ވިލިމާލޭގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ތިން ފިލްމީ ތަރިން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރޭގައި ތިން ފިލްމީ ތަރިން ހިމެނުނެވެ. އެއީ:
- އަހުމަދު އަޒްމީލް (44އ)
- އިސްމާއިލް ޖުމައިހު (35އ)
- މުހައްމަދު ވިޝާލް (ރޯމަން) (29އ)
އޭގެ އިތުރުން ހައްޔަރުކުރީ، ޝާހިލް މުހައްމަދު (42އ)އެވެ.
އެ ތިން މީހުން ހައްޔަރުކޮށް، މި މަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވާން އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެހެންނަމަވެސް ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައި، ތަހުގީގު ފުރިހަމަވެފައިވާތީ ތިން މީހުން ދޫކޮށްލައިފައިވާ ކަމަށެވެ. އެއީ އަޒްމީލާއީ ޖުމައިހާއި ވިޝާލެވެ. އަދި ހަތަރު ވަނަ މީހާ ކަމަށްވާ، ޝާހިލް މިއަދު ދޫކޮށްލުމުގެ މަރުހަލާތައް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، އެ މީހުންގެ ބަންދު އިތުރުކުރަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތަށް އަމަލުކުރާނެކަން ފާހަގަކޮށްފައެވެ.
އެ ތިން މީހުންގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންނަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފޮޒިޓިވްވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، އެ އެންމެންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އެ ތިން ތަރިންގެ ތެރެއިން އަޒްމީލާއި ވިޝާލަކީ ހައްޔަރާއި ބަންދު ރެކޯޑު އޮތް ދެމީހުންކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.