ސައިކަލު ކަވަރު ސެޓެއް ވިއްކާނެކަމަށް ބުނެ މަކަރުހެދި މީހަކު 14،400ރ. އިން ޖޫރިމަނާކޮށްފި

ސައިކަލު ކަވަރުސެޓެއް ވިއްކާނެކަމަށް ބުނެ މަކަރުހެދި މީހަކުވަނީ ޖޫރިމަނާކޮށްފައި-- ސަން ފޮޓޯ/ މާނިއު މުހައްމަދު

ސައިކަލެއްގެ ކަވަރު ސެޓެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި މުދާ ހަވާލުނުކުރި މައްސަލައެއް ސާބިތުވެ، ތ. ތިމަރަފުށީ، ޖޭޑް، އިސްމާޢީލް އަޙްމަދު 14،400 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ތ. ވޭމަންޑޫ މީހަކަށް ޔަމަހާ އެކްސައިޓަރ ސައިކަލެއްގެ ކަވަރު ސެޓެއް ވިއްކާނެ ކަމަށް ބުނެ އޭނާގެ އަތުން މަކަރާއި ހީލަތުން 3،500 ރުފިޔާ ހޯދުމަށްފަހު، އެ ތަކެތި ހަވާލުނުކުރި މައްސަލައެކެވެ.

ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާއަށް އިބްތިދާއީ މަރުހަލާގައި އިސްމާޢީލް އަޙްމަދު ވަނީ އިއުތިރާފުވެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އަދި މަކަރާއި ހީލަތުން އަތުލި 3،500 ރުފިޔާ، އަނިޔާ ލިބުނު ފަރާތަށް އޭނާ މިހާރު ވަނީ އަނބުރާ ދައްކައި ޚަލާސްކޮށްފައެވެ.

މި މައްސަލައިގައި، އިއުތިރާފުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިސްމެޖިސްޓްރޭޓް މުޙައްމަދު އީމާން ކުރެއްވި ހުކުމުގައި ވަނީ، 14،400 ރުފިޔާގެ ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް އަންގަވާފައެވެ.

comment ކޮމެންޓް