މާލޭ ހުޅަނގު ދެކުނުން ބިން ގަތުމަކީ ގާނޫނާ ހިލާފު ވިޔަފާރިއެއް: ތަސްމީން އަލީ

މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުން ބިން ގަތުމަކީ ގާނޫނާ ޚިލާފު ވިޔަފާރިއެއް ކަމަށް ވިދާޅުވެ، އެ މުޢާމަލާތްތައް ނިގުޅައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ އިންޒާރު ބިން ގަތުމަށް ހުށަހަޅާ ފަރާތްތަކަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ދެއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ތަސްމީންގެ އަމިއްލަ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ، ބަނދަރު ސަރަޙައްދުން ބިން ވިއްކުމަކީ ގާނޫނާ ޚިލާފު، ޒިންމާދާރުކަން ކުޑަ، ބޭނުމެތްނެތް، އެކަމުގައި ގައުމީ މަޞްލަޙަތެއް ނެތް ކަމެއް ކަމަށެވެ.


އަދި އެ ބިންތައް ގަތުމަށް މިހާރު ހުށަހަޅާ ފަރާތްތަކުން ވެސް، އެ ފަރާތްތަކުން އެ ބައިވެރިވަނީ ގާނޫނާ ޚިލާފު ވިޔަފާރިއެއްގައިކަމަށް ވިދާޅުވެ، އެ މުޢާމަލާތްތައް ނިގުޅައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ އިންޒާރު ތަސްމީން ވަނީ ދެއްވައިފަ އެވެ.


މާލެއިން ބިންވިއްކުމުގެ މައްސަލަ ޝަރުއީ މަރުހަލާގައި ވަނިކޮށް، އަދި ގިނަ ބަޔަކު އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް އެ މަސައްކަތް މާލޭ މުނިސިޕަލްޓީ އިން ކުރިއަށްގެންދިޔުމަކީ ޙައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ތަސްމީން ވިދާޅުވެފައި ވެއެވެ.


އިގްތިޞާދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް މިދުވަސްވަރަކީ މާލެއިން ބިންވިއްކުމަށް އެންމެ މުނާސަބު ވަގުތެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިޞާދީ ދުވެލި މަޑުޖެހި މާލީ ޙާލަތު ދަށްވެފައިވާ މިދުވަސްވަރު، މާލެ އިން ބިންވިއްކައިގެން އެކަށީގެންވާ މަންފާއެއް ނުލިބޭނެ ކަމަށް ވެސް ތަސްމީންގެ ވެބްސައިޓްގައި އޭނާ ވިދާޅުވެފައިވެ އެވެ. އަދި މާލެ އިން މިހާތަނަށް ވިއްކި ބިންތަކަށް ލިބުނީ ދަށް އަގުތަކެއް ކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ، އެ އަގުތަކަށް ބެލިނަމަވެސް، އެކަށީގެންވާ މަންފާއެއް ނުލިބޭނެކަން އެނގިގެންދާނެ ކަމަށެވެ.


މިވަގުތު މާލެ އިން ބިންވިއްކުމުގައި ސަރުކާރުގެ މަގްޞަދަކީ ކުރުމުއްދަތެއްގައި ދައުލަތަށް އާމްދަނީ ހޯދުންކަމުގައިވާ ނަމަ ބިންތައް ނުވިއްކަވާ ދިގުމުއްދަތަށް ކުއްޔަށްދީގެން ވެސް އެ މަގްޞަދު ޙާސިލްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެގޮތަށް ބިންތައް ކުއްޔަށްދޫކުރި ނަމަ، އެ ބިންތަކަކީ ބަންޑާރަ ބިންތަކެއްގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.


ތަސްމީން ވިދާޅުވެފައިވާ ގޮތުގައި މާލިއްޔިތުގެ ގާނޫނަށް އިސްލާޙްގެނައުމުގެ ބިލަށް ބެލިކަމުގައިވިޔަސް، ދައުލަތުގެ ބިން މާލޭ މުނިސިޕަލްޓީން ވިއްކަމުން ގެންދާ ވިއްކުމަކީ ގާނޫނީ ގޮތުން ސުވާލުއުފެދޭކަމެކެވެ. އަދި ވިދާޅުވެފައި ވަނީ، "ގާނޫނާޚިލާފަށް ގަޞްދުގައި އެ ބިލް ތަޞްދީޤް ކުރެއްވުން ލަސްކުރެއްވުމަކީ އެ ބިލަށް ގާނޫނީބާރު ނުލިބޭނޭ ކަމެއްނޫން" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު