އަންހެނުން މަރާލި މާވިން، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި

މާވިން އަދި ލަމްހާ ޝަރިއަތުގައި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މާވިން އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތްކަމެއް އަދި ސާފެއް ނުވެއެވެ. މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ.

މި މައްސަލައިގައި ދަށު ކޯޓު މަރުހަލާގެ ޝަރިއަތުގައި އަދަބާމެދު ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލުވަނީ މާވިންއަކީ އަނިޔާ ލިބުނު މީހާގެ ފިރިމީހާ، އަދި އަނިޔާ ލިބުނު މީހާގެ ދަރީގެ ބައްޕަގެ އިތުރުން ނަރުހެއް ކަން ފާހަގަކޮށްފައެވެ. އަދި މޭރީ މަރާލުމުގެ އަމަލުގައި ރަހުމެއް ކުލުނެއް، ހަމްދަރުދީއެއް ނެތް ކަން ދައުލަތުން ފާހަގަ ކުރިއެވެ.

ދައުލަތުން މި މައްސަލައިގައި އެދުނީވެސް މާވިން އުމުރަށް ޖަލަށްލުމަށެވެ. ދައުލަތުންވަނީ ކުށުގެ އަދަބު ވީ އެންމެ ބޮޑެއްކޮށްދިނުމަށް ވެސް އެދިފައެވެ. އަދަބާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ފަހު މާވިންއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން، އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށް މާވިންވަނީ ބުނެފައެވެ. މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލަ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެފައިވާއިރު، އޭނާގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ބަންދުކޮށްފައި ވަނިކޮށް މާވިން ވަނީ އިސްލާމްވެފައެވެ. އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފަށް ބަދަލުވެސް ކޮށްފައެވެ. އެކަން އޭނާގެ ފަރާތުންވަނީ ކުރިން އިސްލާމިކް މިނިސްޓްރީއަށްވެސް އަންގައިފައެވެ.

comment ކޮމެންޓް