ރާއްޖެ އޯއައިސީއާ ގުޅުނުތާ 50 އަހަރު: އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

އޯއައިސީ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް --

ދިވެހިރާއްޖެ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރަކަށް ވީތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށާއި މެންބަރު ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލެއްވީ އިރާޤުގެ ވެރިރަށް ބަޣުދާދުގައި މިއަދު ފެށުނު އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، އޯއައިސީގެ މެންބަރެއްގެ ގޮތުގައި ވޭތުވެދިޔަ ބައިޤަރުނު ދުވަހު ރާއްޖެއިން އަދާކުރި ދައުރަށް އަލިއަޅުއްވާލައްވައި، އިސްލާމީ އުންމަތުގެ މަސްލަޙަތުތައް ޙިމާޔަތްކުރުމަށާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ޓަކައި އޯއައިސީއާއި އޭގެ މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެއިތުރުން، މި ދަނޑިވަޅަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާއާއި އެއްބައިވަންތަކަން ނުހަނު ބޭނުންތެރި ވަގުތެއްކަން ފާހަގަކުރައްވައި، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުން މުޖުތަމައުގެ އިސް ސަފަށް ނެރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ހާމަކުރެއްވިއެވެ.

ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މުހިންމު މަސައްކަތުގައި މެންބަރު ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މި ޖަލްސާގެ ހަވާސާގައި އޯއައިސީގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އިސްލާމީ އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ޢަމަލީ ޙައްލުތަކެއް ހޯދުމަށް އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު