިއުލާ ވާހަކައަކަށް ފިލްމު ބަދަލުވެގެންދެއެވެ. މި ބަދަލު އަންނަނީ އެއް ފިލްމެއްގެ ތެރޭގައި މުޅިން ތަފާތު ދެ ފިލްމެއް ބަލަން ޖެހުނު ފަދަ އިހުސާސެއް ކުރެވޭހާ ކުއްލި ގޮތަކަށް ކަމަށް ފިލްމު ބެލި ބައެއް ބެލުންތެރިން ސިފަކޮށްފައިވެއެވެ.
ފިލްމު 'އުޑްތާ ތީރް'ގެ ލީޑް ތަރިން ކަމަށްވާ އާޔުޝްމަން ކުރާނާ އަދި ސާރާ އަލީ ޚާން-- ފޮޓޯ/ސްކްރީންފިލްމު 'އުޑްތާ ތީރް'އިން ލިބޭ އެންމެ ބޮޑު މާޔޫސްކަމަކީ، ފިލްމު ފެށިއިރު ގެންގުޅުނު އާދަޔާ ޚިލާފު ވިސްނުން ފަހުން އެއްލައިލުމެވެ. ފުރަތަމަ ބައިން ފެނުނީ އާންމު ސްޕައި ފިލްމުތަކުގެ އުސޫލުތައް މުގުރާލި މަންޒަރެވެ. ނަމަވެސް ފަހުން އެއީވެސް ހަމަ އާދައިގެ ވަތަނީ ސްޕައި ފިލްމަކަށް ބަދަލުވެގެން ދިޔައީ ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.
ސްޕައި ކޮމެޑީއެއްގެ ތެރެއަށް ޤައުމީ ލޯބި ވެއްދުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު މައްސަލައަކީ ފިލްމުގެ މިސްރާބު މާ ބޮޑަށް ކުއްލިއަކަށް ބަދަލުވުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން މަޖާ މަންޒަރުތައް ފިލްމުގެ މާހައުލާ ނުގުޅޭ ގޮތްވެ، ސީރިއަސް މަންޒަރުތަކުގައި ހުންނަންޖެހޭ ފުންމިން ގެއްލި ނަތީޖާއެއްގެ ގޮތުން، ފިލްމުގެ އަސްލު އުންމީދީ ފެށުން، އާދައިގެ ވަތަނީ ޑްރާމާއެއްގެ ތެރެއަށް ޣަރަގުވެ ގެއްލިގެން ދިޔައީ ކަމަށް ސިނަމާއިން ފިލްމު ބެލި ގިނަބަޔަކު ވަނީ ބުނެފައެވެ.
ދަރުމާ ޕްރޮޑަކްޝަންސް އާއި ސިހްޔާ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދިން މި ފިލްމުގެ ކާސްޓުގައި ސާރާ އަލީ ޚާން، ވިކްރާންތު ތާޕާ، ރާހުލް ބޯސް އަދި ބިލާލް އަޙްމަދު ހިމެނެއެވެ.