22 އަހަރު: އެންޑީއެމްއޭ އުފެއްދީންސުރެ އެތަނުގައި ހުންނެވި ހިސާން މަގާމުން ވަކިކޮށްފި

އެންޑީއެމްއޭގެ ސީއީއޯކަމުން ވަކިކުރި ހިސާން ހަސަން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުފެއްދީންސުރެ އެ ތަނުގައި މަސައްކަތްކުރެއްވި އަދި މިހާރު އެ އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.

ހިސާން އެ މަގާމަށް އައްޔަނުކުރެއްވީ ޖަނަވަރީ 07، 2019 ގައެވެ.

ހިސާން ޑިޒާސްޓާ މެނޭޖްމަންޓްގައި މެދު ނުކެނޑި ޚިދުމަތްކުރާތާ މިހާރު ވަނީ 22 އަހަރު ވެފައެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން ފަސް ސަރުކާރެއްގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވައިފައެވެ.

އެ އޮތޯރިޓީގައި އޭނާ ވަނީ ސްޕޯޓްސް އޮފިސަރެއްގެ މަގާމުގެ އިތުރުން ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފައެވެ. އެ މުއްދަތުގައި 2004 ވަނަ އަހަރުގެ ސުނާމީއާއި، ކޮވިޑް 19 ފަދަ ބޮޑެތި ކާރިސާތަކުގައި އޭނާ ވަނީ ކާރިސާތައް މެނޭޖްކުރުމުގައި ހަރަކާތްތެރިވެފައެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ކުރީ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވިއިރު އޭގެ ކުރިން އެ އޮތޯރިޓީގެ މަސައްކަތް ކުރަމުންގެންދިޔައީ ނަޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ނަމުގައެވެ.

އެ އޮތޯރިޓީއަކީ 2015 ވަނަ އަހަރު އުފެއްދި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮތޯރިޓީއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު