މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އަބުޗާ ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑާ ސުވާލުކުރަނީ

އަބުޗާ: އޭނާ ވަނީ ޕްރޯލްގެ ދަށުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކޮށްފައި

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ އިބްރާހިމް (އަބުޗާ) މިނިވަންކުރި މައްސަލަ ބަލަން ނިންމައި، އެކަން ހިނގި ގޮތް ސާފުކުރަން ޕެެރޯލު ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

އުމުރު ދުވަހުގެ ހުކުމެއް ކަމަށް ބަލާ 25 އަހަރު ދުވަހަށް އަބުޗާ ޖަލަށްލާން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަބުޗާ ކަނޑުމަތިން އަތުލައިގަތީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އޭގެން ކޮންމެ ދައުވާއެއްގެ ހުކުމަކީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ޕީޖީ އޮފީހާއެކު އަބުޗާ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބައި ވަނީ ހުކުމުން އުނިކޮށްފައެވެ.

https://sun.mv/228666

އަބުޗާ ދޫކޮށްލިއިރު އޭނާ ހުކުމުގައި ހޭދަކުރީ އަދި ފަސް އަހަރެވެ. އެހެންކަމުން އެ މުއްދަތު އުނިކުރުމުން އަދި ބާކީ 20 އަހަރު އޭނާ ޖަލުގައި ހޭދަކުރަން ޖެހެއެވެ. އަދި މި މަހުގެ ހަވަނަ ދުވަހު އޭނާ އަލުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލި ގޮތް ތަހުގީގުކޮށް، ޕެރޯލް ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބަލައި ފިޔަވަޅު އަޅަންޖެހޭނަމަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ މެދުވެރިކޮށް އެކަން ކޮށްދިނުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

މި މައްސަލައިގައި، ބޮޑު ކުށްވެރިޔަކު ދޫކޮށްލަން ޕެރޯލު މެންބަރުންނަށް ގާނޫނީ ގޮތުން އޮޅުންއެރީ ކީއްވެތޯ އާއި މިނިވަންކުރުމަށް ފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭނެ ގާނޫނީ އިޖުރާއަތަކީ ކޮބައިތޯ ބެލުން ފަދަ ކަންކަން ހިމެނޭހެން މުޅި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، އެ ނިންމުން ނިންމުމުގެ މަރުހަލާގައި ހޯމްލޭންޑް މިނިސްޓްރީއާ މުއާމަލާތްކުރެވިފައިވާ ނަމަ، އެ މައުލޫމާތުތައް ހޯދަންވެސް އެ މައްސަލާގައި އެދިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި އަބުޗާ ދޫކޮށްލި މައްސަލަ ފެންމަތިވުމާއެކު، އެކި މުއައްސަސާތައް ތަމްސީލުކުރައްވާ މެންބަރުން ހިމެނޭހެން އެކުލަވާލާފައިވާ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަނީ ބޯޑުން ވަކިކޮށްފައެވެ.

https://sun.mv/228673

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިކަމަކީ އާންމުންގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައަކަށްވާއިރު، އެކަން ހިނގައިދިޔަ ގޮތެއް ބަލައި ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށްވާތީ މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ގޮތަށް މައްސަލަ ބަަލައިގަނެ، އެ މައްސަލަ އެ ކޮމިޓީން ތަހުގީގުކުރުމަށެވެ.

އެކަން ހިނގި ގޮތް ސާފުކުރަން ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފު ރަޝީދެވެ. އެކަމަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވެސް ތާއީދުކުރެއްވިއެވެ.

comment ކޮމެންޓް