ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރި ރާއްޖެއެއް، ސިއްހީ ދާއިރާގެ އަމާޒަކީ އެއީ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު: އެކަމަނާ ވަނީ ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރި ރާއްޖެއެއް ކަމަށް ވިދާޅުވެފައި --- ފޮޓޯ: ޕީއެސްއެމް ނިއުސް

ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ރާއްޖެއެއް ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ އެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އިސްރަށްވެހިންގެ ސައްލާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއް ކަމަށާއި ވަކިން ޚާއްސަކޮށް އިސްރައްވެހިންގެ ނަފްސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމަށެވެ.

އެކަމަނާ ވަނީ ގައުމެއްގެ އެންމެ އިއްޒަތްތެރި އެއްބަޔަކީ އެ ގައުމެއްްގެ އިސްރަށްވެހިން ކަމަށާއި ގައުމެއްގައި އެންމެ ގަދަރުކުރެވޭ އެއްބަޔަކީވެސް އެ ގައުމެއްގެ އިސްރައްވެހިން ކަމަށް ވިދާޅުވެފައެވެ. އަދި އިސްރަށްވެހިންނަކީ ގައުމެއްގެ އެންމެ ހަރުދަނާ ތަނބުތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ އިސްރައްވެހިންނަށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި އިސްރައްވެހިންގެ ރައްކާތެރިކަމާ ބެހޭ ހުރިހާ ދާއިރާއަކަށް ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެބޭފުޅުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަން، ރޫހާނީ ދުޅަހެޔޮކަން، ޖިސްމާނީ ދުޅަހެޔޮކަން، އަދި އިޖްތިމާއީ ދުޅަހެޔޮކަން ވެސް އަޅުގަނޑުމެން ކަށަވަރުކޮށްދޭންޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން އިސްރަށްވެހިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބި އެފަދަ ކަންކަމާމެދު ވާހަކަދައްކައި އެ ކަންކަމުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ،ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އެކަމަނާ ވަނީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ އަދި އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ރާއްޖެއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ އެ އަމާޒަށްކަމަށާއި ވަކިން ހާއްސަކޮށް ފާއިތުވި ދެތިން އަހަރުގެތެރޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި އެ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މަރުކަޒުތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އެކަނިވެރިކަން ފިލައި އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ.

comment ކޮމެންޓް