ޗެޓްޖީޕީޓީއަށް ގޫގުލް ކްރޯމްގެ ޓެބްތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އަޕްޑޭޓެއް ދީފި

މި އިމްޕްރޫވްމަންޓްތަކާއެކު ޗެޓްޖީޕީޓީ ބޭނުންކުރެވޭނީ ސައިޑްބާ ޔޫއައިއެއް މެދުވެރިކޮށް ---

އޯޕަންއޭއައި އިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓެންޓް "ޗެޓްޖީޕީޓީ" އާއި ގޫގުލް ކްރޯމް ބްރައުޒަރާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާކޮށް، ބްރައުޒާގެ ޓެބްތައް ސީދާ ކޮންޓްރޯލް ކުރެވޭނެ އާ ފީޗާތަކެއް ތައާރަފުކޮށްފިއެވެ.

އެކްސްގައި އޯޕަންއޭއައި އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ގޫގުލް ކްރޯމްއަށް ޚާއްޞަ ޗެޓްޖީޕީޓީ އެކްސްޓެންޝަނަށް މި ގެނެވުނު ބަދަލުތަކާއެކު، ބްރައުޒާގައި ހުޅުވާފައިވާ ޓެބްތަކުގައި ހުރި މައުލޫމާތުތައް ދެނެގަތުމާއި އެ ޓެބްތައް ބޭނުންކޮށްގެން އެކި ކަންކަން ނިންމުމުގެ ގާބިލުކަން ޗެޓްޖީޕީޓީއަށް ވަނީ ލިބިފައެވެ.

މިއާއެކު، ހުޅުވާފައިވާ ޓެބްތަކުގައިވާ މައުލޫމާތާ ގުޅޭގޮތުން ޗެޓްޖީޕީޓީ ކުރެން ސުވާލުކުރުމުގެ އިތުރުން، އެ ޓެބްތައް މެދުވެރިކޮށް މެސެޖު ފޮނުވުމާއި، ފޯމުތައް ފުރައިދިނުމާއި، ފައިލްތައް ޑައުންލޯޑްކުރުން ފަދަ ކަންކަން ޗެޓްޖީޕީޓީ މެދުވެރިކޮށް ކުރެވޭނެއެވެ. މީގެއިތުރުން ބްރައުޒާގައި ގިނަ އަދަދަކަށް ހުޅުވާފައި ހުންނަ ޓެބްތައް އިންތިޒާމުކޮށް، ގްރޫޕްކޮށް ތަރުތީބުކުރުމުގެ ފުރުސަތުވެސް މި ފީޗާގެ ސަބަބުން ލިބިގެންދެއެވެ.

https://sun.mv/228792

މި އާ އިމްޕްރޫވްމަންޓްތަކާއެކު ޗެޓްޖީޕީޓީ ބޭނުންކުރެވޭނީ ސައިޑްބާ ޔޫއައިއެއް މެދުވެރިކޮށެވެ. މިއީ ގޫގުލް ކްރޯމްގައި ބިލްޓް-އިންކޮށް ހުންނަ ޖެމިނައި އިންޓެގްރޭޝަން ބޭނުންކުރެވޭ ގޮތާ ވަރަށް އެއްގޮތް ނިޒާމެކެވެ.

އޯޕަންއޭއައި އިން ވަނީ މި ފީޗާ ބޭނުންކުރެވިދާނެ ބައެއް ގޮތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ހުޅުވާފައިވާ އެކި ޓެބްތަކުގައި ހުރި ތަކެތީގެ މިންތަކާއި، އުފައްދާފައިވާ މެޓީރިއަލްއާއި، ޑެލިވަރީ ކުރަން ނަގާ މުއްދަތުގެ އިތުރުން ރިޓާން ޕޮލިސީ އަޅާކިޔައިދިނުމަށް އެދެވިދާނެއެވެ. އަދި ޓެބެއްގައި ހުޅުވާފައިވާ މަޒުމޫނެއް ސާދާ ބަހުން ޚުލާޞާކޮށް، އޭގައިވާ މުހިންމު ނުކާތަކާއި ހެކިތައް ބުނެދިނުމަށާއި، ކުންފުނިތަކުގެ އަގުތައް އަޅާކިޔައި އެންމެ އެކަށީގެންވާ ޕްލޭން ހޯދައިދިނުމަށްވެސް ސުވާލުކުރެވިދާނެއެވެ.

މީގެއިތުރުން، އިވެންޓް ބްރީފެއްގައިވާ މައުލޫމާތުތައް ބޭނުންކޮށްގެން ރަޖިސްޓްރޭޝަން ފޯމެއް ފުރައިދިނުމަށް އެދުމާއި، އެކި ޓެބްތަކުގައިވާ ވެންޑަރުންގެ މައުލޫމާތާއި އަގުތަކާއި ސޯސް ލިންކުތައް ކޮމްޕެރިޒަން ޝީޓަކަށް އެއްކޮށްދިނުމާއި، ކޮންޓްރެކްޓަރުންގެ ޚިދުމަތްތައް އަޅާކިޔައި އީމެއިލް ޑްރާފްޓްކޮށްދިނުން ފަދަ ކަންކަންވެސް ކުރެވޭނެއެވެ.

މީގެ އިތުރުން ވެސް ޑޮކްޓަރަށް ދެއްކުމުގެ އެ އެޕޮއިންޓްމަންޓް ޕާސަނަލް އަދި ވޯކް ކަލަންޑަރަށް އިތުރުކޮށްދިނުމަށްވެސް ޗެޓްޖީޕީޓީގައި އެދެވިދާނެއެވެ. މިއެކްސްޓެންޝަން މިހާރު ކްރޯމް ވެބް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

comment ކޮމެންޓް