ގާނޫނުގެ ޗާޓުން ބޭރުން ނަޝީދަށްވެސް ޖާގައެއްނެތް!

ގާނޫނު އަސާސީގައި ބުނެ އެވެ؛ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަ ހަމަ މީހެކެވެ. ގާނޫނޫ އަސާސީން ކަށަވަރު ކުރާ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ރައްޔިތަކަށް ތަފާތުކުރުން ނެތުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ މައިގަނޑު އަސާސެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް، ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާތަކަށް އެމަނިކުފާނު ކޯޓަށް ވަޑައިގަންނަވަން ދަނީ އިންކާރު ކުރައްވަމުންނެވެ. ދެ ފަހަރަށް އެންގުމުންވެސް ނަޝީދު އިޖާބައެއް ނުދެއްވި އެވެ. އެންމެ ފަހުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ވަނީ އަމުރެއްނެރެފަ އެވެ.

ގާނޫނުގެ ޗާޓުން ނަޝީދު ބޭރުވެ ވަޑައިގަންނަވަން އެ މަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީންވެސް އަންނަނީ މަގުކޮށައި ދެމުންނެވެ. ކޯޓުތައް ގަބޫލުނުކުރުމަށް ޕާޓީން ވަނީ ގަރާރު ފާސްކޮށް މުގުރުޖަހާފަ އެވެ. ނަޝީދު ގާނޫނުގެ ޗާޓުން ބޭރުގައި ގެންގުޅަށް އެ ޕާޓީން ކުރާ މަސައްކަތްވެސް ވަނީ ބޮޑު ޖޯކަކަށެވެ.

"ކޯޓުތަކުގެ ހުކުމްތަކަށް ގޮންޖެހިދާނެ އަދި ފާޑުވެސް ކިއިދާނެ، ނަމަވެސް ކޯޓުތަކުގެ އަމުރެއް ތަބާނުވާނެ ކަމަށް ޕާޓީގެ އެކްޒިކިއުޓިވް ކައުންސިލުން ގަރާރެއް ފާސްކުރުން އެއީ ވަރަށް ބޮޑު ޖޯކަކަށް އޭރުން ވަނީ. ރާއްޖޭގެ ގާނޫނު އެބަ ހިނގާ، ގާނޫނު އަސާސީއެއް އޮތްކަމަށް ގަބޫލުކުރަން ޖެހޭ. ކޯޓުތައް ވެސް އެބަހުރި. ފަނޑިޔާރުން ވެސް އެބަތިބި. އަޅުގަނޑުމެންނަށް އެބަފެނޭ ކޮންމެ ދުވަހަކު ކޯޓުތަކުގައި ޝަރީއަތް ހިނގާތަން. މީހުންނަށް ހުކުމްކުރާތަނާއި ދޫކުރާތަނާއި މިކަންކަން. 50،000 މީހުން ހިމެނޭ ޕާޓީއެއްގެ ގަރާރަކުން ނުނިންމޭނެ ކޯޓުތަކާއި ކޯޓުތަކުގެ އަމުރުތައް އުވާލާކަށް. މިހެން ނިންމާފައި އޮތް ނިންމުމަކީ ވަރަށް ބޮޑު ޖޯކެއް. އެއްވެސް މީހަކަށް ގާނޫނުން މައްޗަކު ނުހުރެވޭނެ،" އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި ރައީސް ނަޝީދުގެ ގާތް ރަހުމަތްތެރިޔާ، ސައްޕޭ ވިދާޅުވެފައިވެ އެވެ.

ހަގީގަތަކީ ގާނޫނުގެ ޗާޓުން ބޭރުން އެއްވެސް މީހަކަށް ނޫޅެވޭނެ ކަމެވެ. ގާނޫނުގެ ޗާޓުން ބޭރުވުމަކީ އޭގެ ހުދޫތަކާއި އިންތަށް ފަހަނައަޅާ ދިޔުމަކީ އެއަށް އުގޫބާތްވެސް އޮންނަން ޖެހޭނޭ ކަމެކެވެ. އެމްޑީޕީގެ އެތައް މެންބަރުންނެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭއިރު ކޯޓުތަށް ގަބޫލުނުކުރާނެ ކަމަށް އެ ޕާޓީން ގަރާރު ފާސްކުރީ ރައީސް ނަޝީދާ ޖެހުނީމަ އެވެ. ކޯޓަށް ހާޒިރުވުމަށް ރައީސް ނަޝީދަށް ޗިޓު ރައްދުވި ހިސާބުންނެވެ. ނަޝީދު ގާނޫނުގެ ދިގު އަތުން ސަލާމަތްކުރުމަށް މިހާރު ކުރާ މަސައްކަތްތަކާ އެކު އެހެން ފެންމަތިވާ އެހެން ސުވާލުތައްވެސް ހުރީ އެވެ. ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ އެ ޕާޓީގެ މެންބަރުންނާއި އަދި މަޖިލީހުގެ ބައެއް މެންބަރުންވެސް ދެން ހަދާނީ ކިހިނެތްހެއްޔެވެ؟

އެކަމާ ސައްޕެވެސް ސުވާލުއުފެއްދެވި؛ " އެވަރުގެ އެންގުމެއް ނޭންގޭނެ ޕާޓީއަކުން، އެއްވެސް ޕާޓީއެއްގެ މެންބަރުންނަކަށް. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުގެ މައްސަލައެއްގައި ކޯޓުން އަމުރު ނެރެފިއްޔާ އަޅުގަނޑު އެ އަމުރަށް ތަބާވެއްޖިއްޔާ، ދެން އަޅުގަނޑު ޕާޓީން ބާކީ ވާނީ ހެއްޔޭ؟ އެހެން ވެގެން ނުވާނެ،"

ގާނޫނީ ޗާޓުން ބޭރުވުމަށް ނަޝީދު މައިގަނޑު ގޮތެއްގައި ދެ އުޒުރެއް ދައްކަވަ އެވެ. ޝަރުއީ ނިޒާމު "ކޮރަޕްޓް ވުމާއި" އެއީ ސިޔާސީ ގޮތުން އެމަނިކުފާނަށް އުފުލާ ދައުވާއެއް ކަމަށް ގަބޫލުކުރުމެވެ. އަދި ހުޅުމާލޭ ކޯޓާއި އެ މައްސަލަ ބައްލަވާ ފަޑިޔާރުންގެ ބެންޗާމެދުވެސް ނަޝީދު ގެންދަވަނީ ސުވާލުއުފައްދަވަމުންނެވެ.

