"ސްޓިލް ވޯކިންގް..."

އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

********

އަނގަމަތީގައި އަތް އަޅައި ބާރުކޮށްލީމެވެ. އަހަރެންގެ ނޭވާގެ އަޑުވެސް އިބްރާހީމަށް އިވިދާނެތީ ބިރުގަތެވެ. ކޮޓަރީގެ ހުރިހާ ތަނެއް ހޯދި އިރުވެސް އަހަންނަށް އެ ކެމެރާ ނުފެނުނީ ކީއްވެ ހެއްޔެވެ؟ އިބްރާހީމް އެ ކެމެރާ ކުރިންވެސް އިން ތަނުގައި ބޭންދިއެވެ. އަނެއްކާވެސް ނެގިއެވެ. ކެމެރާ ޖީބަށް ލުމަށްފަހު، ކަބަޑު ލައްޕައިލިއެވެ. އެއަށްފަހު، ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭރުވެސް އަނގަމަތިން އަތް ނަގަން ނޭގިފައި އަހަރެން ހުރީމެވެ. އަހަންނަށް އެ ކޮޓަރިން ފެނުނީ، އެހެން މީހުންގެ ވާހަކައިގައި ބުނާފަދަ ބިރުވެރި އެއްޗެއް ނޫނެވެ. އެހެނެއްކަމަކު، އެ ކޮޓަރިން ހިތަށް ލިބުނު ބިރުވެރިކަން ކުޑައެއްވެސް ނުވިއެވެ.

********

މަސައްކަތުގައި އަވަދިނެތި އުޅުނަސް، އަހަންނަށް އެއްވެސް ކަމަކަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ކަންކަން އެނގެމުންދިޔަ ވަރަކަށް އިތުރަށް އެނގެން ބޭނުންވިއެވެ.

"ހެލޯ..." މޭޒުގައި ދެފަހަރަކު ޖަހާލުމަށްފަހު ފަތުރުވެރިއަކު ގޮވައިލި އަޑު އިވުނެވެ.

ކުރިމަތީގައި ހުރީ ތިރީހަކަށް އަހަރުގެ ބިދޭސީ އަންހެނެކެވެ. އޭނާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

"އެއްޗެއް އަހާލަންތަ؟..." އެމީހާ އަހައިލިއެވެ.

"ޔެސް..." އަހަރެން ބުނީމެވެ.

ފަތުރުވެރިޔާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭނާ މަޑުމަޑުން އަހަންނާއި ކައިރިވެލިއެވެ.

"މިތާ ރޫމްތަކުގަ ކެމެރާ ހުރޭތަ؟..." ހަމައެކަނި އަހަންނަށް އިވޭ ވަރަށް އެމީހާ އަހައިލިއެވެ.

އަހަރެންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ކެމެރާގެ ވާހަކަ ބުނުމުން ރޭގެ ހާދިސާ ހިތަށް ސިފަވެގެން ދިޔައެވެ.

"ކިހިނެއްތޯ ވީ؟..." ހަމަޖެހިލަން މަސައްކަތް ކުރަމުން، އަހައިލީމެވެ.

ފަތުރުވެރިޔާ ދޫކޮށްލީ ފުން ނޭވާއެކެވެ.

"ރޭގަ އައީ މެސެޖެއް..." އޭނާ ބުންޏެވެ.

"ކޮންކަހަލަ މެސެޖެއް؟..." އަހަރެންގެ ޝައުގުވެރިކަން އިތުރުވިއެވެ.

ފަތުރުވެރިޔާ އަހަންނަށް ދެއްކީ އޭނާގެ ފޯނެވެ. އިސްކްރީނުން ފެނުނީ އޭނާގެ ތަސްވީރެކެވެ. އޭނާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ރީތިވާ ސާމާނުތައް އެނދުމަތީގައި ހުއްޓެވެ. ތެތް އިސްތަށިގަނޑާއި، އެނދުމަތީގައި އޮތް ތުވާލިން އޭނާ އިނީ ފެންވަރައިގެން އައިސް ރީތިވާންކަން އެނގެއެވެ. ތަސްވީރުގެ އެންމެ ބޮޑު މައްސަލައަކީ އެ ހަށިގަނޑުގައި ފޭރާމެއް ނެތުމެވެ.

"މެސެޖު ކިޔާލަބަލަ..." އޭނާ އެދުނެވެ.

ތަސްވީރާއިއެކު ފޮނުވާފައިވާ މެސެޖުގައި އޮތް އެއްޗެއް ކިޔައިލުމުން، އަހަރެންގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ.

"ފައިވް ތައުޒަންޑް ޑޮލަރ ފޮނުވާ!... ނޫނީ މި ފޮޓޯ ފިރިމީހާއަށް ދާނެ..."

"މި ވާހަކަ އޯނަރ ކައިރީ ބުނިންތަ؟..." އަހަރެން އަހައިލީމެވެ.

ފަތުރުވެރިޔާ ބޯ ހޫރައިލިއެވެ.

"އަހަންނަކަށް ނޭނގެ އިތުބާރު ކުރާނީ ކާކަށް ކަމެއްވެސް..." މާޔޫސީ އަޑަކުން އޭނާ ބުންޏެވެ.

"އައި އަންޑަސްޓޭންޑް..." ފޯނު އަނބުރާ ފަތުރުވެރިޔާގެ އަތަށް ދެމުން އަހަރެން ބުނީމެވެ.

"އަހަރެން މި މައްސަލަ ޖައްސާނަން..."

އިސްޖަހައިގެން ހުރެ، އޭނާ ދިޔައެވެ. ވިސްނައިލުމުން، އަހަންނަށް ހުރިހާ ކަމެއް އެނގެން ފެށިއެވެ. ހަތްވަނަ ކޮޓަރިން ފެނުނު ކެމެރާ އާއި އިބްރާހީމްގެ އެކައުންޓުތަކަށް ވަންނަ ފައިސާގެ އަދަދުތައް ގުޅުވައިލެވުނެވެ. މިހާރު އަހަރެންގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. މަރްޔަމް މަރުވީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ފަހަތުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއް ވާނެއެވެ.

ގެސްޓުންގެ ރަޖިސްޓަރ ބަލަހައްޓާފައިވާ ފޮތްތައް ނެގީމެވެ. ތިން އަހަރު ކުރީގެ ރަޖިސްޓަރީ ހޯދަން ކުޑަ މަސައްކަތެއް ކުރަން ޖެހުނެވެ. އަހަރެން ހޯދީ މަރްޔަމްގެ ނަމެވެ. އެ ނަން ފެނުމުން މުޅި ގައިން ހީބިހި ނެގިއެވެ.

"މަރްޔަމް ޑެމީރް..."

އަހަރެންގެ ނަޒަރު ހުއްޓުނީ، މަރްޔަމްގެ ސޮޔަށެވެ. ސޮއިގެ ތިރީގައި ރީތި ފޮންޓަކުން މަރްޔަމްގެ ނަން ޖަހާލާފައި އޮތެވެ. އެ ލިޔުން އަހަންނަށް އަލެއް ނޫނެވެ. އުފަންދުވަހުގެ ކާޑުތަކުންނާއި، އެތައް ނޯޓަކުން އެ ލިޔުން އަހަންނަށް ވަނީ ފެނިފައެވެ. ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން، މަޑުމަޑުން ފޮތް ލައްޕައިލީމެވެ. އޭރު ދެއަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ.

"މޯމް!..." ދެލޯ މަރައިލުމާއިއެކު އަހަރެންގެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތުގައި ބީހިލިކަމުގެ އިހުސާސް ވިއެވެ.

މަރްޔަމްއަކީ އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ މަންމައެވެ. މަރުދުވަހާއި ހަމައަށްވެސް މަންމަ އެއްވެސް ހިތާމައެއްގައި އުޅުނުކަމުގެ އިހުސާސް އަހަންނަށް ވެފައެއް ނުވެއެވެ. އެ މަންމަގެ މަރުގެ ހަގީގަތް ހޯދުމަށް ރާއްޖެ އައުމަށް ތިން އަހަރު ވަންދެން އަހަރެން ފުރިހަމައަށް ތައްޔާރުވީމެވެ. އަހަރެންގެ ގައުމާއި، ފުރިހަމަ ނަން އޮޅުވައިލީމެވެ. މަތީ ތައުލީމެއް ހާސިލުކޮށްގެން ހުރެ އަހަރެން ރާއްޖެ އައީ، އެންމެ މަގުސަދެއްގައެވެ. އަހަރެން ބޭނުންވީ ހިތުގައިވި ސުވާލުތަކުގެ ޖަވާބެވެ. މަންމަގެ މަރުގެ ހަގީގަތެވެ. އެ މަންމަ އަމިއްލައަށް މަރުވެދާނެކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމުގައިވެސް ކެތްތެރިކަން އިސްކުރާ އެ މަންމައަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ.

ހަމަ އެރޭ އަހަރެން އަނެއްކާވެސް ރޫމް ހަތަކަށް ދިޔައީމެވެ. ތަންތަން ހޯދަން ފެށީމެވެ. ކިތަންމެ ގިނައިރުވިޔަސް، އަހަރެންގެ އަޒުމެއް ނުގުޑާނެއެވެ. މަންމައަކީ އެހެން މީހުންނާއި ތަފާތު މީހެކެވެ. ކޮންމެވެސް ކަހަލަ ހެއްކެއް ފެންނާނެކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ޑްރެސިންގް ޓޭބަލް ދުރުކޮށްލި ވަގުތު، ފަހަތުގައިވާ ފިލާގަނޑުގެ ތެރެއިން އަޑެއް އިވުނުހެން ހީވިއެވެ. އަހަރެން އެ ފިލާގަނޑު ނައްޓައިލީމެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. ފިލާގަނޑާއި ޑްރެސިންގް ޓޭބަލްގެ ދޭތެރޭގައިވާ ހުސް ޖާގައިގައި ކުޑަ ފޮށްޓެއް އޮތެވެ. ގިނަ ދުވަސް ވުމުގެ ސަބަބުން ފޮށި އޮތީ ހިރަފުހުން ފުރިފައެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރިން ހިރަފުސްތައް ފޮހެލީމެވެ. އެއީ މަންމަގެ ގަހަނާތައް ރައްކާކުރުމަށް ގެންގުޅޭ ޒާތުގެ ކުޑަ ފޮށްޓެކެވެ. ރިހިކުލައިން ޖަރީކޮށްފައިވާ އެ ފޮށްޓަކީ މަންމަގެ ޑްރެސިންގް ޓޭބަލްގެ މަތިން އަބަދުވެސް ފެންނަ ފޮށްޓެކެވެ. ފޮށީގެ ބޭރުގައި ފިރުމައިލިއިރު، އަހަރެންގެ ދެލޮލުން ކަރުނަ އޮހެން ފަށައިފިއެވެ.

ފޮށި ހިފައިގެން މުށިތަކުގެ މަތީގައި އިށީނީ ކޮޅަށް ހުންނާނެ ވަރު ނެތުމުންނެވެ. އަހަރެން އުއްމީދުކުރި ގޮތަށް ފޮށި އޮތީ ތަޅުލާފައެވެ. ތަޅު ހުޅުވުނީ ކުރީ ރޭ ފެނުނު ތަޅުދަނޑިންނެވެ. ފޮށީގައި އޮތީ، ޕެންޑްރައިވް އަކާއި، ފަތްޖަހާފައި އޮތް ކަރުދާސްގަނޑެކެވެ. ގިނަދުވަސް ވުމުގެ ސަބަބުން ކަރުދާހުގެ ކުލައަށް ވަނީ ބަދަލު އައިސްފައެވެ. އަހަރެން ފުރަތަމަވެސް ހުޅުވައިލީ ކަރުދާސްގަނޑެވެ. ޝައްކެއްނެތް މިންވަރަށް އެއީ މަންމަގެ އަތުލިޔުންކަން އަހަންނަށް އެނގުނެވެ.

"އައިލިޝް..."

ހުއްޓުމެއްނެތި ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން އަހަރެންގެ ދެކޯތާފަތް ވަނީ ތެމިފައެވެ. ދޮރު ހުޅުވުނު އަޑު އިވުމުން އަހަރެން ދޮރާއި ދިމާއަށް ބަލައިލީމެވެ. ކަރުނަތަކުން ދެލޯ ފުރިފައިވާތީ، ކުރިމަތީގައި ހުރި މީހާ ފެނުނީ ފުސްކޮށެވެ. އެހެނަސް، އެއީ ކާކު ކަމެއް ނޯޅުނެވެ. އެއީ އިބްރާހީމެވެ. އެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ.

"ތިކުރީ ވަރަށް ވިޔާނުދާ ކަމެއް..." ދެބުމަ ގޮށްޖަހައިގެން ހުރި އިބްރާހީމް ބުންޏެވެ.

އަހަންނަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ފޮށްޓާއި ކަރުދާސްގަނޑުގައި ބާރަށް ހިފަހައްޓައިލެވުނެވެ.

"ޔޫ ކިލްޑް ހާރ..." އަހަރެން ހަޅޭއްލަވައިގަތީމެވެ.

ދެލޯ ހަނިކޮށްގެން އަހަންނަށް ބަލަން އިބްރާހީމް ހުއްޓެވެ.

"ކާކު؟..." ހައިރާންކަން އެކުލެވޭ ރާގަކަށް އިބްރާހީމް އަހައިލިއެވެ.

"އަހަރެންގެ މަންމަ...." އަހަރެން ފޮރުވާކަށް ނޫޅެމެވެ.

އިބްރާހީމްގެ ދެލޯ ބޮޑުވިއެވެ.

"ކާކޭ؟..." ކެތްތެރިކަން ކުޑަ ރާގަކަށް އިބްރާހީމް އަހައިލިއެވެ.

"މަރްޔަމް ޑެމީރް..." އަހަރެން ބުނީމެވެ. "އެނގިއްޖެތަ؟ އޭނ؟..."

އިބްރާހީމް ފަހަތަށް ފިޔަވަޅެއް އެޅިތަން ފެނުނެވެ. ކުޑަ އިރުކޮޅެއް ވީއިރުވެސް އޭނާ އެއްޗެއް ނުބުނެއެވެ. ކުއްލިއަކަށް އިބްރާހީމްގެ ދެބުމަ ގޮށްޖެހުނެވެ. ނަފުރަތުން ފުރިފައިވި ނަޒަރަކުން އަހަންނަށް ބަލައިލިއެވެ.

"އައިލިޝް ތީ މަރްޔަމްގެ ދަރިއެއް؟..." ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އޭނާ ބުންޏެވެ.

"އާނ... އަހަރެން މީ އެ މަރްޔަމްގެ ދަރިފުޅު.... ހުރި ހަމައެކަނި ދަރިފުޅު...." މޭގައި އަތް ޖައްސައިލަމުން އަހަރެން ބުނީމެވެ.

އިބްރާހީމް މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އަހަންނާއި ދިމާއަށް އެނބުރުނެވެ. އޭރު އެ ނަޒަރު ތަފާތުވެއްޖެއެވެ. ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.

"ޔޫ ޝުޑް ހޭވް ސްޓެއިޑް އަވޭ..." އިބްރާހީމް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

"ކީއްވެ އޭނަ މަރާލީ؟..." އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހަޅައިގެންވެސް، އަހަރެން ބޭނުންވީ ހިތުގައިވި ސުވާލުތަކުގެ ޖަވާބެވެ.

"އޭނައަށް ފެންނަން ނުޖެހޭ އެއްޗެހި ފެނުނީމަ..." އިބްރާހީމްގެ ރާގު ބަދަލުވިއެވެ.

"ކެމެރާ؟..." އަހަރެން އަހައިލީމެވެ.

އިބްރާހީމް ދެލޯ ހަނިކޮށްލިއެވެ. އަހަންނަށް ހަގީގަތް އެނގޭކަން އެނގުމުން އޭނާ ހާސްވިއެވެ.

"ކެމެރާ އެކަންޏެއް ނޫން... ހުރިހާ ކަމެއް..." އަހަންނާއި ދިމާއަށް އަންނަމުން އިބްރާހީމް ވާހަކަ ދެއްކިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އަހަރެންގެ އަތުގައި އޮތް ކަރުދާސްގަނޑަށެވެ.

"އަހަންނަށް އެނގޭ، މަންމަ އަމިއްލައަށް މަރުވީ ނޫންކަން.... އެ ހުރިހާ ކަމެއް ފަޅާ އަރުވާލަން އުޅުނީމަ ދޯ މަންމަ މަރާލީ؟..." އަހަރެން ބޭނުންވީ އިބްރާހީމްގެ ދުލުން ހަގީގަތް ބުނުވާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު