ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް"އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރި ފަހުން ބައްދަލުވި ބޭރުގެ މާލީ އިދާރާތަކުން މި ގައުމަށް އެހީ ދިނުމުގައި ވިސްނަނީ، ޕޮޒިޓިވްކޮށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ.
މި މަހު އަށެއްގައި މޫޑީޒްއިން ރާއްޖޭގެ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ، ސީއޭއޭ1އަށް މަތިކުރީ ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމާއި މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައްް ފާހަގަކޮށްފައެވެ. އަހާ ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒަރީރު ވަނީ އެ ކަމަށް އިޝާރަތްކުރައްވައި ވެސް ވާހަކަދައްކަވާފައެވެ.
މިގޮތުން، އެންމެ ފުރަތަމަ ރާއްޖޭގެ ރޭޓިން 2016ގައި ހެދިއިރު، ބީ ޕްލަސްގައި ހުރި ނަމަވެސް އޭގެ ފަހުން ރޭޓިން އައީ ދަށްވަމުން ކަމަށް ޒަރީރު ވިދާޅުވިއެވެ. އެކަމަކު، މި އަހަރު ރޭޓިން މަތިވުމުން އިތުރު މާލީ އެހީތައް ހޯދުމަށް ފަސޭހަވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރޭޓިންގެ އަޕްގްރޭޑިން ލިބުނު ފަހުން ބައްދަލުވި ދުނިޔޭގެ އެކި އެކި މާލީ އިދާރާތަކުން ވަރަށް ޕޮޒިޓިވްކޮށް މި ކަން ފާހަގަކޮށް، ދައުލަތަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީތައް ފޯރުކޮށްދިނުމުގައި ވަރަށް ޕޮޒިޓިވްކޮށް ވިސްނާކަން ފާހަގަކުރެވޭ،" ޒަރީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ޒަރީރު މިރޭގެ އަހާ ފޯރަމުގައި ---- ފޮޓޯ/ ރައީސް އޮފީސްމިނިސްޓަރު ސިފަކުރެއްވި ގޮތުގައި، މޫޑީޒްގެ ރޭޓިން މަތިވުމަކީ ދައުލަތުގެ އިގުތިޞާދީ މަސައްކަތްތައް ރަނގަޅުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނު އެންޑޯޒްމަންޓެކެވެ.
އިތުރަށް ވާހަކަދައްކަވަމުން ޒަރީރު ވަނީ ރާއްޖޭން ދަރަނި ދެއްކުމުގައި މިހާރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވަނީ މިދިޔަ އަހަރުތަކުގައި ދަރަނި ދެއްކި އަދަދުތަކާއި މި ސަރުކާރުގައި ދަރަނި ދެއްކި އަދަދުތަކާ އަޅާ ކިޔުއްވާފައެވެ. އެގޮތުން، 2013 އިން 2018އާ ހަމައަށް ގާތްގަނޑަކަށް 415 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި 2018އިން 2023އާ ހަމައަށް ދައްކާފައި ވަނީ، 948 މިލިއަން ޑޮލަރުގެ ދަރަނި ކަމަށް ޒަރީރު ވިދާޅުވިއެވެ. އެކަމަކު، މި ސަރުކާރުގެ މިހާތަނަށް 1.42 ބިލިއަން ޑޮލަރު ދައްކައި، ފިސްކަލް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ޑެފިސިޓް ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރާކަން ހާމަކުރައްވަމުން ޒަރީރު ވިދާޅުވީ، މި އަހަރުގެ އަމާޒަކީ ހަތް ޕަސެންޓަށް ޑެފިސިޓު ކުޑަކުރުން ކަމަށެވެ. ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތިތައް ކުރިމަތިވި ކަމަށާއި އަމާޒަކީ ދިހަ ޕަސެންޓަށްވުރެ ދަށުގައި ޑެފިސިޓް ހިފެހެއްޓުންކަން ޒަރީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، ދައުލަތަށް މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ދެގުނައަށްވުރެ އިތުރުވެ، 514.6 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދުމަށް ދައުލަތުން ގިނަ ފަހަރު ބަޖެޓުގައި ޖަހަނީ ބިލިއަނުން މަތީގެ އަދަދުތަކެވެ. ނަމަވެސް އެ އަދަދަކަށް ހިލޭ އެހީ ނުލިބެއެވެ. އެގޮތުން 2023ގައި 2.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް، ލިބުނީ 515 މިލިއަން ރުފިޔާއެވެ. ޖެހިގެން އައި އަހަރު، 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބުނީ 660 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު ހިލޭ އެހީއަށް 2.6 ބިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ޖެހި ނަމަވެސް، ލިބުނީ 415 މިލިއަން ރުފިޔާއެވެ.
އެއަށްފަހު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއަކީ، އާންމުކޮށް އެހެން އަހަރުތަކުގައި އަންދާޒާ ކުރާ އަދަދަށްވުރެ ވަރަށް ބޮޑަށް ދަށް އަދަދެކެެވެ.