ސަލްމާނާއި ކަރިޝްމާގެ 'ދެމަފިރިންގެ ވައިބްސް': ކައިވެނިކުރަން ސަޕޯޓަރުން އެދެފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ކަރިޝްމާ ކަޕޫރު، "ކޮފީ ވިތު ކަރަން"ގެ ނުވަ ވަނަ ސީޒަންގައި-- ފޮޓޯ/ ފޭސްބުކް

މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަ ވަނަ ސީޒަނުގެ ފުރަތަމަ އެޕިސޯޑުން ފެނިގެންދިޔަ ޚާއްޞަ ހިނދުކޮޅުތަކާއެކު، ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާނާއި ކަރިޝްމާ ކަޕޫރުގެ ގުޅުމަށް އަނެއްކާވެސް މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

އެ އެޕިސޯޑު ޚާއްޞަވެގެން ދިޔައީ، ޝޯގެ އެންމެ މަޤުބޫލު ބައި ކަމަށްވާ "ރެޕިޑް ފަޔާ" ސެގްމެންޓް ގެނެސްދިނުމުގައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ ބަދަލުގައި މެހެމާނެއްގެ ގޮތުގައި ކަރިޝްމާ ބައިވެރިވެ، ސަލްމާނާއި ކަރަންއާ ދެމެދު ސުވާލުތައް ކުރިމަތިކުރުވި ހިސާބުންނެވެ. ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން އެކުގައި ފެނިގެންދިޔަ މި ދެ ތަރިންގެ ޚާއްޞަ ގުޅުމާއެކު، ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވެމުންދަނީ އެ ދެ ތަރިންގެ ކައިވެނީގެ ވާހަކައެވެ.

މީގެ 36 އަހަރު ކުރިން ފެށުނު މި ގާތް އެކުވެރިކަމުގެ ތެރޭގައި އެ ދެ ތަރިން ވަނީ "ޖީތު"، "ޖުޅުވާ"، "ބީވީ ނަންބަރު 1"، "ހަމް ސާތު-ސާތު ހޭން"، "ޗަލް މޭރޭ ބާއީ" އަދި "ދުލްހަން ހަމް ލޭ ޖާއޭންގޭ" ހިމެނޭހެން ޖުމްލަ 11 ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެވެ. އެ ދުވަސްވަރު ސްކްރީނުން ފެނިގެންދިޔަ ހިތްގައިމު ޖޯޑުގެ ޖާދޫ އަދިވެސް ފަނޑުނުވާކަން އެޕިސޯޑުން ސާފުކޮށް ފެނިގެންދިޔައިރު، ބެލުންތެރިންގެ މެދުގައި އެންމެ ބޮޑަށް ވައިގައި ހިފީ އެ ދެމީހުންގެ މެދުގައި ހުރި "ދެމަފިރިންގެ ވައިބްސް"އެވެ. އެކްސްގައި ޚިޔާލު ފާޅުކުރި ގިނަ އަދަދެއްގެ މީހުން ވަނީ، މިހާރު ދެ ތަރިން ވެސް ޙަޤީޤީ ދިރިއުޅުމުގައި ކައިވެނިކޮށް އެކުގައި އުޅެން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނެ އަޑުއުފުލައިފައެވެ.

ސަލްމާން އާއި ކަރިޝްމާ ފިލްމު "ބިވީ ނަމްބަރު 1"ގެ މަންޒަރެއްގައި-- ފޮޓޯ/ ފޭސްބުކް

މި ބަހުސް އިތުރަށް ހޫނުވެގެން ދިޔައީ، އަމިއްލަ ކުދިން ހޯދުމުގެ ޝައުޤުވެރިކަން އަދިވެސް އެބައޮތް ކަމަށް ޝޯގެ ތެރޭގައި ސަލްމާން ހާމަކުރި ހިސާބުންނެވެ. އެ ވާހަކައާ ގުޅުވައިގެން ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ފާހަގަކޮށްފައި ވަނީ، ސަލްމާން ބޭނުންވަނީ ކުދިން ކަމަށާއި، ކަރިޝްމާގެ ކުދިން މިހާރުވެސް ތިބިއިރު ދެމީހުންނަކީ ވެސް ހުސްހަށިބައި އަދި އެކަކު އަނެކަކު ދެކެ ނުހަނު ލޯބިވާ ދެމީހުން ކަމަށެވެ. އެހެންކަމުން މިއީ ދެ ތަރިން ކައިވެނީގެ ގޮތުން ގުޅެން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ޢުމުރުން 60 އަހަރާ ގާތްވެފައިވާ ސަލްމާން މީގެ ކުރިން ސަންގީތާ ބިޖްލާނީ، އައިޝްވަރިޔާ ރާއީ، ކެޓްރީނާ ކައިފް އަދި ޔޫލިއާ ވަންތޫރު ފަދަ މަޝްހޫރު ފަންނާނުންނާ އެކު ލޯބީގެ ގުޅުން ބޭއްވިކަމުގެ އަޑުތަކާ ގުޅުވައިގެން ވާހަކަދެކެވުނު ނަމަވެސް، އޭނާ އަދިވެސް ހުރީ ކައިވެންޏެއް ނުކޮށެވެ. މީގެ ކުރިން ސަންގީތާއާ ކައިވެނިކުރުމާ ހިސާބަށް ކަންކަން ގޮސް، ކައިވެނީގެ އެންމެ ފަހު ވަގުތު ޖެހުނުއިރު އެކަން ހުއްޓާލި ކަމަށް ވެސް ސަލްމާން ވަނީ މީގެ ކުރީގެ ޝޯއެއްގައި އިއުތިރާފުވެފައެވެ.

އަނެއްކޮޅުން، 2003 ވަނަ އަހަރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރާ ކައިވެނިކުރި ކަރިޝްމާގެ ދިރިއުޅުން ފަހުން ބަދަލުވެގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. އެ ގުޅުމުގައި ޖެހުނު މައްސަލަތަކާއެކު 2014ގައި ވަރިވާން ހުށަހަޅައި، 2016ގައި ރަސްމީކޮށް ވަރިވުމުގެ އިތުރުން ގެވެށި އަނިޔާގެ ދައުވާ ވެސް ކަރިޝްމާ އުފުލިއެވެ. އަދި އެ ކައިވެންޏަށް އަންހެން ދަރިފުޅު ސަމާއިރާ އަދި ފިރިހެން ދަރިފުޅު ކިއާން ލިބިފައިވާއިރު، ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ވަނީ މިދިޔަ އަހަރު ލަންޑަނުގައި ޕޯލޯ ކުޅެން ހުއްޓައި ހިތް ހުއްޓި ކުއްލި ގޮތަކަށް މަރުވެފައެވެ.

މާޒީގައި މިފަދަ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ދެ ތަރިންގެ މެދުގައި އޮތް ބަދަހި އެކުވެރިކަން ފެނި، ސަޕޯޓަރުން މިހާރު އިންތިޒާރުކުރަމުން ދަނީ އެ ގުޅުން ކައިވެންޏަކަށް ބަދަލުވެގެންދާނެ ދުވަހަކަށެވެ.

comment ކޮމެންޓް