ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

މާލެ ސަރަހައްދަށް މީގެކުރިން ވައި ނުސާފުވެފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ނާޒުކު ހާލަތުގައިވާ މީހުންނަށް ނުރައްކާވެދާނެ ފަދަ މިންވަރަކަށް މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުސާފުވެފައިވާ ކަމަަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.

ވައިގެ ސާފުމިން ދައްކައިދޭ 'އައިކިއު އެއާ'އިން ދައްކާ ގޮތުގައި، ފައިން ޕާޓިކުލޭޓެޑް މެޓާ ނުވަތަ ހިރަފުސް ކުނޑި މިހާރު ރާއްޖޭގައި ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 28 މައިކްރޯ ގުރާމުގައެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 5.6 ގުނަ މަތީ މިންވަރެކެވެ.

އައިކިއުއެއާއިން ދައްކާގޮތުގައި، މި ވަގުތު އެންމެ ވައި ނުސާފީ މާލޭގައެވެ. މާލޭގައި ވައިގެ ކޮލިޓީ ހުރީ 86 އާއި 93 ދެމެދުގައި ކަމަށްވާއިރު، އުތުރުގެ ގިނަ އަތޮޅުގައި ވައި ކޮލިޓީ ހުރީ ރީނދޫ ސަމާލުގައެވެ.

ވައި ނުސާފު ދުވަހެއްގައި ވިލާތައް ފެންނަ ގޮތް---- ފޮޓޯ/ މައުމަން، އެކްސް

އެހެންކަމުން ނާޒުކު ހާލަތުއިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

އެކަމަކު، މާދަމާއިން ފެށިގެން މި އަތޮޅުތަކަށް ވައި ސާފުވާން ފަށާނެ ކަމަށް އައިކިއުއެއާއިން ލަފާކޮށްފައިވެއެވެ.

މީގެއިތުރުން، ދެކުނުގެ އަތޮޅުތަކުގެ ވައި ކޮލިޓީ ހުރީ ސިއްހީ ގޮތުން ރަނގަޅު މިންވަރެއްގައެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.

މިދިޔަ އަހަރު މި މައްސަލަ ވަރަށް ގިނަ ދުވަހަށް ދިގުލައިގެން ދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް