ރަސްމާލޭގައި ޔަހޫދީން އާބާދެއް ނުވާނެ، އެހެން ދީނަކަށް ފުރުސަތެއް ވެސް ނޯންނާނެ: ރައީސް

ރަސްމާލޭގެ މަޝްރޫއާއި އެކު އެތަނުގައި ޔަހޫދީން އާބާދު ނުވާނެ ކަމަށް ރައީސް ވިދާޅުވި... ފޮޓޯ/ ޕީއެސްއެމް

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގާ މަޝްރޫޢާ އެކު އެ ސަރަޙައްދުގައި ޔަހޫދީން އާބާދުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، އެތަނުގައި އެހެން އެއްވެސް ދީނަކަށް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ހަގީގަތާއި ޚިލާފު އެތައް ވާހަކައެއް ދައްކަމުންދާ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދާ ކައިރީގައި ބޭރުގެ އާބާދީއެއް އުފެދި، ދާއިމީކޮށް ބޭރު މީހުން ވަޒަންވެރިވެ، އެހެން ދީންތަކުގެ ބިނާތައް ހަދައި ކިޔަވައިދޭނެ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕަލްސް ޕޮޑްކާސްޓެއްގެ ތެރެއިން ރައީސް ވާހަފުޅުދައްކަވަނީ -- ފޮޓޯ; ރައީސް އޮފީސް

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަޙައްދުގައި ވެސް ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމަށެވެ. އަދި އެ މަޝްރޫޢުގެ ދަށުން ހިންގާ ހުރިހާ ކަމެއް ތަންފީޒުކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަސްމާލެއާ ގުޅުވައި ޔަހޫދީންގެ އާބާދީތައް ރާއްޖެއާއި ކައިރިއަށް ޖެހި ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތްކަމަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި ކަންކަމުގެ ހަގީގަތް އޮޅުވާލާ ފަރާތްކުން ސިޔާސީ ބޭނުމަށް ދައްކާ ވާހަކަ. ރަސްމާލޭގައި ބޭރުގެ އެހެން ދީނުގެ މީހުންނަށް އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ކަންކަން ކުރަން ފުރުސަތު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ ޕްރޮޖެކްޓާ ގުޅުވައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތަކީ ހެޔޮ ނިޔަތުގައި ދައްކާ ވާހަތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ، އަދި އެއީ މީސްމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ދައްކާ ވާހަކަތައް ކަމަށް ވެސް ވިދާޅުވިއެވެ.

https://sun.mv/229384

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި އިސްލާމްދީން ނޫން އެހެން ދީނެއްގެ ކަންކަން ހިންގުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެކަން ބަދަލުކުރެވޭނެ ވަރުގެ ބަޔަކު ނާންނާނެ ކަމަށެވެ.

ރަސްމާލެ ތަރައްގީކުރުމުގެ ވިސްނުންފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުން މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓްތައް ނާންނަ ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓްތަކުގައި ދިރިއުޅެން ފެށޭއިރު ބޭނުންވާނެ ތަރައްގީއާއި ބޮޑެތި އިންވެސްޓްމަންޓްތައް އެއްފަހަރާ ގާއިމުކުރުމުގެ އަމާޒުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްގީކުރާ މޯލްޑިވްސް ވޯޓަ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢަކީ 20 ބިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެކެވެ.

comment ކޮމެންޓް