ރާއްޖޭގެ ފުޓްސަލް ކޯޗަކަށް ރަންވަނަ ހޯދައިދިން ޒަކިރޯވް، ކޯޗު ޓީމާ ގުޅޭނީ ޗައިނާއިން

ރާއްޖެއަށް ފުޓްސަލްގެ ފުރަތަމަ ރަން ކާމިޔާބީ ހޯދުމުގެ ފަހަތުގައި ހުރި ކޯޗު ޒަކީރޯވް-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް އިރުޝާދު ދިނުމުގެ ޒިންމާ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެއަށް ހޯދައިދިން އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒަކީރޯވްއާ އަލުން ހަވާލުކޮށްފިއެވެ.

"ސަން" އާއި ވާހަކަދައްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވީ ކޯޗު ޓީމާ ގުޅޭނީ ޗައިނާއިން ކަމަށެވެ.

ނަމަވެސް ޓީމުގެ ފަރިތަކުރުންތައް މިހާރުވެސް ކުރިއަށްގެންދަނީ ކޯޗު ޒަކީރޯވްގެ ބެލުމުގެ ދަށުންކަން ޒަރީރު ފާހަގަކުރެއްވި އެވެ.

ފާރޫކް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމާ ހަވާލުވިފަހުން އޭނާ ވަނީ ޓީމުގެ ކުޅުމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް، ޓެކްނިކަލީ ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ސަރަހައްދީ 7 ގައުމަކާ ވާދަކޮށް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭން ރަން މެޑަލް ހޯދީވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ހުރިހާ މެޗަކުން ރާއްޖެ މޮޅުވެފައިވާއިރު، ފާރޫކަކީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމާ ހަވާލުވި ފުރަތަމަ ބޭރު ކޯޗެވެ.

ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ފާރޫކް ހުރީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. އޭނާ ވަނީ މިދިޔަ އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ، އެ މުބާރާތުގައިވެސް އިރުޝާދު ދީފައެވެ.

މީގެ އިތުރުން އޭނާއަކީ އުޒްބެކިސްތާނުގެ ފުޓްސަލް ލީގުގެ ނެފްޗީ ފުޓްސަލް ކުލަބުގެ ކޯޗުކަންވެސް ކުރި ފަރާތެކެވެ. ކުރީގެ ކުޅުންތެރިޔާ ފާރޫކް ވަނީ 2001 އިން 2008 އަށް އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށްވެސް ކުޅެފައެވެ.

އަންނަ މަހުގެ 4 އިން 9 އަށް ޗައިނާގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ޗައިނާ، ދެކުނު ކޮރެއާ އަދި ހޮންގް ކޮންގެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފެންވަރު ވަޒަންކޮށްލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 5 ގައި ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ނޮވެމްބަރު 7 ގައި ހޮންގް ކޮންގާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި ނޮވެމްބަރު 9 ގައި ރާއްޖެ ބައްދަލުކުރާނީ މުބާރާތް ބާއްވާ ޗައިނާއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު