ޔާމީން ހުށަހެޅުއްވީ ރަސްމާލޭ މަޝްރޫއާ ގުޅުވައި ޒުވާނުންގެ ސާވޭއެއް ހަދަން: "ސޮއިކުރާ ބަޔަކަށް ބިން ލިބޭނެ"

ޔާމީން އައްޑުއަށް ވަޑައިގަތުން: ޔާމީން ހުށަހެޅުއްވީ ރަސްމާލޭ މަޝްރޫއާ ގުޅުވައި ޒުވާނުންގެ ސާވޭއެއް ހަދަން -- ފޮޓޯ/ ޕީއެންއެފް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދީގެން ހިންގާ މަޝްރޫއަށް އިޝާރާތް ކުރައްވައި، މި ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ގުޅުންހުރި "ހުރިހާ އެއްޗެއް" ބާތިލުވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 21ގައެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.

އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ޔާމީން ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން، އެ މަނިކުފާނުގެ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވެސް ޔާމީން ވަނީ، އީގަލްސް ހިލްސްއަށް ރަސްމާލޭގެ ބިން ހަވާލުކުރާ ހިސާބުން އެ ސަރަހައްދުން ރާއްޖޭގެ ބާރު ކެނޑޭނެ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"އަނބިމީހާ ވަރިކޮށްފައި އެހެން މީހަކާ ހަވާލުކޮށްފައި ދެން ނުބުނެވޭނެ ދެއްތޯ މީނަ ބަލަހައްޓަން ޖެހޭނީ މިވެނި ގޮތަކަށޭ، އެހެންވީމަ ރަސްމާލޭގެ ސްޓޭޓަސް އޮތީ އެގޮތަށް، ރަސްމާލެ ދިވެހި ރައްޔިންތުގެ އަދި ދިވެހިރާއްޖޭގެ ސިޔާދަތުން ބޭރަށް މި ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، މިހާރު ވެސް ރަސްމާލެއަށް ސަރުކާރުގެ ބާރެއް ނުހިނގާނެއެވެ. ނަމަވެސް، އެއީ ދިވެހި ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ބިމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

އެހެންވެ، އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މަޝްރޫއާ ގުޅޭ ގޮތުން ޒުވާނުންގެ ޚިޔާލު އޮތް ގޮތް ހޯދުމަށް ސާވޭއެއް ކުރިއަށްގެންދިޔުމަށް އެ މަނިކުފާނު ހުށަހެޅުއްވިއެވެ.

ކ. ފުށިދިއްގަރުފަޅުގައި ހިއްކަމުން އަންނަ ރަސްމާލެ: ރަސްމާލެއަކީ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ތަނެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި -- ފޮޓޯ: އެޗްޑީސީ

"ޒުވާން ކުދިންގެ ރުހުން މިކަމުގައި އޮތީ ނޫނީ ނަފުރަތު މި ކަމުގައި އޮތީ ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ސާވޭއެއް ހަދައި ދީފައި އެ ކުދިންގެ ސިގްނޭޗާސް ގެންނަންވީ ނޫންތޯ. އެ ސޮއިކޮށްގެން އަންނަ ހުރިހާ ކުދިންނަށް އިރާދަކުރެއްވިއްޔާ ވެރިކަން ބަދަލުވެގެން ދިޔައިމަ ފުރަތަމަ ބިން ލިބޭ ބަޔަކަށް އެ މީހުން ވާނެ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި ރަސްމާލޭގެ މަޝްރޫއާ ގުޅޭ ގޮތުން އެއްބަސްވުންތައް ހެދި ނަމަވެސް، ސަރުކާރު ބަދަލުވާ ހިސާބުން "ހުރިހާ އެއްޗެއް" ބާތިލުވާނެއެވެ. އަދި ރަސްމާލޭގެ ބިން ހައްގުވަނީ ޒުވާނުންނަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ޔާމީން ވަނީ، މިއީ ޒުވާނުންގެ "ލޭ ކެކޭ" ފަދަ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްމާލޭން އެންމެ ފުރަތަމަ ބިން ހައްގުވާނީ، މި މައްސަލައިގައި ފާޅުގައި ނުކުމެެގެން، އެ މަސައްކަތް ކުރަން ކެރޭ ޒުވާނުންނަށެވެ.

https://www.sun.mv/229001

ރަސްމާލޭގެ މަޝްރޫއާ ގުޅުވައި އިދިކޮޅުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ސަރުކާރުންނާއި އީގަލް ހިލްސްއިން ވެސް ޖަވާބުދީފައިވެއެވެ. އެގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތަކެއް އަޅުއްވާނެކަން މިދިޔަ ހަފުތާގައި އިއުލާންކުރައްވައިފައެވެ.

މީގެ އިތުރުން، އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ، އެ ކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ހިންގަނީ އެ ގައުމެއްގެ ގާނޫނުތަކަށް އިހުތިރާމު ކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުން ދިވެހީންނަށް ގިނަ ގުނަ ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު