ފިލްމީ ތަރި ޢާއިޝަތު ރިޝްމީ ރަމީޒާއި ޗޮޕާޓް އުފެއްދުމުގައި ހަރަކާތްތެރިވި، އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މިހުސޯ އަބްދުއްސައްތާރު ކައިވެނިކޮށްފިއެވެ.
ރިޝްމީއާއި މިހުސޯގެ އިންސްޓަގްރާމްގައި މިރޭ ފޮޓޯތަކެއް ހިއްސާކޮށް، ދެ މީހުން ވަނީ ކައިވެނީގެ އުފާ ފާޅުކޮށްފައެވެ. އަދި ދެ މީހުންގެ އާއިލާއާއި އެކުވެރީންނާއި، ގިނަ އަދަދެއްގެ ހެޔޮ އެދޭ މީހުން ވަނީ ދެމަފިރިންނަށް މަރުހަބާ ކިޔައިފައެވެ.
ފިލްމީ އާއިލާއަކަށް އުފަން ރިޝްމީއަކީ އެ ދާއިރާގައި މިހާރު ވެސް އެންމެ ފާހަގަކޮށްލެވޭ އެއް އެކްސްޓްރެސްއެވެ. އޭނާއާއި ކޮއްކޮ، މަރިޔަމް އައްޒަ ފިލްމީ ދާއިރާއަށް ތައާރަފުވެ، ޔާރާ ޕްރޮޑަކްޝަންސްގެ ދަށުން ކާމިޔާބު އުފެއްދުންތަކެއް ނެރެފައިވެއެވެ.
ރިޝްމީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 2014ގައި ނެރުނު އިންސާނާ، 2015ގައި ނެރުނު މިކޮއެ ބައްޕަ ބައޭ ބައޭ އަދި 2017ގައި ނެރުނު ފިލްމު ވިޝްކާ ހިމެނެއެވެ. އޭގެ ތެރެއިން ވިޝްކާގެ ރޯލަށް ރާއްޖޭން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބި، ސާކް ފިލްމު ފެސްޓިވަލް 2017ގައި ވެސް އެންމެ މޮޅު އެކްސްޓްރެސްގެ އެވޯޑު ރިޝްމީއަށް ލިބުނެވެ.
ރިޝްމީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެއެވެ. އެއީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ، އަހުމަދު އަޒުމީލާއި ރަވީ ފާރޫގާއެވެ. އޭގެ ތެރެއިން، އަޒްމީލާއި ރިޝްމީގެ ކައިވެންޏަށް ފިރިހެއް ކުއްޖަކު ލިބިފައިވެއެވެ.