ހއ. ދިއްދޫގައި ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާރީޚީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުކޮށް، ދިއްދޫން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.
މިއީ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުއްﷲ ރާފިޢު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދެވެ. މީގެއިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އާއި ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންވެސް މި މެޗުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ދިއްދޫ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް މެޗު ފަށައިގެން ދިއްދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ ކުރަންޏާގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އުފާލް ޢަބްދުﷲ ދިއްދޫއަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ބިދޭސީ ފޯވާޑް ޓެޓޭ ގިޑެއޯން ވަނީ ދިއްދޫގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މުޅި މެޗުގައިވެސް ދިއްދޫން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގައި މުޙައްމަދު ނާއިމް ވަނީ ނިއުއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން އެއްވަރުވުމާއެކު، ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ނިއު ރޭޑިއަންޓަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ހަވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު ހަވީރު ބައްދަލުކުރި މެޗުވެސް އެއްވަރުވެފައިވާއިރު، ވިކްޓަރީ އާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ދިއްދޫ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.