ދުނިޔޭގެ އެންމެ ދުވަސްވީ ކަހަނބުގެ ވިރާސީ ސިފަތަކުން އިންސާނުންގެ އުމުރު ދިގުކުރުމަށް އެހީއެއް

ދުނިޔޭގެ އެންމެ ދުވަސްވީ ކަހަނބު --

ބޮޑެތި ކަހަނބުތައް އެހާ ގިނަ ދުވަހު ދުނިޔޭގައި ތިބެނީ، އެ ޖަނަވާރުތަކުގެ ހަށިގަނޑުގެ ނިޒާމުތައް މަސައްކަތްކުރާލެއް ލަސްކަމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ހަށިގަނޑުގައި ހަކަތަ އުފައްދާ މިންވަރު ނުވަތަ މެޓަބޮލިކް ރޭޓް ދަށްވުމުގެ ސަބަބުން، ސެލްތަކަށް ލިބޭ ގެއްލުން ކުޑަވަނީ ކަމަށް ކުރިން ބެލެވިފައި އޮތެވެ. ނަމަވެސް، ދުނިޔޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު ކަމަށްވާ "ޖޮނަތަން" ނަމަކަށް ކިޔާ ކަހަނބުގެ ދަރިދަރިކޮޅުން އައި ނުވަތަ ވިރާސީ ސިފަތައް (ޖީނޯމް) ދިރާސާކުރުމަށްފަހު ސައިންސްވެރިން ވަނީ މިކަމުގެ އާ ހޯދުންތަކެއް ހާމަކޮށްފައެވެ. ސައިންސް އެޑްވާންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ކަހަނބުގެ އުމުރު ދިގުވުމުގެ ފަހަތުގައި ވަނީ ހަމައެކަނި ލަސް ދިރިއުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، ސެލްތައް ހަލާކުވުމުން ސަލާމަތްކޮށްދޭ ހާއްސަ ޖީންތަކެއް އޭގެ ހަށިގަނޑުގައި އެކުލެވިގެންވެއެވެ.

އުމުރުން 194 އަހަރުވެފައިވާ ކަމަށް ލަފާކުރެވޭ ޖޮނަތަންއަކީ އިންޑިއާ ކަނޑުގެ ސީޝެލްސްއަށް ނިސްބަތްވާ އަލްޑަބްރާ ބޮޑު ކަހަނބުގެ ބާވަތެކެވެ. ނަމަވެސް އޭގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ ޓެރިޓަރީއެއް ކަމަށްވާ ސެންޓް ހެލީނާގައެވެ. ބޮޑެތި ކަހަނބުތަކަކީ އާންމުކޮށްވެސް އެއްގަމުގައި އުޅޭ ޖަނަވާރުތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅޭ އެއް ބާވަތެވެ. ބައެއް ކަހަނބުތައް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބޭކަން ރެކޯޑުކުރެވިފައިވީ ނަމަވެސް، 200 އަހަރާ ގާތްކުރަމުން އަންނަ ޖޮނަތަންއަކީ މި ބާވަތުގެ ތެރެއިންވެސް އާދަޔާހިލާފު މިސާލެކެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވާސިޓީގެ ބަޔޮލޮޖީ މާހިރެއް ކަމަށްވާ ޖަސްޓިން ގަރލާކްއާއި އޭނާގެ ޓީމުން ވަނީ ޖޮނަތަންގެ ޖީނޯމްގެ އިތުރުން، ޖީންތައް މަސައްކަތްކުރާ ގޮތް ކޮންޓްރޯލްކުރާ ނިޒާމު ކަމަށްވާ އެޕިޖީނޯމް ދިރާސާކޮށްފައެވެ. މި ދިރާސާއިން ވަނީ، އުމުރުން ދުވަސްވުމުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ހަށިގަނޑު ދިފާއުކޮށްދިނުމާ ގުޅުންހުރި 287 ޖީން ވެރިއަންޓެއް ހޯދާފައެވެ. ގަރލާކް ބުނި ގޮތުގައި، ޑީއެންއޭ މަރާމާތުކުރުމަށާއި ހަށިގަނޑު ދުޅަވުން (އިންފްލެމޭޝަން) ކުޑަކުރުމަށް އެހީތެރިވެދޭ ހާއްސަ ޖީންތަކެއް ޖޮނަތަންގެ ހަށިގަނޑުގައި ހުރެއެވެ. މިއީ އުމުރުން ދުވަސްވުމުގެ މަރުހަލާ ލަސްކޮށްދޭ ކަމަށް ސައިންސްވެރިންނަށް އެނގިފައިވާ މުހިންމު ދެ ކަމެކެވެ.

ޖޮނަތަން: މި ފޮޓޯ ނެގި ކަމަށް ބެލެވެނީ 1882އާއި 1886އާ ދޭތެރޭގެ ތާރީޚެއްގައި -- ފޮޓޯ/ ގިނެސް ވޯލްޑް ރެކޯޑްސް

މި ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އުމުރުން އިންތިހާއަށް ދުވަސްވެފައިވީ ނަމަވެސް، ޖޮނަތަންގެ ހަށިގަނޑުގައި ބޭނުންވާ ޖީންތައް އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް މަސައްކަތްކުރަމުން ދިއުމެވެ. އިންސާނުންނާއި އެހެނިހެން ގިނަ ޖަނަވާރުތަކުގައި މި ނިޒާމު މާ ކުރިން ހަލާކުވާން ފަށާ ކަމަށް ގަރލާކް ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި، އިންސާނުންގެ ސެލްތައް ގޯސްކޮށް މަސައްކަތްކުރަން ފެށުމުން ކެންސަރު ފަދަ ބަލިތައް ޖެހެއެވެ. ނަމަވެސް ޖޮނަތަންގެ ހަށިގަނޑުގައި އަދިވެސް ހުރީ މާ ޒުވާން ޖަނަވާރެއްގެ ވިރާސީ ކޮންޓްރޯލްތަކެވެ. މިއީ ހަމައެކަނި ޖޮނަތަންގެ ހާއްސަ ސިފައެއްކަން ނުވަތަ މުޅި ބާވަތުގެ ސިފައެއްކަން އަދި ކަށަވަރުނުވި ނަމަވެސް، އިންސާނުންނާ އަޅައިބަލާއިރު ކަހަނބުގެ ހަށިގަނޑު މާ ބޮޑަށްވެސް ދުޅަހެޔޮކަން މިކަމުން އެނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ޖޮނަތަންގެ ޑީއެންއޭއާއި އެޕިޖީނޯމް، ސީޝެލްސްގެ އަލްޑަބްރާ އަތޮޅުގައި އުޅޭ ޒުވާން ކަހަނބުތަކާ އަޅައިކިޔުމުން ގިނަ އެއްގޮތްކަންތަކެއް ފެނިފައިވާ ކަމަށް ދިރާސާ ޓީމުން ބުނެފައިވެއެވެ. މީގެ އިތުރުން، ސެލްތަކަށް ހަކަތަ އުފައްދައިދޭ މައިޓޮކޮންޑްރިއާ ހުރީ ވަރަށް ފުރިހަމަ ހާލަތެއްގައެވެ. ކަލެލް ފައުންޑޭޝަންގެ ބާނީ އަދި މި ދިރާސާގެ އިސް މުސައްނިފު ޑރ. ސްޓީވަން ކްލާކް ބުނި ގޮތުގައި، ގިނަ ދުވަހު ދުނިޔޭގައި ހުންނަ ބާވަތްތަކަށް މައިޓޮކޮންޑްރިއާގެ ދުޅަހެޔޮކަން ވަރަށް މުހިންމެވެ. އުމުރުން 110 އަހަރަށްވުރެ ގިނަ ދުވަސްވާ އިންސާނުންގެ މައިޓޮކޮންޑްރިއާވެސް މާ ރަނގަޅަށް މަސައްކަތްކުރާކަން ހޯދިފައިވާއިރު، ޖޮނަތަންގެ ނަތީޖާތައް މިކަމާ ގުޅޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ކްލާކް އިތުރަށް ބުނީ، ޖޮނަތަންގެ ޖީނޯމްއަކީ އިންސާނުންގެ ސެލްތައް ވަރުގަދަކުރުމަށް ބޭނުންކުރެވިދާނެ ފަރުވާތަކަކަށް މަގުފަހިކޮށްދޭނެ ކުރެހުމެއް ކަމަށެވެ.

އަދި މައިޓޮކޮންޑްރިއާގެ ސިއްހަތު ރަނގަޅުކޮށްދޭ އިންސާނީ ބޭސްތަކެއް ހޯދައި، ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ޝައުގުވެރިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޖޮނަތަންގެ އަސްލު އުމުރު ޔަގީންކޮށް އެނގޭކަށް ނެތެވެ. ސައިންސްވެރިން އޭނާގެ އުމުރު 194 އަހަރު ކަމަށް ލަފާކުރަނީ 1882 ވަނަ އަހަރު ސެންޓް ހެލީނާގައި ނަގާފައިވާ ފޮޓޯއަކަށް ބިނާކޮށެވެ. އެ ފޮޓޯއިން ފެންނައިރުވެސް ޖޮނަތަން އޮތީ ބޮޑުވެ ފުރިހަމަވެފައެވެ. ބޮޑެތި ކަހަނބުތައް އެ ސައިޒަށް ބޮޑުވަނީ އުމުރުން ގާތްގަނޑަކަށް 50 އަހަރުވުމުން ކަމަށްވާތީ، މީގެ 144 އަހަރު ކުރިން ނަގާފައިވާ ފޮޓޯއިން އޭގެ މިހާރުގެ އުމުރު ވަނީ ހިސާބުކޮށްފައެވެ. މި އަންދާޒާއަށް ބިނާކޮށް، ސެންޓް ހެލީނާގެ ގަވަރުނަރު ވަނީ 2022 ވަނަ އަހަރު ޖޮނަތަންއަށް ރަސްމީ އުފަންދުވަހެއް ކަނޑައަޅުއްވާފައެވެ. އެއީ 4 ޑިސެންބަރު 1832 އެވެ. ގަރލާކް ބުނާ ގޮތުގައި ޖޮނަތަންގެ އުމުރު 200 އަހަރަށްވުރެ މަތިވުންވެސް އެކަށީގެންވެއެވެ. 1800 ގެ އަހަރުތަކުގައި ބޮޑެތި ކަހަނބުތަކަކީ އާދަޔާހިލާފު އެއްޗެއްގެ ގޮތުގައި ބެލެވުނު ދުވަސްވަރެއް ކަމުން، ޖޮނަތަން ސެންޓް ހެލީނާއަށް ގެންދިޔައީ އިސް އޮފިޝަލަކަށް ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން، އޭރު އެ ބާވަތުގެ ކަހަނބުތަކަށް ކުރިމަތިވަމުންދިޔަ ހިތާމަވެރި ނިމުމުން އޭނާ ސަލާމަތްވިއެވެ. ގަރލާކް ކިޔައިދިން ގޮތުގައި، އޭރު ދަތުރުކުރާ ބޯޓުފަހަރުތަކުން ކަހަނބުތައް ހިފައިގެން ގޮސް، ކާބޯތަކެތި ނުދީ މަސްތަކެއް ވަންދެން ބައިތިއްބައެވެ. އަދި އެއީ ކެއުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ގެންގުޅުނު ރަހުމުކުޑަ އާދައެއް ކަމަށާއި، މޮރިޝަސްގެ ކަހަނބުގެ ބާވަތްތައް ނެތިގެން ދިޔައީ މިކަމުގެ ސަބަބުން ކަމަށް އޭނާ ބުނެފައިވެއެވެ.

ޖޮނަތަން، 2023 ވަނަ އަހަރު -- ފޮޓޯ/ ގިނެސް ވޯލްޑް ރެކޯޑްސް

ބަރުދަނުގައި ގާތްގަނޑަކަށް 180 ކިލޯގްރާމް ހުންނަ ޖޮނަތަންގެ ލޮލަށް މިހާރު ނުފެނުނު ނަމަވެސް، އެ އަދިވެސް ހަރަކާތްތެރިވެ އުޅެއެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޖަނަވާރެކެވެ. މިއަހަރުގެ އޭޕްރީލް ފޫލްސް ދުވަހު ޖޮނަތަން މަރުވެއްޖެ ކަމަށް ބުނެ ދޮގު ހަބަރެއް ފެތުރުމާ ގުޅިގެން، އޭނާގެ ހާލު ރަނގަޅުކަން ސެންޓް ހެލީނާގެ ސަރުކާރުން ކަށަވަރުކޮށްދޭން ޖެހުނެވެ. ޖޮނަތަންގެ އުމުރުން ދުވަސްވެފައިވުމާއެކު، އިންފެކްޝަނެއް އުފެދިދާނެތީ ދިރާސާ ޓީމުން ޑީއެންއޭ ސާމްޕަލް ނެގީ ލޭ ނެގުމުގެ ބަދަލުގައި އަނގައިންނެވެ. ކުޅުގެ ސާމްޕަލް ބޭނުންކުރުމުގެ ސަބަބުން، ޑީއެންއޭ ސީކުއެންސް ކުރުމުގެ އެންމެ ޒަމާނީ އަދި ސީދާ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ހުރަސްއެޅުނު ކަމަށް ދިރާސާ ޓީމުން ފާހަގަކޮށްފައިވެއެވެ.

މި ދިރާސާއާ ގުޅޭގޮތުން އެހެން ސައިންސްވެރިންވެސް ވަނީ ހިޔާލު ފާޅުކޮށްފައެވެ. ތުރުކީގެ މިޑްލް އީސްޓް ޓެކްނިކަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ހަންޑާން މެލިކޭ ޑޮނާޓާސް ބުނި ގޮތުގައި، ހަމައެކަނި އެއް ޖަނަވާރެއްގެ މައްޗަށް ބިނާކޮށް ޖޮނަތަން އެހާ ގިނަ ދުވަހު ދުނިޔޭގައި އޮތް ސީދާ ސަބަބު ޔަގީންކުރަން ދަތިވާނެއެވެ. އެހެންކަމުން ވިރާސީ ސަބަބުތައް ރަނގަޅަށް ދެނެގަތުމަށްޓަކައި އިތުރު ބޮޑެތި ކަހަނބުތަކާއި ގިނަ ދުވަހު އުޅޭ އެހެން ބާވަތްތައް ދިރާސާކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ. ނިއުޔޯކްގެ ޔުނިވާސިޓީ އެޓް ބަފަލޯގެ ޕްރޮފެސަރ ވިންސެންޓް ޖޭ. ލިންޗް ފާހަގަކުރި ގޮތުގައި، ޖޮނަތަންއަކީ އުމުރު ދިގުވުމާ ގުޅުންހުރި ވިރާސީ ބަދަލުތައް ދިރާސާކުރުމަށް އެންމެ އެކަށީގެންވާ އެއް މިސާލެވެ. ނަމަވެސް މި ދިރާސާގައި ބޭނުންކޮށްފައިވާ ބައެއް މޮޑެލްތަކުގެ ސަބަބުން ނަތީޖާ ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ އިންޒާރުދިނެވެ. އެހެން ނަމަވެސް، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންގހަމްގެ އެސޯސިއޭޓް ޕްރޮފެސަރ ޔިލޭނިއާ ކިއާރީ ބުނި ގޮތުގައި، މިއީ ބޮޑެތި ކަހަނބުތަކުގެ އުމުރު ދިގުވުމާއި ސިއްހަތު ރަނގަޅުވުމުގެ ސިއްރުތައް ހޯދުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގހަމްގެ މޮލެކިއުލަރ ބަޔޯޖެރޮންޓޮލޮޖީގެ ޗެއަރ ޖޮއާއޯ ޕެޑްރޯ ޑި މަގަލްހާއެސް ބުނި ގޮތުގައި، ބައެއް ބާވަތްތަކުގެ އުމުރު އެހާ ދިގުވާ ސަބަބު ދެނެގަތުމަކީ އިންސާނުންގެ ސިއްހަތަށް އޭގެ ފައިދާ ކުރާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު