މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ހިލަބަސްތާއަކުން މީހަކު ސަލާމަތްވީ ކިރިޔާ

މަގުމެދަށް ހިލަބާސްތާއެއް ވެއްޓުނުއިރު ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގާ ނުޖެހުނީ ކިރިޔާ --

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެއްޓުނު ހިލަބަސްތާއަކުން ޖެހި އަނިޔާނުވެ، މަގުން ދަތުރުކުރި މީހަކު ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ޗާންދަނީ މަގުގައި ހަދަމުން އަންނަ އިމާރާތަކުންނެވެ. އެ އިމާރާތުގެ މަތިން ވެއްޓުނު ހިލަބަސްތާ ވެއްޓިފައި ވަނީ މަގު މެދަށެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި އެއީ 50 ކިލޯގެ ހިލަބަސްތާއެކެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ގަސްތަކުގައި ޖެހެމުން ހިލަބަސްތާ ވެއްޓުނު ވަގުތަކީ އެ މަގުގައި ސައިކަލުތައް ދުއްވަމުންދިޔަ ވަގުތެކެވެ. އެގޮތުން ހިލަބަސްތާ ވެއްޓުނީ ސައިކަލެއް އެ ސަރަހައްދު ހުރަސްކުރިތާ ކުޑަ ސިކުންތުކޮޅެއް ފަހުންނެވެ.

މީގެ އިތުރުން ބަސްތާ މަގުމައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް ކުއްލިއަކަށް މަޑުކުރާ މަންޒަރު ފެންނައިރު، އެ ސައިކަލު ދުއްވަން އިން މީހާގެ ގައިގައި ބަސްތާ ނުޖެހި ސަލާމަތްވީ ކިރިޔާއެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅައި މަސައްކަތްކުރި އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކާރުބާރު ބޮޑު މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅާ މައްސަލައަކީ އަބަދުވެސް އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮންނަ މައްސަލައެކެވެ.

މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ނުރައްކާތެރި އެތައް ހާދިސާތަކެއް މިކުޑަކުޑަ ދިވެހިރާއްޖެވަނީ ދެކެފައެވެ.

މިގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިން ސިއްސުވާލީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި 5 އަހަރުގެ ކުޑަ ކުއްޖަކު މަރުވި ހާދިސާއިންނެވެ.

މިފަދަ ހާދިސާތައް އިތުރު ނުވާނޭހެން ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަކިީ މުހިންމުކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު