"ޒަރޫން..." ނަހާ ގޮވައިލިއެވެ.
"ދެންމެ މިތާ އޮތް އިވެންޓު ފޮޓޯ ނަގާ ނިންމާލާފަ މިހެން ހިނގާލަނިކޮށް ނަހާ ހެން ހީވެގެން މިއައީ..." ޒަރޫން ހެދީ މުޅިއަކުން ތެދެއް ނޫނެވެ. އޭނާ ނަހާއަށް ފާރަލަމުން އައިކަމުގައި ބުނަން ބޭނުންނުވީއެވެ. ނަހާ ޒަރޫންއަށް ބަލައިލަމުން އޭނާގެ އިޙްސާސްތައް ފޮރުވަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.
"އޯކޭތަ މިތާ އިށީނަސް؟" ޒަރޫން ސުވާލުކޮށްލިއެވެ. ނަހާ ބޯ ޖަހައިލިއެވެ. ޒަރޫން އިށީނުމަށް ފަހު ވެސް ފުންކޮށް ނަހާއަށް ބަލައިލިއެވެ. އޭނާ އިނީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ހާދަ ފުން ވިސްނުމަކަށް ގެއްލިފައޭ ތީނީ؟" ޒަރޫން ބުނެލިއެވެ. ނަހާ ޒަރޫންއަށް ބަލައިލުމަށް ފަހު ހީނލަމުން އެކަމާ ދެކޮޅު ހެދިއެވެ.
"ނޫން. ތި ހީވާ ގޮތް. ކުޑަކޮށް ވަރުބަލިވެފަ މި ހުރީ. ވައިޖެހޭތީ ހިތަށް އެރީ މަޑުކޮށްލާނީއޭ." ނަހާ ބުނެލިއެވެ. ދަންވަމުން ދިޔަ ނަމަވެސް، އެ ހިސާބުގައި ޒުވާން ޖޯޑުތައް ހަރަކާތްތެރިވަމުން ދިޔައެވެ. އޭރު އިވެންޓު ބޭއްވި މީހުން އެމީހުން ބޭނުންކުރި ސާމާނުތައް ނަގަން އުޅޭތަން ވެސް ފެނެއެވެ.
"ވަރަށް ދަންވެއްޖެއެއްނު. ގެއަށް ނުދަނީތަ؟ ރެސްޓްކޮށްލީމަ ދެން އޯކޭވެދާނެ!" ޒަރޫން ބުނެލިއެވެ.
"އިރުކޮޅަކުން ދާނީ." ނަހާ ބުނެލިއެވެ. "މި އޮތް އިވެންޓުގެ ފޮޓޯ ދޯ ނެގީ"
"އާނ. މިރޭ އެއްކޮށް މިކަމުގަ މި އުޅުނީ." ޒަރޫން ބުނެލިއެވެ. ނަހާ އެ ސުވާލު އޭނާއާ އެ ކޮށްލި ބޭނުމަކީ ވެސް އޭނާގެ ނުތަނަވަސްކަން ވަންހަނާ ކުރަންކަން ޒަރޫންއަށް ފަހުމްވިއެވެ.
ނަހާ ބޭނުންވަނީ އެކަނި ވަގުތުކޮޅެއްހެން ހީވާނީ މާގިނަ އިރު އެ ތަނުގައި ނަހާ ކައިރީގައި މަޑުކުރާކަށް ޒަރޫންއަކަށް ނުކެރުނެވެ. އޭނާ ގެއަށް ދަނީކަމުގައި ބުނެ އެ ތަނުން ތެދުވިއެވެ. ނަހާ ވެސް ހިނިތުންވެލާފައި ރޭގަނޑުގެ ސަލާމްކޮށްލިއެވެ. ޒަރޫން ނަހާ ފަސްދީ އެނބުރި ހިނގައިގަތް ނަމަވެސް، ނަހާ އެކަނިކޮށްލާފައި ދާކަށް އޭނާގެ ހިތެއް ނޭދުނެވެ. ނަހާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ގައިމެވެ. އެހެންކަމުން، އެ ޙާލަތުގައި އެކަނި ދޫކޮށްލާފައި ދާން ބޭނުންނުވީއެވެ. ޒަރޫން ނަހާއަށް ނުފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެ ގޮތަށް ކަންތައް ކުރަން އޭނާގެ ހިތް އެދުނީއެވެ.
