ކުޑަކުއްޖަކު ކުރި ކުށަކާ ގުޅިގެން މަރުގެ އަދަބު ދިނުމަކީ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާތީ، މާރާމާރީއެއްގެ މައްސަލައިގައި ކުއްޖެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށްޓަކައި މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުން އިއްޔެ އިއްތިފާގުން ހުކުމްކޮށްފިއެވެ.
މިއީ 2013 ވަނަ އަހަރު، މއ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްސަލައެވެ. އެ މައްސަލައިގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި އެހެން މީހަކަށް ވެސް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ކުރިން ބާތިލުކޮށްފައި ވެއެވެ.
މިއީ ކުރިން ޖުވެނައިލް ކޯޓުންނާއި ހައިކޯޓުން މަރުގެ އަދަބު ކަނޑައަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، ކުޑަކުދިންގެ ޢަދުލުގެ ގާނޫނަށް އައި ބަދަލުތަކާއެކު، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެތީއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މި ހަފުތާގައިވަނީ އެ ކުއްޖާ މަރަން ކުރި ހުކުމް ބާތިލުކޮށްފައެވެ. މަރުގެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމީ، ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގެ ދަށުން، 18 އަހަރު ނުފުރޭ ކުއްޖަކު ކުރި ކުށަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، ޖުވެނައިލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ވަނީ ބާތިލުކުރުމަށެވެ.
އަލުން އަދަބު ކަނޑައެޅުމަށް ނިންމައި، ކުޑަކުދިންގެ ޢަދުލުގެ ގާނޫނާއި ޖިނާއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުއްޖާގެ މައްޗަށް އަލުން އަދަބު ކަނޑައެޅުމަށް މައްސަލަ ވަނީ ޖުވެނައިލް ކޯޓަށް ފޮނުވާފައެވެ.
މީގެ އިތުރުން، އަލުން އަދަބު ކަނޑައެޅުމާ ހަމައަށް ނުވަތަ އެ ކޯޓުން އެ ނޫން ގޮތަކަށް ކަނޑައަޅަންދެން، ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެކަށީގެންވާ މަރުކަޒެއްގައި އެ ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށެވެ.