ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި، ފްލައިނާސްގައި މަސައްކަތްކުރާ މިސްރުގެ ފްލައިޓް އެޓެންޑެންޓަކު މަރުވެއްޖެއެވެ.
މި ހަމަލާގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ އައްޒާ ރަމްޒީއެވެ.
ސައުދީގެ އެއާލައިނެއް ކަމަށްވާ ފްލައިނާސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ މަރުވީ އެއާޕޯޓުގެ ޓާމިނަލްގައި ޑިއުޓީގައި ހުއްޓައި ދިން ހަމަލާގައި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ އެއާލައިނުން ވަނީ އައްޒާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، އޭނާގެ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އައްޒާ މަރުވެފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނިކޮށް، އެކަމަށްޓަކައި މިސްރަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ވަގުތެއްގައެވެ. އޭނާގެ މަރުގެ ހަބަރާއެކު، އޭނާގެ އުފަން ރަށް ކަމަށްވާ މިސްރުގެ ބުހައިރާ ގަވަރުނޭޓުގެ މަހްމޫދިއްޔާގެ އަލް-އަތުފް ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައި، ހިތާމަ ފާޅުކުރަމުންނެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހަމަލާގައި ޖުމްލަ 12 މީހަކު މަރުވެ، 309 މީހަކަށް ވަނީ އަނިޔާވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން، މިސްރު، އެމެރިކާ، އުރުދުން، ސީރިއާ، ފަލަސްތީނު އަދި ސޫދާނުން ކުރެ ކޮންމެ ގައުމަކުން މީހެކެވެ. މި ހަމަލާގައި އަނިޔާވި މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ހަމަލާއަކީ ޔަމަނުގެ ހޫތީން ދިން ހަމަލާއެއް ކަމަށް ސައުދީ އިސްކޮށް އޮވެ ހިންގާ ކޯލިޝަނުން ވަނީ ބުނެފައެވެ. މި ހަމަލާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށާއި، އެތައް ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ރައްޔިތަކު މަރުވުމާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އެއާޕޯޓަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަ ކަމަށް ގާކާއިން ވަނީ ހާމަކޮށްފައެވެ.