ގޮހޮރުގެ ބަލިތަކާ ގުޅޭ ގޮތުން ފެންނަ، ފަރުވާކުޑަކޮށްލަން ނުވާނެ 5 އަލާމާތް

ގޮހޮރުގެ މައްސަލަތަކަކީ އާންމު ކަމަކަށް ވިޔަސް، ބައެއް އަލާމާތްތަކަކީ ސީރިއަސް ބަލިތަކެއްގެ ފެށުން --

ބަނޑާއި ގޮހޮރުގެ މައްސަލަތަކަކީ އާންމު ކަމަކަށް ވިޔަސް، ބައެއް އަލާމާތްތަކަކީ ސީރިއަސް ބަލިތަކެއްގެ ފެށުން ކަމަށް ވެދާނެއެވެ.

ބަނޑުހައިވުމާއި، ބޭރަށް ހިންގުމާއި، ގޭސްވުން ފަދަ ކަންކަމަކީ އާންމުކޮށް ގިނަ މީހުންނަށް ދިމާވާ ކަންކަމެވެ. މިއީ އާދައިގެ ބަނޑުގެ މައްސަލައެއް ނުވަތަ ކެވޭ އެއްޗެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް، އަނގައިން ފެށިގެން ގޮސް ބޮޑު ގޮހޮރުގެ ނިޔަލަށް އިންނަ ހަޖަމުކުރާ ނިޒާމުގައި އުފެދޭ ބައެއް މައްސަލަތަކަކީ އެއަށްވުރެ މާ ސީރިއަސް ބަލިތަކެއްގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، ފަރުވާކުޑަކޮށްލަން ނުވާނެ މުހިންމު ފަސް އަލާމާތެއް ވެއެވެ.

ފުރަތަމަ ކަމަކީ ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުމެވެ. ގިނަ މީހުންނަށް ބޮޑުކަމުދާ ތަކެތީގައި ލޭ ހުންނަތަން ފެނުމުން އެއީ ފުރަގަސްފަރާތުގެ ބައްޔެއް ކަމަށް ހީކޮށް އެކަމާ އަޅާނުލެވެއެވެ. ފުރަގަސްފަރާތުގެ ބައްޔަކީ ލޭނާރުތައް ދުޅަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް، ބަލާބެލުމަށް އެއީ ފުރަގަސްފަރާތުގެ ބަލީގެ ސަބަބުން އަންނަ ލޭކަން ނުވަތަ އެހެން ސީރިއަސް މައްސަލައެއްކަން ދެނެގަންނަން އުނދަގޫވާނެއެވެ. ނޯތު ކެރޮލައިނާގެ ވޭކް ފޮރެސްޓް ޔުނިވާސިޓީގެ ޕްރޮފެސަރ އަދި ގޭސްޓްރޯއެންޓެރޮލޮޖިސްޓް ޑރ. ބަހާ މޮޝިރީ ބުނި ގޮތުގައި، ގޮހޮރުގެ ކެންސަރާއި، ކްރޯންސް ޑިޒީޒް ފަދަ ބަލިތަކުގެ ސަބަބުން ވެސް ލޭ ފެނިދާނެއެވެ. އަދި ބޮޑުކަމުދާ ތަކެތި ކަޅުކޮށް ހުރުމަކީ މައިދާގައި ނުވަތަ ގޮހޮރުގެ މަތީ ބައިގައި ލޭހިލުމުގެ އަލާމާތަކަށް ވެދާނެއެވެ. މިއީ މައިދާގެ ފާރުވުމެއް ނުވަތަ ކެންސަރުގެ ސަބަބުން ވެސް ދިމާވެދާނެ ކަމެކެވެ.

ދެވަނަ ކަމަކީ ބޮޑުކަމުދާ އާދަތަކަށް ކުއްލި ބަދަލެއް އައުމެވެ. ބޮސްޓަންގެ މާސް ޖެނެރަލް ބްރިގްހަމްގެ ގޭސްޓްރޯއެންޓެރޮލޮޖިސްޓް ޑރ. އެންޑްރޫ ޗޭން ބުނި ގޮތުގައި، ކެއުމަށް ނުވަތަ ބޭނުންކުރާ ބޭހަކަށް ބަދަލެއް ނާންނަނީސް، ކުއްލިއަކަށް ބަނޑުހިކުމާއި، ބޭރަށް ހިންގުން ނުވަތަ ބޮޑުކަމުދާ ތަކެތި ހިމަކޮށް ހުރުން ފަދަ ކަންކަން މެދުވެރިވާނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. ޑރ. އެންގް ފާހަގަކުރި ގޮތުގައި ގޮހޮރުގައި އުފެދޭ ޓިއުމަރެއްގެ ސަބަބުން ވެސް ބަނޑުހިކުމާއި ބޮޑުކަމުދާ ތަކެތި ހިމަވުން މެދުވެރިވެދާނެއެވެ. އަދި ގޮހޮރު ދުޅަވުމުގެ ސަބަބުން ބަނޑުހިކުމާއި ބޭރަށް ހިންގުން އެކުއެކީގައި ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތިންވަނަ އަލާމާތަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭރަށް ހިންގުމެވެ. ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތަކަށް ބޭރަށް ހިންގާނަމަ، އަދި ބަނޑުގައި ރިއްސުމާއި ކާހިތްނުވުން ފަދަ ކަންކަން ދިމާވާނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ޑރ. އެންގް ލަފާދިނެވެ. ޑރ. މޮޝިރީ ބުނި ގޮތުގައި މިއީ ބެކްޓީރިއާ ނުވަތަ ވައިރަސްއެއްގެ ސަބަބުން އިންފެކްޝަނެއް އުފެދިގެން ދިމާވާ ކަމަކަށް ވެދާނެއެވެ. މީގެ އިތުރުން، ކްރޯންސް ޑިޒީޒް ފަދަ ގޮހޮރު ދުޅަވާ ބަލިތަކާއި، ސީލިއެކް ޑިޒީޒް ފަދަ ބަލިތަކުގެ ސަބަބުން ވެސް މިގޮތަށް ދިމާވެދާނެއެވެ. ސީލިއެކް ޑިޒީޒްއަކީ ގްލޫޓަން އެކުލެވޭ ކާނާ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ކުޑަ ގޮހޮރަށް ހަމަލާދޭ ބައްޔެކެވެ.

ހަތަރުވަނަ ކަމަކީ ކާތަކެތި ދިރުވަން އުނދަގޫވުމެވެ. ކާތަކެތި ދިރުވާއިރު ތަދުވުމާއި، ކަރުތެރޭގައި އެއްޗެއް ތާށިވެފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޑރ. މޮޝިރީ ބުނެފައިވެއެވެ. ޕާކިންސަންސް ޑިޒީޒް ފަދަ ނާރުގެ ބަލިތަކާއި، ކަރު ނުވަތަ ކާތަކެތި ހިނގާ ހޮޅީގެ ކެންސަރުގެ ސަބަބުން ވެސް މިފަދަ އުނދަގޫތައް ކުރިމަތިވެދާނެއެވެ. ޑރ. ޗޭން ފާހަގަކުރި ގޮތުގައި ބައެއް ފަހަރު ކާތަކެތި ތާށިވެ ނޭވާ ހާސްވާ ހިސާބަށް ވެސް ކަންކަން ގޮސްދާނެއެވެ. ނަމަވެސް އެހާ ސީރިއަސް ނުވި ނަމަވެސް މިފަދަ އަލާމާތެއް ފެންނަނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ފަސްވަނަ އަލާމާތަކީ ރޭގަނޑު ނިދާފައި އޮއްވައި ހޭލެވޭ ފަދަ އުނދަގޫތައް ވުމެވެ. ބޭރަށް ހިންގުމާއި، ބަނޑުގައި ރިއްސުން ނުވަތަ މޭނުބައިކުރުމުގެ ސަބަބުން ނިދިން ހޭލެވޭނަމަ އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ޑރ. މޮޝިރީ ފާހަގަކުރިއެވެ. އާދައިގެ ބަނޑުގެ މައްސަލަތަކުގެ ސަބަބުން އާންމުކޮށް ނިދަން އުނދަގޫ ނުވާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ސަބަބެއް ނެތި ހަށިގަނޑުގެ ބަރުދަނުގެ 10 އިންސައްތައަށް ވުރެ ބޮޑު ބައެއް ލުއިވެގެން ދިއުމަކީ ވެސް ގޮހޮރުގެ ކެންސަރު ފަދަ ބަލިތަކުގެ އަލާމާތަކަށް ވެދާނެއެވެ. އަދި މައިދާގައި ހުންނަ ކާތަކެތި ހުސްވުން ލަސްކޮށްދޭ ބައްޔެއް ކަމަށްވާ ގެސްޓްރޯޕެރެސިސްގެ ސަބަބުން ވެސް ބަރުދަން ލުއިވެދާނެއެވެ.

މިފަދަ އެއްވެސް އަލާމާތެއް ފެނި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ނުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ފުރަތަމަ އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު، ބޭނުންވެއްޖެ ހާލަތެއްގައި ގޭސްޓްރޯއެންޓެރޮލޮޖިސްޓެއް ފަދަ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދިދާނެ ކަމަށް މާހިރުން ލަފާދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު