ގާޒީ އިޙްސާންގެ މައްސަލަ: ކުށުގެ ހެއްކެއް ނެތް ކަމަށް ބުނާއިރު، މަގާމުން ވަކިކުރަން ކޮމިޓީގެ އިއްތިފާގުން ނިންމައިފި

ގާޒީ އިހުސާން --

ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިޙްސާންއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައެއްގައި، އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ނިންމައިފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ގާޒީ އިޙްސާން ވަޒީފާއިން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވަނީ މި ހިނގާ މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ބައްދަލުވުމުގައެވެ.

ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި މި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ގާޒީ އިޙްސާންގެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 40-5 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 1، 2، 3 އަދި 4ވަނަ ނަންބަރާ ޚިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަންބަރުގެ ދަށުން އޭނާ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތެއް ކަމަށް ބުނެ އަޑުފެތުރިފައިވީ ނަމަވެސް، މި މައްސަލައިގައި ތުހުމަތު އުފެއްދި މުވައްޒަފު، ގާޒީ ޢަބްދުﷲ އިޙްސާން ޖިންސީ ފުރައްސާރަކޮށްފައި ނުވާކަމަށް ދެ ފަހަރެއްގެ މަތިން ކޮމިޝަނަށް ބަޔާން ދީފައިވާކަން އިތުބާރު ހުރި މަސްދަރަކުން ސަން އަށް ވަނީ ކަށަވަރުވެފައެވެ. އަދި ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށާއި، އެއީ އޭރު ހީވި ހީވުމެއްގެ މައްޗަށް ދެކެވުނު ވާހަކައެއް ކަމަށް އެ މުވައްޒަފު ބަޔާންކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގާޒީ އިޙްސާންގެ އާއިލީ ޒާތީ ދިރިއުޅުމުގެ ތެރެއިން އުފެދިފައިވާ މައްސަލައެއް ކަމަށް ބެލެވޭ މި މައްސަލައިގައި ޖޭއެސްސީން ސީދާ ބަލަމުންދަނީ ކޮން ކަންތައްތަކެއް ކަން މިހާތަނަށް ސާފުވެފައި ނުވި ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ބެލެވޭ އެއްވެސް ވާހަކައެއް ޝަކުވާ ހުށަހެޅި މުވައްޒަފުގެ ފަރާތުންނާއި ކޮމިޝަނަށް ހާޒިރުކުރި އެހެން މުވައްޒަފުންގެ ފަރާތުންވެސް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގާޒީ އިޙްސާން މީގެކުރިން ސަސްޕެންޑް ކުރެވުނު ދުވަސްވަރު، އެއީ ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމުރެއް ނެރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަހުން ވަނީ އެކަން ދޮގުކޮށް ނޫސްބަޔާނެއް ނެރެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު