ޖޭޑީއެސް ސްކޮލަޝިޕްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އަންގާރަ ދުވަހު ފަށަނީ

ޖޭޑީއެސް ސްކޮލަޝިޕްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އަންގާރަ ދުވަހު ފަށަނީ -- ފޮޓޯ: ޖައިސް

ދެހާސް ހަތާވީހުން 2028 ވަނަ ދިރާސީ އަހަރަށް ޖަޕާނުން ދޭ "ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ފުރަތަމަ ސެޝަން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖައިސް) އިން އިންތިޒާމުކުރާ މި ސެޝަން އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ކުރިއަށްދާނީ އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 އިން 4:00 އަށެވެ.

މި ސެޝަންގައި ޖޭޑީއެސް ސްކޮލަޝިޕާ ބެހޭ ޢާންމު މަޢުލޫމާތު ދިނުމުގެ އިތުރުން، އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާއާއި ގުޅޭގޮތުން ސުވާލާއި ޖަވާބަށް ވަގުތު ހުޅުވާލެވޭނެއެވެ. މީގެ އިތުރުން، މި ސްކޮލަޝިޕްގައި ޖަޕާނުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެއެވެ.

އޮކްޓޫބަރު 20 ގައި މި ބާއްވާ ސެޝަނަކީ ޖައިސްއިން ކުރިއަށްގެންދާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަނެވެ. މީގެ އިތުރުން އޮކްޓޫބަރު 29، ނޮވެމްބަރު 8، 19، 26 އަދި ޑިސެމްބަރު 6 ވަނަ ދުވަހު ވެސް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ރިސާޗް ޕްލޭން ތައްޔާރުކުރާނެ ގޮތާ ބެހޭ ޚާއްޞަ އޮންލައިން ސެމިނާއެއް ނޮވެމްބަރު 22 ވަނަ ދުވަހުގެ މެންދުރުފަހު 4:00 އިން 5:30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ފޯމުތައް 14 ޑިސެމްބަރު 2026 ގެ މެންދުރުފަހު 4:00 ގެ ކުރިން ޖޭޑީއެސް އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ޖޭޑީއެސް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް