ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސަޢުދުﷲ އަޙްމަދު ޙަސަންގެ ހަނދާނުގައި އެ ސިޓީގައި ކްލިނިކެއް ހުޅުވައިފިއެވެ.
ފުވައްމުލަކުގެ ފުނާޑު އަވަށުގައި މި ކްލިނިކު ހުޅުވީ ސަދާގެ ބައްޕަ ސަޢުދުﷲ އާއި ސަދާގެ އާއިލާއިންނެވެ.
މި ކްލިނިކު ހުޅުވައިދެއްވުމަށްފަހު ސަޢުދުﷲ ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ހަމައެކަނި ސިއްހީ މަރުކަޒެއްނޫން ކަމަށާއި، މިއީ ސަދާގެ ހަނދާނީ ރަމްޒެއް ކަމަށެވެ. އެހެން މީހުންނަށް ވެދެވޭ އެހީތެރިކަމުގެ ސަބަބުން އަބަދު ވެސް ސަދާގެ ހަނދާންތައް ހިތުގައި ވާނެ ކަމަށް، އެ ޕޯސްޓުގައިވެއެވެ.
މި ކްލިނިކު މެދުވެރިކޮށް ބޭނުންވަނީ ފުވައްމުލަކުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބުން ފަސޭހަކޮށްދިނުން ކަމަށް، ސަޢުދުﷲ ލިޔުއްވައިފައިވެއެވެ.
މި ކްލިނިކު ހިންގާނީ މާލޭގައި ހުންނަ ޗާމް ޑެންޓަލް އެންޑް ސްކިން ކްލިނިކުންނެވެ.
ބަނޑަށް ތަދުވެ ހޮޑުލެވޭތީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ސަދާ މަރުވީ އޮކްޓޫބަރު 3، 2021 ގައި މީގެ ފަސް އަހަރު ކުރިންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް އެ މައްސަލަ ހުށަހެޅުމުން ވަނީ ސަދާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ނިންމައިފައެވެ. އަދި، މަދަނީ ބަދަލު ހޯދުމުގެ ހައްގު އާއިލާއަށް ލިބިގެންވާ ކަމަށް އެޗްއާރުސީއެމުން ވަނީ ނިންމައިފައެވެ. އެހެންވެ، ސަދާގެ އާއިލާގެ ފަރާތުން ވަނީ ބަދަލު ހޯދަން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައެވެ.
ސަދާގެ މަރު ތަހުގީގުކުރުމަށް ފަހު އެޗްއާރުސީއެމުން ސަދާގެ ބައްޕަ ސަޢުދުﷲ އަށް ފޮނުވި ސިޓީއެއްގައި ވަނީ މެޑިކަލް ކައުންސިލަށް އެ މައްސަލަ ހުށަހެޅުމުން ސަދާގެ މަރުގައި އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި، ކުއްޖާއަށް ފަރުވާ ދިނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ނުބަލާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭންޖެހޭއިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރިކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.