ނިދުމުގެ ކުރިން އެންމެ ފަހުވަގުތާ ހަމައަށް ވެސް ފޯނު ބޭނުންކުރުން: ސިއްޙީ މާހިރުންގެ ކަންބޮޑުވުންތައް

ނިދުމުގެ ކުރިން އެންމެ ފަހު ވަގުތާ ހަމައަށްވެސް ފޯނު ބެލުމަކީ އެކަމުން ސިއްހަތަށް ގެއްލުން ލިބޭ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ނިދުމަށްޓަކައި އެނދަށް އެރުމަށްފަހު އެންމެ ފަހު ކަމަކަށް ސްމާޓްފޯނަށް ބަލާލުމަކީ ގިނަ ބައެއްގެ އާދައެކެވެ.

ނަމަވެސް، ދަންވަރު ވަގުތުތަކުގައި ސްކްރީންތަކަށް ހުށަހެޅުމާއި، ނޭދެވޭ އަދި ހާސްކަން ވެރިކުރުވާ ޚަބަރުތައް ކިޔުމުގައި ވަގުތު ހޭދަކުރުމަކީ، ނިދީގެ ފުންމިނަށާއި، ހަށިގަނޑަށް ލިބެންޖެހޭ އަރާމުގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ނިއުރޮލޮޖިސްޓުން ހާމަކުރައްވައެވެ.

އާންމުކޮށް ސޯޝަލް މީޑިއާއަށް ކުޑަކޮށް ނަޒަރު ހިންގާލުމުގެ ބޭނުމުގައި ފަށާ މި އާދަ، ގިނަ ފަހަރަށް ނިމިގެންދަނީ އެތައް ގަޑިއިރެއް ވަންދެން ކުރު ވީޑިއޯތަކާއި ނޮޓިފިކޭޝަންތައް ބެލުމުގައެވެ. ސުވާލަކީ، އަޅުގަނޑުމެން އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ މި ކަމުގެ ސަބަބުން ނިދީގެ ފެންވަރަށް އަސަރުކުރަނީ ކިހާ މިންވަރަކަށްތޯއެވެ.

އިންޑިއާގެ މުމްބާއީގެ ޖަސްލޮކް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު އޮފް ނިއުރޮލޮޖީ، ޑރ. ޖޯއީ ޑީ. ދެސާއީ ވިދާޅުވާ ގޮތުގައި، ގިނަ ވަގުތު ފޯނު ބޭނުންކުރުމާއި، ވަކިން ޚާއްޞަކޮށް ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ ސިކުނޑީގެ ސިއްޙަތާއި ނިދުމުގެ ނިޒާމަށް ބަލާއިރު ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

މޯބައިލް ފޯނަކީ މިއަދު މުވާޞަލާތު ކުރުމަށާއި، މުނިފޫހިފިލުވުމަށާއި، މަޢުލޫމާތު ހޯދުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. އެހެންނަމަވެސް، ޑރ. ދެސާއީ ފާހަގަކުރައްވާ ގޮތުގައި ދުވާލަކު ތިން ގަޑިއިރަށްވުރެ ގިނައިރު ފޯނު ބޭނުންކުރުމާއި، ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ ސަމާލުކަން ދިނުމުގެ ޤާބިލިއްޔަތު ކުޑަކޮށްދޭ ކަމެކެވެ. އަދި ވަގުތުން ވަގުތަށް އުފާވެރިކަމުގެ އިހުސާސް ގެނެސްދޭ ސިކުނޑީގެ 'ޑޮޕަމިނަޖިކް ނެޓްވޯކް'ތަކުގެ ހަރަކާތްތެރިކަން މާބޮޑަށް އިތުރުކުރުވާ ކަމެއް ކަމަށް ޑރ. ދެސާއީ ވަނީ ވިދާޅުވެފައެވެ.

ދަންވަރުގެ ވަގުތުތަކުގައި ސްކްރީންތަކުން ފޮނުވާ 'ބްލޫ-ލައިޓް'އަށް ހުށަހެޅުމަކީ ނިދީގެ ފުންމިން ދަށްކޮށް، ހަށިގަނޑުން ޤުދުރަތީ ގޮތުން އުފައްދާ މެލަޓޮނިން ހޯމޯންގެ ނިޒާމަށް ބުރޫއަރާ ކަމެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ އިތުރުން، ބަލާ މަޢުލޫމާތުގެ ބާވަތަކީވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނޭދެވޭ އަދި ބިރުވެރި ޚަބަރުތަކަށް އިސްކަންދީގެން ބެލުމަށް ކިޔާ 'ޑޫމްސްކްރޯލިންގް'ގެ މަޅީގައި ގިނަ ބަޔަކު ޖެހެމުންދާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ މަޢުލޫމާތާއި، ކުރު ވީޑިއޯތަކުގެ ސަބަބުން ޙަޤީޤަތާއި ޚިޔާލީ ކަންކަން ވަކިކުރުމަށް ސިކުނޑިއަށް ދަތިވާކަން ޑރ. ދެސާއީ ފާހަގަކުރައްވައެވެ.

ނިދުމަކީ ހަމައެކަނި ވަރުބަލިކަން ފިލުވައިލުމަށް ހަށިގަނޑު ހުއްޓުމަކަށް ގެންނަ ވަގުތެއް ނޫނެވެ. ޑރ. ދެސާއީ ވިދާޅުވާ ގޮތުގައި، ހަނދާންތައް ވަރުގަދަކުރުމަށާއި، ނަފްސާނީ ހަމަޖެހުމަށާއި، ލޭގެ ޕްރެޝަރާއި ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށް ނިދި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

އޭނާ ސިފަކުރައްވާ ގޮތުގައި ނިދުމަކީ ސިކުނޑި 'ސާފުކޮށްދޭ' މައިގަނޑު ނިޒާމެވެ. އަޅުގަނޑުމެން ނިދާފައި އޮންނަ ވަގުތު، ސިކުނޑީގެ 'ގްލިމްފަޓިކް ސިސްޓަމް' މެދުވެރިކޮށް، ދުވާލުގެ ވަގުތުތަކުގައި ޖަމާވާ ވިހަ އަދި ބޭކާރު މާއްދާތައް ބޭރުކޮށްދެއެވެ. އެހެންކަމުން، އެކަށީގެންވާ ނިދި ނުލިބުމަކީ މި ސާފުކުރުމުގެ މަރުހަލާއަށް ހުރަސްއެޅި، ނާރުތަކުގެ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ސަބަބެކެވެ. އެހެންކަމުން އެނދުގައި އޮންނަ ވަގުތަށްވުރެ ނިދީގެ ފެންވަރު ރަނގަޅުވުން މާ މުހިންމެވެ.

ދަންވަރުގެ ވަގުތުތަކުގައި ސްކްރީންތަކުން ފޮނުވާ 'ބްލޫ-ލައިޓް'އަށް ހުށަހެޅުމަކީ ނިދީގެ ފުންމިން ދަށްކޮށް، ހަށިގަނޑުން ޤުދުރަތީ ގޮތުން އުފައްދާ މެލަޓޮނިން ހޯމޯންގެ ނިޒާމަށް ބުރޫއަރާ ކަމެކެވެ.

ނިދުމުގެ ކުރިން ސޯޝަލް މީޑިއާ ބޭނުންކުރުމުން ދިގު މުއްދަތުގައި ކުރާނެ އަސަރުތަކާ ބެހޭ ދިރާސާތައް އަދިވެސް ކުރިއަށްދާއިރު، ދުޅަހެޔޮ ނިއްޖަކަށްޓަކައި ނިދުމުގެ ކުރިން ސިކުނޑި ހަމައަކަށް އެޅޭނެ މާހައުލެއް ބޭނުންވާކަމަށް ޑރ. ދެސާއީ ވިދާޅުވެއެވެ. މިކަމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި ސްކްރީނަށް ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަރާމުކުރަން ތައްޔާރުވާންޖެހޭ ވަގުތުގައި ސިކުނޑިއަށް މަޢުލޫމާތުތަކެއް ޖަމާކޮށް، ބުރަ މަސައްކަތެއް ކުރަން މަޖުބޫރު ކުރުވުމެވެ.

ނިދުމުގެ ކުރިން ޚަބަރުތައް ބަލާލުމަށް ފޯނު ނެގުމަށްފަހު، އެއް ޚަބަރަށްފަހު އަނެއް ޚަބަރެއް ބަލަމުން ގޮސް ހޭދަވާ ވަގުތަކީ ނޭނގި ނަމަވެސް ނަފްސާނީ ގޮތުން ބޮޑު ބުރައެއް އުފުލަންޖެހޭ ވަގުތެކެވެ. ނޭދެވޭ އަދި ބިރުވެރި ޚަބަރުތައް ބެލުމަކީ ސިކުނޑި ހަމައަކަށް އެޅުމުގެ ބަދަލުގައި، އިތުރަށް ހޭލައްވައި، ހާސްކަން އިތުރުކުރުވާ ކަމެކެވެ.

މިކަމުގައި ޞިއްޙީ މާހިރުން ދެއްވާ މައިގަނޑު އިރުޝާދަކީ، ދުވާލުގެ ހަރަކާތްތަކާއި ނިދުމާ ދެމެދު ވަގުތުކޮޅެއް ހުސްކޮށް، ސިކުނޑި ހަމަހިމޭން ކުރުމަށް ފުރުޞަތު ދިނުމެވެ.

ނިދުމުގެ ކުރިން ފޯނު ބޭނުންކުރުން ހުއްޓާލައި، ފޮތެއް ކިޔުމާއި، ޒިކުރުކުރުން ފަދަ ހަމަހިމޭން އާދަތަކެއް އަށަގެންނެވުމަކީ ފުން އަދި އަރާމު ނިންޖަކަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން ޤުދުރަތީ މަންޒަރުތަކާއި، ފެހިކަމާއި، ފެން އޮހޭ އަޑު ފަދަ ހިތްގައިމު ކަންކަމަކީ ސިކުނޑި ހަމަޖައްސައިދިނުމަށް އެހީތެރިވެދޭ ވަސީލަތްތަކެކެވެ.

ޓެކްނޮލޮޖީއަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވީނަމަވެސް، މެދުކެނޑުމެއް ނެތް ޑިޖިޓަލް ހަރަކާތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތުން ގެއްލިގެންދަނީ ކޮންކަހަލަ އަގުހުރި ކަންތައްތަކެއްތޯ ވިސްނާލަން ޖެހެއެވެ.

comment ކޮމެންޓް