މާބަނޑު މީހުންނަށް ބޭނުންވާ ފޯލިކް އެސިޑް ލިބެން އެބަހުރި، ހުހެއް ނުވޭ: ސްޓޭޓްފާމާ

ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑރ. ޝާހު މާހިރު -- ފޮޓޯ: ސްޓޭޓް ފާމާ

މާބަނޑު މީހުންނަށް ކޮންމެހެން ބޭނުންވާ ފޯލިކް އެސިޑް މާލޭގައި ހުސްވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓްފާމާއިން ދޮގުކޮށްފިއެވެ.

މާލޭން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ސްޓޭޓްފާމާއިން ބުނީ އެ ކުންފުނީގެ މައި ސްޓޮކުގައާއި އެ ކުންފުނީގެ ބޭސް ފިހާރަތަކުން ފޯލިކް އެސިޑް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭން އެ ބޭސް ހުސްނުވާ ކަމަށް، ސްޓޭޓްފާމާއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އާންމުންނަށް ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ފޯލިކް އެސިޑަކީ ވިޓަމިން ބީ9ގެ ބާވަތެކެވެ. ފޯލިކް އެސިޑް މުހިއްމު ވަނީ އައު ސެލްތައް އުފެއްދުމަށް އެހީތެރިވެދޭތީއެވެ. މާބަނޑު އަންހެނުން ދުވާލަކު 400 މައިކްރޯގްރާމްގެ ފޯލިކް އެސިޑް ބޭނުންކުރުމަށް ކަމާބެހޭ ސިއްހީ މާހިރުން ލަފާދެއެވެ. ފޯލިކް އެސިޑް މުހިއްމުވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ ހެދިގެން އައުމަށް އެހީތެރިވެދެއެވެ.

މާބަނޑު ނުވި ކަމުގައި ވިޔަސް ދުވާލަކު 400 މައިކްރޯގްރާމްގެ ފޯލިކް އެސިޑް ބޭނުންކުރުމަށް ވެސް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ފޯލިކް އެސިޑް ގިނައިން ހުންނަ ކާނާގެ ބާވަތްތައް ކަމަށްވާ އޮރެންޖާއި ފެހިކަން ގަދަ ފަތް ކެއުމަށް ވެސް މާހިރުން ލަފާދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް