ރާއްޖެއާ ދެކޮޅަށް ބޭއަދަބީކޮށް ވާހަކަދެއްކި ލަންކާ ކޯޗަށް އޭއެފްސީން ބޮޑު އަދަބެއް

ފިޔަވަޅު އެޅި ލަންކާގެ ކޯޗު މުހައްމަދު އިމްރާން--

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އަތުން ބަލިވުމުން، ދިވެހިންނަށް މުހާތަބުކޮށް އިހްތިރާމް ކުޑަކޮށް މުއާމަލާތްކޮށް، ބޭއަދަބީކޮށް އުޅުނު ސްރީލަންކާގެ ކޯޗު މުހައްމަދު އިމްރާން އޭއެފްސީން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މިޔަންމާގައި ކުޅުނު މި މެޗަށްފަހު ހިނގައިދިޔަ ކަންތައްތައް އަޚުލާގީ މައްސަލައެއްގެ ގޮތުގައި ބެލުމަށްފަހު، އޭޝިއާގެ މައި ފުޓުބޯޅަ އިދާރާ (އޭއެފްސީ) އިން ނިންމާފައިވަނީ ކޯޗު 5,000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

އޭއެފްސީން ކޯޗަށް ފިޔަވަޅު އަޅާފައިވަނީ، ލަންކާގެ ފުޓުބޯޅަ ފެޑަރޭޝަނުންވެސް އޭނާއަށް އަދަބު ދިނުމަށް ނިންމާފައިވަނިކޮށެވެ. އެގޮތުން ލަންކާއިން ވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ރާއްޖެ އަތުން 4-0 އިން ލަންކާ ބަލިވި މި މެޗުގައި ކޯޗު ވަނީ ރެފްރީންގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާކޮށް، ބޭއަދަބީ ބަސްތަކުން ވާހަކަދައްކާފައިވެއެވެ.

ލަންކާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނި ގޮތުގައި ކޯޗުގެ މި އަމަލަކީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ހުރި އިސް މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫނެވެ. އަދި އޭނާގެ ފަރާތުން ފެނުނު އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، ފިޔަވަޅު އަޅަން ނިންމީ ފުޓުބޯޅައިގެ މުޅި މާހައުލުގެ ހައްގުގައި ކަމަށްވެސް އެ ފެޑަރޭޝަނުން ފާހަގަކުރިއެވެ.

މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ލަންކާ ގްރޫޕުގެ ފުލަށް ދިޔައިރު، ރާއްޖެ ވަނީ މުބާރާތުގެ ކޮލިފައިން ބުރުން ޖާގަ ހޯދާފައެވެ. ރާއްޖެއާއި ލަންކާއަކީ ފުޓުބޯޅައިގައި ވަރަށް ދިގު މާޒީއެއް އޮތް އަދި ގާތް ގުޅުމެއް ބާއްވާ ދެ ގައުމެވެ.

ޚާއްސަކޮށް 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ލަންކާ ބަލިކޮށް ރާއްޖެ ފައިނަލަށް ދިޔަ ފަހުން، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހްތިރާމް ވަނީ އިތުރަށް ބޮޑުވެފައެވެ.

މީގެ އިތުރުން ލަންކާގެ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ ކްލަބްތަކަށް ކުޅުމާއި، އެ ގައުމުގެ ފުޓުބޯޅައިގެ އެހީތެރިކަން ރާއްޖެއަށް މުހިންމު ދަނޑިވަޅުތަކުގައި ލިބިފައިވުމަކީވެސް މި ގުޅުން ބަދަހިވެފައިވާ މުހިންމު ސަބަބެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު