އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އަތުން އާސެނަލް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ލީޑްސް ޔުނައިޓެޑުންނެވެ. މި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ލީޑްސްއަށް ކާމިޔާބުކޮށްދިނީ ގުޑްމުންޑްސަންގެ އެހީތެރިކަމާއެކު ޖޭމްސް ޖަސްޓިންއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން-- ނަމަވެސް ލީޑްސްއަށް މި އުފާވެރިކަން ދެމެހެއްޓުނީ އެންމެ 7 މިނެޓަށެވެ. މެޗުގެ 62 ވަނަ މިނިޓުގައި އާސެނަލްގެ ބެން ވައިޓް ތަނަވަސްކޮށްދިން ފުރުސަތަކުން ރިކާޑޯ ކަލަފިއޯރީ ވަނީ ލަނޑެއް ޖަހައި އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަތީޖާ އެއްވަރުވިތާ މިނިޓެއްގެ ތެރޭގައި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން އެއްފަހަރާ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން ބެން ވައިޓް، ކައި ހަވާޓްޒް އަދި މައިލްސް ލެވިސް ސްކެލީގެ ބަދަލުގައި ޖުރިއެން ޓިމްބަރ، ވިކްޓާ ޔޯކެރެސް އަދި ބްރޫނޯ ގުއިމަރޭސް ވަނީ ކުޅެން އަރުވާފައެވެ.
އާޓެޓާގެ މި ބަދަލުތައް ވެގެންދިޔައީ މެޗުގެ ނަތީޖާ އަނބުރާލި ބަދަލުތަކަކަށެވެ. އެގޮތުން މެޗުގެ 73 ވަނަ މިނިޓުގައި ޑެކްލަން ރައިސް ދިން މޮޅު ޕާހަކުން ބްރޫނޯ ގުއިމަރޭސް ވަނީ އާސެނަލް މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން-- މި މޮޅާއެކު އާސެނަލް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކުޅެގެން 15 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ސިޓީއެވެ. އަދި މި މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް މިހާތަނަށް ލިބުނު 9 ޕޮއިންޓާއެކު އޮތީ ތާވަލުގެ 6 ވަނަ މަގާމުގައެވެ.
އާސެނަލް ދެން އެންމެ އަވަހަށް ކުރިމަތިލާން ޖެހޭނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް އާ ދެކޮޅަށެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ދަންވަރު ރާއްޖެ ގަޑިން 00:00 ގައެވެ.
މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗަށް ވާއިރު، ފުރަތަމަ މެޗުގައި ނަޕޮލީ އަތުން އާސެނަލް ވަނީ 1-0 އިން މޮޅުވެފައެވެ.