މާލޭގައި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގެ އެހީތެރިކަމާއެކު ތިން ޓާފް ދަނޑު ތަރައްގީކުރުމަށް ނިންމާފައިވާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ހާމަކުރައްވައިފިއެވެ.
އޭއެފްސީން ފާސްކޮށްދީފައިވާ މި މަޝްރޫއުގެ ދަށުން، ދެ ދަނޑު ތަރައްގީކުރާނީ މާފަންނު ވެލިދަނޑު (ކުރީގެ މިނީ ޓާފް ދަނޑުތައް ހުރި ސަރަހައްދު) ގައެވެ. އަދި ތިންވަނަ ދަނޑު އަޅާނީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މާފަންނު ޓާފް ދެ ނަންބަރު ދަނޑުގެ ބަދަލުގައެވެ.
މީގެއިތުރުން، ސަރުކާރާ ގުޅިގެން މާފަންނު ޓާފް އެއް ނަންބަރު ދަނޑުގެ ވިނަގަނޑު މުޅިން އަލުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.
ޓާފް އެކެއް އަދި ދެއެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން، ޠާރިޤު އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ އެ ދަނޑުތައް މަރާމާތުކޮށްފައެވެ.
ޠާރިޤު ވިދާޅުވި ގޮތުގައި، ވެލިދަނޑު ސަރަހައްދުގައި ހުރި އަމިއްލަ ފަރާތެއްގެ ގުދަން ހުސްކުރުމުގެ މަސައްކަތް އެ ފަރާތާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެތަން ހުސްވިހާ އަވަހަކަށް، އިމާރާތް ތަޅާލައި ދަނޑުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި ތިން ދަނޑުގެވެސް ސަބް-ބޭސް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ އެފްއޭއެމްއާއި ސަރުކާރު ގުޅިގެންނެވެ.
މާލެ ސަރަހައްދުގައި އިތުރު ދަނޑުތައް ތަރައްގީކުރެވިގެން ދިއުމަކީ، ފަރިތަކުރުންތަކަށާއި މެޗުތައް ކުޅުމަށް ދަނޑު ނުލިބުމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.