އިރުކޮޅަކު އެ ތަނުގައި އިނދެފައި ނަހާ ތެދުވެ ބީޗުން ނުކުތުމަށް ހިނގައިގަތެވެ. ނަހާގެ ފަހަތުން ކަހަލަ ގޮތަކަށް ޒަރޫން ވެސް ދިޔައެވެ. އޭނާ ސައިކަލާ ހިސާބަށް ގޮސް އަރާ ދުއްވައިލިއެވެ. ނަހާގެ ފަހަތުން ކަހަލަ ގޮތަކަށް ޒަރޫން ވެސް ދިޔައެވެ. މި ވަގުތު އޭނާގެ ހިތަކަށް އަމިއްލަ ބާރެއް ނުފޯރުވެއެވެ. އެ ހިތް އެދުނު ގޮތަށް ކަންތައް ކުރަން ބޭނުންވި ޒަހްރާން ފަހަތަށް ޖެހޭކަށް ބޭނުމެއްނުވެއެވެ. އޭނާ ނަހާގެ ފަހަތުން ދިޔައީއެވެ. ރައްކާތެރިކަމުގައި ނަހާ ގެއަށް ގޮސް ވަންނަތަން ބަލަން ބޭނުންވީއެވެ. ޒަރޫން އޭނާގެ ފަހަތުން ދިޔަކަމެއް ނަހާއަކަށް ނޭނގެއެވެ. ބޭރުމަގުގައި ބުރެއް އަޅައިލުމަށް ފަހު، އޭނާ ގޮސް ސައިކަލު މަޑުކޮށްލީ ހޮސްޕިޓަލަށް ވަންނަ އާއްމުން ސައިކަލު ޕާކުކުރާ ސަރަހައްދުގައެވެ.
ސައިކަލު ޕާކުކޮށްލުމަށް ފަހު ނަހާ ގޮސް، ހޮސްޕިޓަލަށް ވަނެވެ.
ނަހާ ދިޔަ މަންޒަރު ބަލަން އިރުކޮޅެއް ވަންދެން އިން ޒަރޫންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދުނެވެ. އެ ސުވާލުތަކުގެ ޖަވާބު އޭނާ އަމިއްލަ ނަފްސަށް ދިނެވެ. މިރޭ ނަހާގެ މޫނުމަތިން ފެނުނު އަސަރުތަކުގެ މާނަ ޒަރޫން އަމިއްލައަށް ކުރީއެވެ. އެ ހުރިހާ ހާސްކަމަކާއި ނުތަވަސްކަމެއް ގުޅިފައިވަނީ ހޮސްޕިޓަލުގައި އޮތް ކޮންމެވެސް މީހަކާތާއެވެ. ޒަރޫން ސައިކަލު ދުއްވައިލީ އިރުކޮޅަކު ވިސްނަން އިނދެފައެވެ. ނަހާ ދެން ނުކުންނާނެ އިރެއް ވެސް އެނގެނީއެއް ނޫނެވެ.
ލިފްޓު ލޮބީއަށް ގޮސް ވަނުމަށް ފަހު، ނަހާ މަޑުކޮށްލީ، އޭނާއަށް މައްޗަށް އެރޭނެ ގޮތެއް ނެތުމުންނެވެ. ހޮސްޕިޓަލުގެ ވީއައިޕީ ސޫޓުތަކަށް އެރެނީ ދީފައިވާ ޚާއްޞަ ކާޑެއް ބޭނުންކޮށްގެންނެވެ. ނަހާގެ ނަސީބު ވެސް ރަނގަޅީ ކަންނޭނގެއެވެ. އޭނާ އެތަނުގައި ހުއްޓާ ބައްޕަ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ފިލިޕީންސް މީހާ މާރިޔާ ލިފްޓުން ފޭބިއެވެ. ނަހާ ފެނުމުން އޭނާ ހީނލިއެވެ. މައްޗަށް ނޭރިފައިތޯ އެހުމުން، ނަހާ ބޯ ޖަހައިލިއެވެ.
މާރިޔާގެ އަތުގައި ތަށިބަރިއެއް އޮތެވެ. އޭނާ ދަބަސް ހާވާލާފައި ނެގި ކާޑު ނަހާއަށް ދިއްކޮށްލަމުން ކޮޓަރީގެ ނަންބަރު ބުނެލިއެވެ. ޝުކުރު އަދާކޮށްފައި ނަހާ ވެސް ގޮސް ލިފްޓުން މައްޗަށް އެރިއެވެ. ތުންފަތުގައި ދަތް އަޅައިލެވުނެވެ. މާޒީގެ ހަނދާންތައް އޭނާއަށް އާވީތީއެވެ. އެ ލިފްޓަކީ އޭނާއަށް އާ ލިފްޓެއް ނޫނެވެ. މީގެ ކުރިން ވެސް އެ ތަކެއް ފަހަރަކު އެ ލިފްޓަށް އަރާ އޭނާ ފައިބައިފައިވެއެވެ. އެހެންނަމަވެސް، މިރޭ ތަފާތީ އޭނާ އެ ލިފްޓަށް އެރި މަޤްސަދެވެ.
ލިފްޓު ގޮސް 22 ވަނަ ފަންގިފިލާއަށް ހުއްޓުމާ އެކު، ނަހާ ފޭބިއެވެ. ލިފްޓު ލޮބީގައި މީހަކު ނެތެވެ. އެހެންނަމަވެސް ތަންވަނީ ދިއްލާފައެވެ. އޭނާ ގޮސް ބިއްލޫރި ދޮރު ހުޅުވާފައި އެތެރެއަށް ވަނުމާއެކު އެންމެ ފުރަތަމަ ވެސް އަޅައިގަތީ، ނަރުހުންގެ ޖަގަހައެވެ. ދެތިން ނަރުސްކުއްޖަކު އޭރު ވެސް އެމީހުންގެ މަސައްކަތުގައި ތިއްބެވެ. ނަހާ ހިނގައިގަތީ މާރިޔާ ބުނި ކޮޓަރީގެ ނަންބަރު ހޯދައިލުމަށެވެ. 22 ވަނަ ފަންގިފިލާގެ ދިހަ 10 ވަނަ ކޮޓަރި އާ ހިސާބަށް އާދެވުމުން، އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. ފުރަތަމަ ލޮލުގައި އަޅައިގަތީ ކުޑަ ވަރެއްގެ އެޕާރޓްމެންޓެކެވެ. ޓީވީގެ އިތުރުން ސޯފާ ސެޓެއް ހުއްޓެވެ. ކުޑަ ކިޗެން ކެބިނެޓެއް ހުރި އިރު، ފެންކައްކާ ޖަގަކާއި ސިންކެއް ވެސް ހުއްޓެވެ. އައިސްއަލަމާރިއެއް ވެސް ހުއްޓެވެ. އެތެރެއަށް ވަދެވޭ ގޮތަށް ދެ ދޮރެއް ހުރި އިރު، ނަހާ ގޮސް ހުޅުވައިލީ ބެޑް ނަންބަރު ޖަހައިފައިވާ ދޮރެވެ.
ލަސްލަހުން ދޮރު ހުޅުވާލާފައި އެތެރެއަށް ނަހާ ވަނެވެ. ކާރޓެއިންތައް ކަހާލާފައި ހުރުމުން އެތެރޭގައި އޮތް މީހާ ނުފެނެއެވެ. ލަސް ފިޔަވަޅު ތަކެއް ގައި ގޮސް އޭނާ ނޫކުލައިގެ ސާފު ކާރޓެއިންތައް ކުޑަކޮށް ދުރުކޮށްލާފައި ބޯ ދިއްކޮށްލިއެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، ކަމްރާން އޭނާގެ ކަރުނަތައް ފުހެލި މަންޒަރެވެ.
ނަހާ ފެނުމުން މޫނު އަނެއް ފަރާތަށް އަނބުރާލާފައި، އޭނާ ދެން ފޭބި ކަރުނަތައް ވެސް ފުހެލިއެވެ. އޭނާ ބޭނުންވީ އެ މަންޒަރު ނަހާއަށް ނުދައްކަންކަން އެ ވަގުތު އެތަނުގައި ހުރި ނަހާއަށް ވެސް ފަހުމްވިއެވެ. އޭނާގެ ހިތަށް އާދަޔާ ޚިލާފު ފުން އަސަރެއް ކުރިއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕައެވެ. މިއަދު ސަބަބަކާ ލައިގެން ދުރުގައި އުޅުނެއްކަމަކު، އެ ގޮތަށް ރޯތަން ފެނުމުން ހިތަށް އަސަރުކުރާނެއެވެ.
ކަމްރާން ކަރުނަތައް ރީތިކޮށް ފުހެލާފައި ނަހާއާ ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
ކަމްރާންގެ އަތަށް ވަނީ އައިވީ ގުޅާފައެވެ. ވައިޓަލް މޮނިޓަރގެ ބީޕް އަޑު އޭރު އެ ތަނުގައި އެއް އަޑަކަށް ހުއްޓެވެ. ކަމްރާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެއްވެސް ދިރުމެއް ނެތެވެ. މޫނުމަތި ވަނީ މިލާފައެވެ. ތާޒާކަން ގެއްލިފައެވެ. އެހެންޏާ އެހެން މީހުންނަށް ފެންނަ ކަމްރާނާ މިރޭ ހޮސްޕިޓަލުގައި އެ އޮތް ކަމްރާންއާ ވަރަށް ތަފާތެވެ.
ނަހާ ގޮސް ކަމްރާންގެ ކައިރީގައި މަޑުކޮށްލިއެވެ. ހަމަޖެހިލުމަށް ފަހު ކަމްރާން ފުން ނޭވާއެއްލިއެވެ. އޭނާ ހިނިތުންވެލަން މަސައްކަތްކުރި ނަމަވެސް، ކާމިޔާބެއް ނުވިއެވެ. ހީވަނީ ހިނިތުންވެވޭ ވަރަށް ވުރެ ބޮޑަށް އޭނާގެ ހިތުތެރޭގައި ގިލަންވެރިކަން ވާހެންނެވެ. އުދާސްތަކާއި ފިކުރުތަކުގެ ކަނޑެއްގައި ގެނބިގެންދާ ހެންނެވެ.
(ނުނިމޭ)