ހުޅުމާލޭ ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ސެޑިއުލްކޮށްފައިވަނިކޮށް ކޯޓުތަކަށް ޗެލެންޖް ކުރައްވަމުން ރައީސް ނަޝީދު އެމްޑީޕީގެ " ވައުދުގެ ދަތުރުގައި" ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޝަރީއަތެއް ކުރާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ޝަރީއަތް ކުރާނެ ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ދައުވާއާ ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ގޮވާލައްވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން މިއީ ޝަރީއަތެއް ކަމަކަށް ވެސް އަދި މި ޝަރީއަތް ކުރާނެ ކަމަކަށް ވެސް. އަޅުގަނޑު މިދެކެނީ މިކަމުގައި ދެވަނަ ވިސްނުމަކަށް ހުރިހާ ފަރާތްތަކުން ވެސް ވަޑައިގަންނަވާނެ ކަމަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު އެމަނިކުފާނުގެ ބްލޮގުގައި ނަޝީދުގެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ޖަސްޓިފިކޭޝަނަކަށް ފެތޭނެ ގޮތަށް އެ ދައުވާއާ މެދު އިންސާފުކުރައްވާފައިވެ އެވެ. "އެމްނަޝީދުގައި ޑޮޑްކޮމް"ގައި މިދިޔަ އަންގާރަ ދުވަހު އޭނާ ލިއުއްވާފައިވަނީ ކުރީގެ ރައީސްގެ މައްޗަށް ދަޢުލަތުން ކުރާ ދައުވާއަކީ މީގެ ކުރިން ކޮށްފައިވާ ދަޢުވާތަކާ ހުރިހާ ގޮތަކުން ވެސް ތަފާތު ދައުވާއެއް ކަމަށާއި އެ ދައުވާއަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގާޒީއަކު ހައްޔަރުކުރައްވައިގެން ކުރާ ދައުވާއެއް ކަމަށެވެ. އަދި އެއީ ސިޔާސީ ދައުވާއެއް ކަމަށް ބެލުމުގެ ޖާގަ ހަނިކަމަށްވެސް ނަޝީދު ސިފަކުރެއްވި އެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ފާޅުގައި އަދި ގަސްދުގައި ކުރެއްވި ޤާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއްގެ މައްޗަށް ކުރާ ދައުވާއެއްކަން. ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެރައެއް ދިނުމުގެ މަޤްޞަދުގައި އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަތް ބޭފުޅަކު، ޒާތީ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ހޯއްދަވައިގެން، އެގޮތް މިގޮތުން މަސައްކަތްކުރައްވައިގެން، ޖިނާއީ އަދަބެއް ދިނުމުގެ ނިޔަތުގައި ކުރާ ދަޢުވާއެއް ނޫންކަން. ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް ޞުލްޙަވެ، އެކަތިގަނޑަކަށްވެ، އެކަމަށް ބޭނުންފުޅުވި ކަމަށްވީ ނަމަވެސް، މިހާރު އުފުލާފައިވާ ދަޢުވާ ކުރުމާއި ނުކުރުމާއި އަނބުރާ ގެންދިއުމުގެ ބާރަކީ، ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލް އަށް ގާނޫނު އަސާސީ އިން ލިބިދޭ ބާރެއް ކަމަށް. އަދި ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަވާ ރައީސެއްގެ މައްޗަށް ވެސް، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ޤާނޫނު އަސާސީން ލިބިގެންވާ މީހަކީ ޕީޖީ ކަމަށާއި އަދި، މަގާމުގައި ހުންނެވި ރައީސެއްގެ މައްޗަށް ޕީޖީ ކުރާ އެފަދަ ދަޢުވާއެއް، އެ ވަގުތު ކުރިޔަށް ނުގެންދަން ކަނޑައެޅޭނީ، ޕީޖީ އަށް ކަމަށް ގާނޫނު އަސާސީ އިން ކަނޑައެޅިގެން އެނގޭ ކަމަށް،" ދައުވާ ސިޔާސީ ދައުވާއަކަށް ނުވާ ސަބަބުތަކުގެ ގޮތުގައި ނަޝީދު ލިއުއްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ބަހަނާ ތަކުގައި މާބޮޑު ހުއްޖަތްތަކެއް ނެތްއިރު ވިދާޅުވާ ބަސްފުޅުތަކާއި އަމަލުފުޅުތައްވެސް މި މައްސަލައިގައި ދިމަލެއްނުވެ އެވެ. ކޯޓު ސައްހަ ނޫންކަމަށް ވިދާޅުވެ ކޯޓުތަކާ ދެކޮޅަށް ގަދަފައި ވިއްދަވާއިރު ކެމްޕޭން ކުރައްވާތީ ޝަރީއަތް ފަސްކޮށްދެއްވުމަށް، "ނެތް ކޯޓެއް ކަމަށް ބުނާ" ހުޅުމާލޭ ކޯޓުގައި އެދިވަޑައިގަތީ ރައީސް ނަޝީދެވެ. ކޯޓަށް ހާޒިރުކުރުމުގެ އަމުރު އިސްތިއުނާފުކުރަން ހައިކޯޓަށް މައްސަލަވައްދަން މަސައްކަތް ކުރެއްވީވެސް ނަޝީދު އެވެ. ނަމަވެސް ކޯޓުތައް ގަބޫލެއްނުކުރައްވަ އެވެ. އުސްފަސްގަނޑު ނަގަން ފުލުހުން ދިޔުމުން އެ މައްސަލަ ކޯޓަށް ވައްދާ އުސްފަސްގަނޑު އަލުން އަތުލީ އެމްޑީޕީން ކޯޓަށް ގޮސްގެނެވެ. އެކަމަކު ކޯޓުތައް ގަބޫލުނުކުރެ އެވެ.

ރައީސް ނަޝީދަށްވެސް، އެންމެ ނިކަމެތި އާދައިގެ ރައްޔިތަކަށްވެސް ކޯޓަށް ނުދާން ގަދަފައި ވިއްދާފައި ހުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައީސް ނަޝީދަށްވެސް އެ އޮޕަޝަނެއްނެތެވެ. އެމަނިކުފާނުވެސް ކޯޓުތަކުގެ އޯޑަރުތަކަށް އަމަލުކުރަންޖެހެ އެވެ. ނޫންނަމަ ގާނޫނުގެ ބާރެއް އަދި ހަމަހަމަކަމެއްވެސް ނެތެވެ. އެ ހަމަހަމަ ކަމުގައި ރައީސް ނަޝީދުވެސް އިސްތިސްނާނުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް