ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކުރި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އޭނާ ކުރި ޕޯސްޓުގައި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ ”މަޖާވާނެ“ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ފޭސްބުކުން އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ.
އޭރު އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ ސިފައިންގެއިން ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން، މި ސަރުކާރުން ޒިހާނަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފައެވެ.